ޝަރުތު ހަމަނުވާ ބަޔަކަށް ފުލެޓް ދިންކަމަށް ކުރާ ދައުވާއަށް އަކްރަމް އިންކާރުކުރައްވައިފި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ ދަށުން، ޝަރުތު ހަމަ ނުވާ ބަޔަކަށް ފުލެޓާއި ގޯތި ދިން ކަމަށް ކުރާ ދައުވާތަކަށް، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ކްރިމިނަލް ކޯޓުގައި އިންކާރު ކުރައްވައިފިއެވެ. ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމުން ނުހައްގުން ގޯއްޗާއި ފުލެޓު ދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި، މިދިޔަ ސަރުކާރުގައި ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމްގެ އިތުރުން، ހައުސިން މިނިސްޓްރީގެ އެހެން ބައެއް އިސްވެރިންގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ: ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް ޑިރެކްޓަރު ޖެނެރަލް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު އަހުމަދު ވިޝާން ނަސީމް ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއް ލިރުއާމް ވަހީދު އެ އެންމެންގެ މައްޗަށް ވެސް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި އެންމެންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، މިއަދު ކްރިމިނަލް ކޯޓުގައި އޮތީ ދައުވާއަށް ޖަވާބުދާރީވުމެވެ. ދައުވާއަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އެ ހަތަރު މީހުންގެ ފަރާތުންވެސްވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. https://sun.mv/211482 މިއަދުގެ ޝަރީއަތުގައި ދައުވާއަށް ޖަވާބުދާރީވުމަށް ދިފާއީ ހެކި ހުށަހެޅުމަށް 10 ދުވަސް އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް، 15 ދުވަސް ދެއްވިއެވެ. މި މައްސަލަ ބައްލަވަނީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދެވެ. މި މައްސަލައިގެ އިތުރު ބައިތައް އޭސީސީއާއި ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ބައިތަކުގެ ތަހުގީގު ނިމުމުން، ދައުވާކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ނަމަ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފައެވެ. ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ގެދޮރުވެރިޔާ ސްކީމްގެ ދަށޫން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު ނެރުނީ ނޮވެންބަރު 4، 2023 ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އޭސީސީން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ، އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށް ފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. ނަމަވެސް ފަހުން ސަރުކާރުންވަނީ، ކުރީ ސަރުކާރުން ދީފައިވާ ގޮތަށް ފުލެޓުތައް ދޫކުރުމަށް ނިންމައިފައެވެ. އެމްޑީޕީ ސަރުކާރުން ނިންމައިފައި އޮތީ ހުޅުމާލޭ ދެވަނަ އަދި ތިންވަނަ ފިޔަވައްސާއި ގިރާވަރާއި ގުޅިފަޅުން ގޯތި ދިނުމަށެވެ. އެ ގޯތިތައް ދިނުމުގެ މަސައްކަތްތައް މި ސަރުކާރުން ކުރިއަށްގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ