ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާތީ ޔޫއޭއީން އޮމާން ކަނޑުގެ އައްސޭރީގައި އާ ބަނދަރެއް ހަދަަނީ

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ މެދު އޮތް ކަންބޮޑުވުމުގެ ތެރެއިން، އެ ސަރަހައްދު ނޫން އެހެން މަގަކުން މުދާ އުފުލުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅީގެ އަނެއް ފަރާތުގައި އާ ބަނދަރަކާއި ކޮންޓެއިނަރު ޓާމިނަލެއް ބިނާކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ރާވަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފި އެވެ.
އެ ނޫހުގެ ރިޕޯޓުގައިވާ ގޮތުން، މި އާ ބަނދަރު ބިނާކުރުމަށް ހަމަޖެހިފައިވަނީ އޮމާން ކަނޑުގެ އައްސޭރީގައި އޮންނަ ފުޖައިރާ ސިޓީގަ އެވެ. ފުޖައިރާގައި މިހާރު ވެސް ބަނދަރެއް އޮތް ނަމަވެސް، ޔޫއޭއީގެ މައިގަނޑު އެކްސްޕޯޓް ހަބެއްގެ ގޮތުގައި އެތަން ބޭނުންކުރުމަށް ބޭނުންވާ މުހިންމު އިންފްރާސްޓްރަކްޗާ މިހާރު އެ ބަނދަރަކު ނެތެވެ.
ޔޫއޭއީގެ މައި ޕޯޓް އޮތޯރިޓީ ކަމަށްވާ ޑީޕީ ވޯލްޑުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަނެއް މަގްސަދަކީ، ޕާޝިއަން ގަލްފުގައި އޮންނަ ދުބާއީގެ މައި ބަނދަރު ކަމަށްވާ ޖަބަލް އަލީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
ޔޫއޭއީގެ "އަރަބިއަން ބިޒްނަސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮމާން ކަނޑުގެ އައްސޭރީގައި ހުރި އެހެން ބަނދަރުތަކުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުމަށް ވެސް އެ ގައުމުން ދަނީ ރާވަމުންނެވެ. މިގޮތުން މައިގަނޑު މަސައްކަތްތައް އަމާޒުކޮށްފައިވަނީ ދިއްބާ، ހޯރް ފައްކާން އަދި ކުރިން ފާހަގަކުރި ފުޖައިރާގެ ބަނދަރުތަކަށެވެ.
ޔޫއޭއީން މި ފިޔަވަޅު އަޅަން ނިންމާފައިވަނީ އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ސަރަހައްދުގައި އުޅަނދުފަހަރަށް ހަމަލާދިނުމާއި، ކަނޑުއަޑީގައި މައިން ވަޅުލުމުގެ ސަބަބުން އެ ކަނޑުއޮޅިން މުދާ އުފުލުން ވަނީ ގާތްގަނޑަކަށް މުޅިން ހުއްޓުމަކަށް އައިސްފަ އެވެ.
އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް ކޮރިޑޯ (އައިއެމްއީސީ) އިސްނެގުމުގެ ބައެއްގެ ގޮތުގައި ބެލެވޭ މި މަޝްރޫއުގެ ސަބަބުން، އިޒްރޭލުން ހިފައިގެން އުޅޭ ފަލަސްތީނުގެ ހައިފާ ބަނދަރަކީ ތެލާއި ގޭސް އެކްސްޕޯޓް ކުރާ މައިގަނޑު މަރުކަޒަކަށް ބަދަލުކުރުމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އުއްމީދު ކުރެ އެވެ.
އައިއެމްއީސީ މަޝްރޫއަކީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުދިއްލީގައި ބޭއްވި ޖީ20 ސަމިޓުގައި އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އިފްތިތާހު ކުރެއްވި މަޝްރޫއެކެވެ. މިއީ ޕާޝިއަން ގަލްފާއި މެޑިޓެރޭނިއަން ކަނޑު މެދުވެރިކޮށް އިންޑިއާ އާއި ޔޫރަޕް ގުޅާލުމަށް ރޭވިފައިވާ އިންގިލާބީ އިންފްރާސްޓްރަކްޗާ އަދި ވިޔަފާރީގެ މަޝްރޫއެކެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އިޒްރޭލުގެ ސިޔާސީ ތާއީދު އޮތް ނަމަވެސް، އައިއެމްއީސީ މަޝްރޫއުން އިޒްރޭލު ބާކީކުރުމަށް ސައުދީ އަރަބިއްޔާއިން ބާރުއަޅަމުންދާ ކަމަށް މިދިޔަ ހަފުތާގައި "ދަ ޖެރޫސަލަމް ޕޯސްޓް" އަށް މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ.
އެ މަސްދަރުތަކުން ބުނި ގޮތުގައި، މިހާރު މަޝްވަރާ ކުރެވެމުންދާ އެންމެ ބޮޑު އެއް ގޮތަކީ، އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދަށް ނުވަދެ، ސީރިއާ މެދުވެރިކޮށް ރޭލު ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލުމެވެ. މީގެ ސަބަބުން ގަލްފުގެ ގައުމުތަކުން މެޑިޓެރޭނިއަން ކަނޑާ ހަމައަށް އެއްގަމު މަގުން ގުޅާލެވޭނެ ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ