އެއް ކެންޑިޑޭޓެއް ނެރެން ޕީޕީއެމާ ވާހަކަދައްކަން ގާސިމް، ނާޒިމް އަދި ރައީސް ނަޝީދު އެއްބަސްވެއްޖެ!

އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި، އެމްއާރްއެމް އާއި ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި, ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެއްބަސްވެއްޖެއެވެ. 
ރިޔާސީ އިންތިހާބާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ރައީސް ނަޝީދާއި، ގާސިމް އިބްރާހިމް އަދި ނާޒިމް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް، ކުނޫޒުގައި ބައްދަލު ކުރައްވާފައެވެ. 
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ޕީޕީއެެމާއި، އެމްއާރްއެމް އާއި ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އެ ތިން ބޭފުޅުން އެބަސްވެވަޑައިގެންފައިވާ ކަމަށެވެ. 
Advertisement
"އަޅުގަނޑުމެންނަށް މިއަދު އެއްބަސްވެވިއްޖެ މި ތިން ޕާޓީން ވެސް ވާހަކަ ދައްކައިގެން އަދި ޕީޕީއެމާ އެމްއާރްއެމާއެކު ވެސް ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަށްވާނަމަ ކުރިއަށް ދިއުމަށް އަޅުގަނޑުމެން ތިން ޕާޓީގެ އިސް ތިން ބޭފުޅުންނަށް އެއްބަސްވެވިއްޖެ،" 
ގާސިމް އިބްރާހިމް 
އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ވާހަކަދައްކަން ނިންމާފައިވާއިރު، މިއަދުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެމަނިކުފާނު ދާދިފަހުން ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސް ގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
އެއް ކެންޑިޑޭޓެއް ނެރެން ޕީޕީއެމާއި ވާހަކަދައްކަވަން ނަޝީދާއި، ގާސިމާއި، ނާޒިމް އެއްބސްވެފައިވާއިރު، ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ފިޔަވައި އެހެން ކެންޑިޑޭޓެއް ޚިޔާރު ނުކުރާނެ ކަމަށް އެ ޕާޓީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ