ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ ފޮނަދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފޮނަދޫ އިޖްތިމާއި މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ އިޙްތިޞާޞްގައި ގާދޫ ހިމަނުއްވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. ހަމައެއާއިއެކު ސުކޫލުގެ އިމާރާތް ނުނިމި ލަސްވާތީ ދިމާވާ ދަތިތަކާއި، ރަށަށް ހޮސްޕިޓަލެއް ބޭނުންވާކަމުގައި މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ރަށުގައި ބަންކަރިންގެ ޚިދުމަތް ފަށަން ބޭނުންވާކަމާއި ޕަބްލިކް ވާރކްސްގެ. ޚިދުމަތް ދިނުމަށް އިކުއިޕްމެންޓްސް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެެއްވިއެވެ. އަދި ރަށުގައި ހުއްޓިފައިހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ފުލުހުންގެ އިމާރާތާއި، ފުޓްސަލް ދަނޑާއި، ޒުވާނުންގެ މަރުކަޒާއި، ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ޒުވާނުންގެ ފަރާތުން ވަނީ، ރަށުގެ ފުއްޓަރުފަރާތުގައި ޖެޓީއެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ ފޮނަދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ