އަންހެނެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް ޑްރަގު އެތެރެކުރިި މީހަކު އުމުރަށް ޖަލަށް

އަންހެނެއްގެ ނަމުގައި ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގު އެތެރެކުރި މައްސަލާގައި އަލީ އަކްބަރު ހަސަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލުކޮށް، 100،000ރ.ގެ ޖޫރިމަނާއަކާ އެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްވައިފި އެވެ.
ވީ ކިހިނެއް؟ - އަލީ އަކްބަރު، ދުގެތިމާގެ/ސ. ހިތަދޫގެ މައްޗަށް މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ތިން ދައުވާއެއް ކުރި އެވެ. އެއީ:
މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ
މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ
ސަހުޝް އޮޅުވާލުމުގެ ދައުވާ
އޭނާގެ މައްޗަށް ކުރި ތިން ދައުވާގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ދައުވާ ފިޔަވައި އެހެން ހުރިހާ ދައުވާއަކަށް އިންކާރުކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން 3 މާޗު 2022ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ބާކީ އޮތް ދެ ދައުވާ ސާބިތުނުވާ ކަމަށެވެ.
ތަފްސީލް - ކްރިމިނަލް ކޯޓުގެ މި ހުކުމާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެ ހުކުމް ބާތިލުކުރުމަށެވެ.
ހައި ކޯޓުން ހުކުމް ކުރީ:
މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލަ - އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާކުރަން؛ މި ފައިސާ ދެއްކުމަށް އަހަރެއް ދިން
ޝަހްސު އޮޅުވާލުން - 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް
އަލީ އަކްބަރަކީ ބަންދުގައި ހުރި މީހެއް ކަމުގައި ނުވާތީ، އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރި
އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގައިވާ ގޮތުން، މި މަސްތުވާތަކެތި ރާއްޖެ ގެނެސްފައިވަނީ 4 މާޗު 2021 ވަނަ ދުވަހު ރާއްޖެއަށް އައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ޑީއެޗްއެލްގެ ކުރިއާ ސާވިސް މެދުވެރިކޮށެވެ.
އެ ޕާރުސަލާ މެދު ޝައްކުވެގެން ކަސްޓަމްސްއިން އެކްސްރޭ ނެގުމުން އެނގުނީ އެ ޕާރުސަލު ތެރޭގައި އޮތީ ބައޮލޮޖިކަލް ސައިންސް ފޮތެއް ކަމެވެ. އެކަމަކު އެ ފޮތުގެ އެތެރޭގެ ސަފްހާތަކުގެ އެތެރެއިން ލޯވަޅެއް އަޅައި ކޮންމެވެސް އެއްޗެއް ބަންދުކޮށް އެ ތަނުގެ ތެރޭގައި އެއްޗެއް ފޮރުވާފައި އޮތް ކަމަށް ވެސް ކަސްޓަމްސްއަށް ޝައްކުކުރެވުނެވެ.
ފުލުހުންގެ ސަމާލުކަމަށް ކަސްޓަމްްސްއިން އެ ޕާރުސަލް ގެނައީ، އެ ފޮތުގެ ތެރޭގައި ބަންދުކޮށްފައި އޮތީ، މަސްތުވާތަކެތި ނުވަތަ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ކަމަށް ބެލެވިގެންނެވެ. 
މި ޕާރުސަލު ލިބެންވީ ފަރާތެއްގެ ގޮތުގައި އޭގައި ލިޔެފައި އޮތީ ހަލީމަތު އުލްފާ، ހ. ޒިފްރޯލް އެވެ. އެކަމަކު ޑީއެންއާރުގައި މިނަން ކިޔާ ފަރާތެއް ކަމަށް އޮތް މީހާއާ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، ޑީއެޗްއެލް މެދުވެރިކޮށް ދުވަހަކު ވެސް އެއްޗެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އޭގައި ޖަހާފައިވާ ފޯނު ނަންބަރަކީ އޭނާގެ ނަންބަރެއް ނޫން ކަމަށާއި ޖަހާފައިވާ އެޑްރެހަކީ ވެސް އޭނާ އުޅެފައިވާ އެޑްރެހެއް ނޫން ކަމަށެވެ.
އޭގެ ފަހުން:
ފުލުހުންގެ އިރުޝާދުގެ ދަށުން ފޮތުގެ ތެރޭގައި ފޮރުވާފައި އޮތް އެތި ނުކަނޑައި ކަސްޓަމްސްގެ ލޮކަރަށްލި
މި ޕާރުސަލާ ހަވާލުވާން އަންނަ މީހާ އަތުލައިގަތުމަށް 9 މާޗު 2021ގައި ޑީއެޗްއެލްގެ އޮފީހަށް ފުލުހުން ގޮސް އެތަނުގައި ތިބި
އެ ދުވަހުގެ މެންދުރު 1:18 ހާއިރު އެ ޕާރުސަލާއި ހަވާލުވުމަށް މީހަކު އައިސް ހުރި؛ އެކަމަކު ޑީއެޗްއެލްގެ ޔުނީފޯމް އަޅައިގެން ފުލުހުން ކައުންޓަރަށް ގޮސް ޕާރުސަލްގައި ޖަހާފައި އޮތް ނަމަށް ގޮވުމުން އެއްވެސް ފަރާތަކުން އެ ޕާރުސަލާ ހަވާލުވާކަށް ނުދޭ
ދެން އެ ދުވަހު ފުލުހުން ދިޔައީ ޕާރުސަލްގައި ޖަހާފައިވާ ގެ ކައިރިއަށް؛ އެ ގެ ކައިރިއަށް ފުލުހުން ދިޔައީ ޑީއެޗްއެލް މުވައްޒަފުންގެ ޔުނީފޯމުގައި އެތަނުގެ ވެހިކަލެއްގައި
އެ ޕާރުސަލާ ހަވާލުވާން އެ ގެއިން ނިުކުތީ އަލީ އަކްބަރު؛ އެ ގެ ކައިރީ ހުރެ "ހަލީމަތު އުލްފާގެ ނަމުގައި އޮތް ޕާރުސަލްއާ ހަވާލުވާން" އައި ކަމަށް އަދި އޭގެ ކުޑައިރުކޮޅެއް ކުރިން މި ޕާރުސަލް ބަލައި ޑީއެޗްއެލް އޮފީހަށް ދިޔަ ކަމަށް ވެސް އޭނާ ބުނި
އައިޑީ ކާޑު ދައްކައި ޕާރުސަލާ ހަވާލުވުމުން، ފުލުހުންގެ ކާޑު ދައްކައި އޭނާ ހުއްޓުވުމުން އޭނާ ހުރި ދިމާލުން ފިހާރައެއްގެ ބޭރު ގާގަޑުމަތީގައި އެ ޕާރުސަލް ބޭއްވުމަށް ފަހު، އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ ޕާރުސަލާ ހަވާލުވާން އިންކާރުކުރި
އަލީ އަކްބަރުގެ ހާޒިރުގައި އެ ޕާރުސަލް ކަނޑައި ބެލިބެލުމުން ފޮތުގެ އެތެރޭގައި ބަންދުކޮށް ފޮރުވާފައިވާ މަސްތުވާތަކެތި ފެނުނު
އެއަށް ފަހު އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެ، އެކަމާ ގުޅޭ ގޮތުން އިތުރަށް އޭނާ ވާހަކައެއް ނުދެއްކި؛ ހައްޔަރުކޮށް ސުވާލުކުރުމުން ވެސް އޭނާ ހަނުހުރި
ނަމަވެސް އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުންނާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުން އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރި
ކްރިމިނަލް ކޯޓުން އެ ކުށް ސާބިތުނުވި ނަމަވެސް، އަލީ އަކްބަރުގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ހުކުމް ކުރި ހައި ކޯޓުގެ ހުކުމުގައި ބުނީ، އެ މަސްތުވާތަކެއްޗާ އަލީ އަކްބަރާ ގުޅުމެއް ނެތް ނަމަ، ޑީއެޗްއެލްގެ ވެހިކަލް އެ ގޭދޮށަށް މަޑުކުރުމުން، "މިއައީ ހަލީމަތު އުލްފާގެ ނަމުގައި އޮތް ފާރުސަލް ބަލައޭ" އިސްވެ ބުނަން އަލީ އަކްބަރަށް އެނގެންޖެހޭ ބުއްދީގެ ހަމައެއް ނެތް ކަމަށެވެ.
އެހެން މީހަކު ބުނެގެން ހަވާލުވާން އައި އެއްޗެއް ނަމަވެސް އެ މީހެއްގެ މައުލޫމާތު އަލީ އަކްބަރު ދޭންޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެ މީހެއްގެ މައުލޫމާތު ނުދެވޭ ނަމަ އެ ޕާރުސަލުގެ ޒިންމާ އުފުލަންޖެހޭނީ އަލީ އަކްބަރު ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ