އެމެރިކާގެ ހުށަހެޅުމަށް ދެކޮޅު ހަދައި، ހަނގުރާމަ ހުއްޓާލަން އީރާނުގެ ފަސް ޝަރުތެއް

އެެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދައި، ހަނގުރާމަ ހުއްޓާލުމަށް ފަސް ޝަރުތެއް ހުށަހަޅައިފިއެވެ. އީރާނުގެ ދައުލަތުގެ މިީޑިއާ، ޕްރެސް ޓީވީއާ ވާހަކަ ދައްކަވަމުން އޮފިޝަލަކު ވިދާޅުވީ, ޓްރަމްޕަށް ކަންކަން ހިނގާ ގޮތް ބުނެދޭން ފުރުސަތު އީރާނުން ނުދޭނެ ކަމަށާއި، އީރާނުގެ މަގުސަދުތައް ހާސިލުވަންދެން "ޑިފެންސިވް އޮޕަރޭޝަންތައް" ކުރިއަށް ގެންދާނެ ކަމަށެވެ. "އީރާނުން ހަނގުރާމަ ނިންމާނީ އީރާނުން ހުށަހަޅާ ޝަރުތުތައް ފުރިހަމަވުމުން އީރާނުން ބޭނުންވެގެން." އޮފިޝަލް ވިދާޅުވިއެވެ. އެގޮތުން ހަނގުރާމަ ހުއްޓާލުމަށް މުހިންމު ފަސް ޝަރުތެއް އީރާނުން ވަނީ ކަނޑައަޅާފައެވެ. ޕްރެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޝަރުތުތަކަކީ: 1. އުދުވާނީ އަމަލުތަކާއި, އީރާނުގެ އިސް ބޭފުޅުން އަވަހާރަކޮށްލަން ދޭ ހަމަލާތައް ހުއްޓާލުން. 2. އަލުން ހަނގުރާމަ ނުފެށޭނެކަން ކަށަވަރުކޮށްދިނުން. 3. ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުން. 4. ސަރަހައްދުގައި ހުރިހާ ދިމާލަކުން ހަނގުރާމަ ނިމުމަކަށް ގެނައުން. 5. ހޮރްމުޒް ކަނޑުއޮޅީ ފުރިހަމަ ކޮންޓްރޯލާއި ބާރު އީރާނަށް ހައްގުވާކަން ބަލައިގަތުން. އޮފިޝަލް ވިދާޅުވީ މި ޑިމާންޑްތައް ބިނާވެފައިވަނީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ޖެނީވާގައި ބޭއްވި މަޝްވަރާތަކުގައި ހުށަހެޅި ހުށަހެޅުންތަކުގެ މައްޗަށް ކަަމަށެވެ. އީރާނުން ވަނީ އެ ގައުމުގެ ހުރިހާ ޝަރުތުތަކެއް ބަލައިގަނެގެން ނޫނީ އެއްވެސް މަޝްވަރާއެއް ނުހިނގާނެ ކަމަށް މެދުވެރިންނަށް އަންގާފައެވެ. އަދި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަކީ އެއްބަސްވުމުގައި ކޮންމެހެން ހިމަނަންޖެހޭ ޝަރުތެއް ކަމަށްވެސް އީރާނުން ބުނެފައިވެއެވެ. ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް އެމެރިކާއާއެކު ފެށިޔަސް ފަށާނީ އީރާނުން ކަނޑައަޅާ ތިން ޝަރުތެއް އެމެރިކާއާއި އިސްރާއީލުން ގަބޫލުކުރުމުން ކަމަށް އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވަނީ ވިދާޅުވެފައެވެ. އެ ޝަރުތުތަކަކީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށީ އުދުވާނީ ހަނގުރާމައެއްކަން ގަބޫލުކޮށް ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލުދިނުމަށް އެމެރިކާއާއި އިސްރާއީލު އެއްބަސްވުމާއި، އެމެރިކާއާއި އިސްރާއީލުން ދުވަހަކުވެސް އިސްވެ އީރާނަށް ހަމަލާނުދޭނެކަމުގެ ޔަގީންކަން ދިނުމާއި އީރާން ވަށާލުމަށްޓަކައި ގަލްފުގެ ގައުމުތަކުގައި އެމެރިކާ ބިނާކޮށްފައިވާ އަސްކަރީ ބޭސްތައް ދޫކޮށްލަން އެމެރިކާ އެއްބަސްވުމެވެ. ޓްރަމްޕްގެ ހުށަހެޅުން ލިބުނު ނަމަވެސް އީރާނުން މަޝްވަރާތަކަށް ދާން ބޭނުންވާކަމުގެ މާބޮޑު އިޝާރާތެއް ދީފައެއްނުވެއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކަށް މަސް ދުވަސް ވާއިރު، ހަމަލާތައް އަދިވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. ހަމަލާތަކުގައި އީރާނުގެ 1500 މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި 200 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވެސް ވަނީ އަވަހާރަކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ