ފަހު ވަގުތު އިލާން ޖެހި ގޯލުން މޮޅުވެ މާޒިޔާ އިން ފައިނަލުގައި ނިއުއާ ދެކޮޅަށް

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި، ކެޕްޓަން މުހައްމަދު އިލާން އިމްރާން، ފަހު ވަގުތު ޖެހި ގޯލުން 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ބައްދަލުކުރަން ޖެހިއްޖެ އެވެ. 
އިއްޔެގެ މެޗަށް ނުކުތްއިރު، މާޒިޔާ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވެން އޮތެވެ. އޮޑި އަށް މޮޅުވެގެން ނޫން ގޮތަކަށް ފައިނަލަށް ދެވެން ނެތްއިރު، އެ ޓީމުން ވަނީ މުޅި މެޗަށް ބަލާއިރު ވެސް ލަނޑެއް ޖެހޭތޯ އެކި ގޮތްގޮތުން މަަސައްކަތްކޮށްފަ އެވެ. 
މި މެޗުން މާޒިޔާ މޮޅުކޮށްދިން ގޯލު އިލާން ކާމިޔާބުކުރީ، އޮޑީގެ ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން، އޮޑީގެ ދެ ކުޅުންތެރިއެއް ކައިރިން ދެމިގަތުމަށް ފަހު، އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ލަނޑު ލިސްޓުގެ ކުރިގައި އުޅެނީ އިލާން އެވެ. 
އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ، ލީގު ބުރު ނިމޭއިރު، އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
ލީގު ބުރުގެ ކުޅުންނިމުނުއިރު، ފައިނަލަށް ދިޔައި، މެޗަކުން ބަލިނުވެ، މި ބުރު ނިންމާލި ދެ ޓީމު. ކަމަށްވާ މާޒިޔާ އާއި ނިއު އެވެ. މާޒިޔާ އިން އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. ނިއު އިން ދެ ވަނަ ހޯދީ ލަނޑުގެ ތަފާތުންނެވެ. އެއީ، 11 ޕޮއިންޓުން ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުވި ކަމުގައި ވިޔަސް، ލަނޑުގެ ތަފާތަށް ބަލާއިރު ދެ ގޯލުން ކުރީގައި އޮވެގެންނެވެ. އެ ގޮތުން، ނިއުގެ ފައިދާ 12 ގޯލު އޮތްއިރު، އޮޑީގެ އޮތީ 10 ގޯލެވެ. 
ތިން ވަނަ ހޯދި ބުރު ސްޕޯޓްސް ކްލަބް އާއި ހަތަރު ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބް އަދި ފަހަތުން ނިންމި، ވ. ކެޔޮދޫ ޓީމަށް ލިބުނީ ތިން ޕޮއިންޓެވެ. ބުރުގެ ގެއްލުން ނުވަ ގޯލު އޮތްއިރު، ޓީސީގެ ގެއްލުން 14 ގޯލު އޮތެވެ. އަދި، ކެޔޮދޫ އަށް ގެއްލުން، 23 ގޯލު އޮތެވެ. 
ނިއު އާއި މާޒިޔާ އިން ލީގު ބުރުގައި ކުޅުނު މެޗު ނިމުނީ، 3-3 އިން އެއްވަރުވެގެންނެވެ. މި ދެ ޓީމު ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ