އަންނަ މަހު 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލާން ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން ބުނީ އެ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހެނީ ހަމައެކަނި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުން ކަމަށެވެ.
އެގޮތުން އެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތްތަނުގެ މައުލޫމާތު ބަލަން ބޭނުންވާ ފަރާތްތަކުން (VR space ID card number) ޖެހުމަށްފަހު 1414 އަށް މެސެޖު ކުރުމުން ބަލާލެވޭނެއެވެ.
މީގެއިތުރުން ރީރަޖިސްޓާވާން ބޭނުން ނަމަ އެކަމަށް އީސީން ހާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު އޮންލައިންކޮށް އެ ކޮމިޝަނުންގެ ރީރަޖިސްޓްރޭޝަން ޕޯޓަލަށްވެސް ހުށަހެޅޭނެއެވެ. އަދި އެ ކޮމިޝަނަށް ގޮސްގެން ވެސް ފޯމު ހުށަހެޅޭނެއެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި ރީ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
އަދި ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށާއި އޮންލައިންކޮށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފައިވީ ނަމަވެސް އީމެއިލް މެދުވެރިކޮށް ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައި ނުގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އީސީން ބުނީ އެ ކޮމިޝަނަށް ގޮސްގެން ފޯމު ހުށަހަޅާނަމަ ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެ ކަމަށާއި އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ އަމިއްލައަށް ހާޒިރުވެގެން ފޯމު ހުށަހަޅާއިރު، ފޯމު ބަލައިގަނެވޭނީ ފޯމު ހިފައިގެން އަންނަ މީހާ ޒިންމާވާ ގޮތަށް ކަމަށެވެ. އެގޮތުން އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށަހެޅޭނީ 10 ފޯމު ކަމަށާއި، ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއައްސަސާއަކުން ޒިންމާވާގޮތަށް، އެތަނެއްގެ ރަސްމީ ސިޓީއަކާއެކު ފަހަރަކު ހުށައެޅޭނީ ފޯމުގައި އެތަނެއްގެ ތައްގަނޑު ޖަހާފައިވާ 100 ފޯމު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ގުރައިދޫ ދާއިރާގެ ބައިއިލެކްޝަނަށް ރީރަޖިސްޓްރީވާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ