ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކޮށްފި؛ 4 މީހަކާއި ކުޑަކުއްޖަކު ހައްޔަރަށް

އައްޑޫ ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:35 އެހާކަންހާއިރު ސ. ހިތަދޫގައެވެ. ފުލުހުން ބުނީ، ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި، އަނިޔާކުރި މައްސަލައެއްގައި ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ވަގުތު އެ ސަރަހައްދުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ބަޔަކަށް މައިލޯ ދަނޑު ސަރަހައްދުގައި ތިބި ބަޔަކު ފިލަން އުޅުނުތަން ފެނުނު ކަމަށާއި އިތުރަށް ބެލި ބެލުމުން ރަހީނުކޮށްފައި ހުރި މީހަކު ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ބޮލުން ބައެއް ބާލާފައި ހުރިއިރު އެ މީހާއަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާކޮށްފައި ހުއްޓައި ފެނުނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި މައްސަލައިގައި ތުހުމަތުގައި ކުށުގެ ވެށިން ހަތަރު މީހަކާއި 15 އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނެއް ހަތަރު މީހުންނަކީ 20 އަހަރުގެ ދެ މީހުންނާއި 21 އަހަރު އަދި 22 އަހަރުގެ މީހެކެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ