ފެންނަ ނުފެންނަ މައްސަލައިގެ ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި، ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު އިއުލާން ކުރައްވައިފިއެވެ. ރެފެރަންޑަމާ ގުޅޭ ދުސްތޫރީ މައްސަލައަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މި މައްސަލަ ރައްދުވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށެވެ. މިއަދު ހެނދުނު އޮތް މި މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ޝަރީއަތުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންވެ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ. އެ ކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައިވަނީ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ގާނޫނުގައި އޮތީ ރައީސް ނެރުއްވާ ގަރާރަކުން ސުވާލު ފަރުމާކުރަން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. މިއަދު ހެނދުނު 10:40 ހާއިރު ފެށި މި މައްސަލައިގެ އަޑު އެހުން މިހާރު ނިމިފައިވާއިރު އުއްތަމަ ފަނޑީޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރެއްވުން ކަމަށެވެ. ނަމަވެސް، އެ އަޑުއެހުން އޮންނާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ހާމައެއް ނުކުރައްވަ އެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ