ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަށްފަހު، އިސްރާއީލުން 97 މީހުން މަރާލައި 80 ފަހަރަށް އެއްބަސްވުމާ ޚިލާފުވެއްޖެ
ޣައްޒާގައި އިސްރާއީލުން ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުން މިހާތަނަށް ފަލަސްތީނުގެ 97 މީހުން މަރާލައި 80 ފަހަރަށް އިސްރާއީލުން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި 230 މީހުން ޒަޚަމް ވެސް ވެފައިވެއެވެ. "މި ގަވާއިދާ ޚިލާފުވުންތަކުގެ ތެރޭގައި ސީދާ އާންމުންނަށް އަމާޒުކޮށް ބަޑިޖަހައި ގަސްތުގައި ބޮން ގޮއްވާލުމާއި އެއްފަހަރާ ވައިގެ ހަމަލާތައް ބޭނުންކުރުމާއި ގިނަ އަދަދެއްގެ އާންމުން ހައްޔަރުކުރުން ފަދަ ކަންކަން ހިމެނޭ،" މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ. ޣައްޒާ ސަރުކާރުން ވަނީ އެ ގަވާއިދާ ހިލާފުވުމުގެ ފުރިހަމަ ޒިންމާ އިސްރާއީލު ސިފައިން ނަގައި، އެއްބަސްވުމާ ހިލާފުވުން ހުއްޓުވުމަށް އަވަސް ގޮތެއްގައި ތަދައްޚުލްވުމަށް އަދ.އަށް ގޮވާލާފައެވެ. އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން އިސްރާއީލުން ވަނީ 97 މީހުނަ މަރާލައި 230 މީހުން ޒަޚަމްކޮށްލާފައި. ފޮޓޯ/އޭއެފްޕީ އިސްރާއީލުގެ ސިފައިންގެ ސަރަހައްދައް ވަދެ، ހަމާސްއިން އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ އިސްރާއީލުން ވަނީ އިއްޔެ ހަމަލާތައް އަލުން ދޭން ފަށާފައެވެ. ނަމަވެސް ހަމާސްއިން ވަނީ އެފަދަ ކަމެއް ހިނގި ކަން ނޭގޭ ކަމަށް ބުނެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނެއްގެ މައްޗަށް ބިނާކޮށް ހަމާސް އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހެވެ. މި އެއްބަސްވުމުގައި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމާއި، ދެ ފަރާތުން އަސީރުން ބަދަލުކުރުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ހަމާސްއިން ހަތިޔާރު ނައްތާލުމަށް ވަނީ ހުށަހަޅާފައެވެ. ދެ އަހަރު ދުވަހުގެ ހަނގުރާމައިގައި ފަލަސްތީނުގެ 68،000 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 170،000 މީހުން ޒަޚަމްވެ، ޣައްޒާގެ ގިނަ އުމްރާނީ ވަސީލަތްތައް ވަނީ ހަލާކުވެ ގޮސްފައެވެ. އާންމުގެ ގެދޮރު ސުންނާފަތިވުމުގެ ސަބަބުން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ