ސްރީލަންކާގައި ދިރިއުޅޭ ތަމަޅަ ބަހުން ވާހަކަދައްކާ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ގުޅިގެން ވަކާލާތު ކުރުމަށްޓަކައި، އެ ގައުމުގެ ތަމަޅަ އަދި މުސްލިމް ހަ ސިޔާސީ ޕާޓީއަކުން އިއްތިހާދެއް ހަދައިފި އެވެ.
މި އިއްތިހާދުން ބުނި ގޮތުގައި މިއީ އިންތިޚާބީ ކޯލިޝަނެއް ނޫން ކަމަށާއި، އަދި މިއީ ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތެއް ވެސް ނޫން ކަމަށެވެ.
މި އިއްތިހާދުގައި ހިމެނެނީ ސްރީލަންކާ މުސްލިމް ކޮންގްރެސް (އެސް.އެލް.އެމް.ސީ)، ތަމަޅަ ޕްރޮގްރެސިވް އެލަޔަންސް (ޓީ.ޕީ.އޭ)، އޯލް ސިލޯން މައްކަލް ކޮންގްރެސް (އޭ.ސީ.އެމް.ސީ)، ސިލޯން ވޯކާސް ކޮންގްރެސް (ސީ.ޑަބްލިއު.ސީ)، އިލަންކައި ތަމަޅަ އަރަސު ކައްޗީ (އައި.ޓީ.އޭ.ކޭ) އަދި ޑިމޮކްރެޓިކް ޓެމިލް ނޭޝަނަލް އެލަޔަންސް (ޑީ.ޓީ.އެން.އޭ) އެވެ.
ޕާޓީތަކުގެ ލީޑަރުން ވިދާޅުވީ، މި މަސައްކަތުގެ މަގުސަދަކީ އުތުރާއި، އިރުމައްޗާއި، ހުޅަނގާއި އަދި ޕްލާންޓޭޝަން ސަރަހައްދުތަކުގައި ދިރިއުޅޭ ތަމަޅަ ބަހުން ވާހަކަދައްކާ މީހުންގެ އާންމު ކަންބޮޑުވުންތަކަށް ހައްލު ހޯދުން ކަމަށެވެ.
މި ޕާޓީތަކުން އިސްކަންދޭ މުހިންމު ކަންތައްތަކުގެ ތެރޭގައި، ސަރުކާރުގެ އިންތިޚާބީ ވައުދާ އެއްގޮތަށް އާ ގާނޫނުއަސާސީއެއް އެކުލަވައިލުމަށް ބާރުއެޅުމާއި، އިންސާފާއި ހަމަހަމަކަން ގާއިމުކުރުމާއި، މާނަހުރި ގޮތެއްގައި ބާރުތައް ބަހާލުން ހިމެނެ އެވެ.
މީގެ އިތުރުން، ގިނަ ދުވަސްތަކެއް ވަންދެން ފަސްކުރެވިފައިވާ ޕްރޮވިންޝަލް ކައުންސިލް އިންތިޚާބު ބޭއްވުމަށާއި، ގައުމުގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ ބިމުގެ މައްސަލަތައް ހައްލުކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
މި މައްސަލަތަކުގައި މަޝްވަރާގެ އުސޫލުން ކުރިއަށް ދިއުމަށްޓަކައި، ސަރުކާރާއި، އިދިކޮޅު ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ދީނީ އިލްމުވެރިންނާ އެކު މަސައްކަތް ކުރާނެ ކަމަށް ލީޑަރުން ވިދާޅުވި އެވެ.
މި އިއްތިހާދަކީ ވަކި ނަސްލަކަށް ބިނާވެފައިވާ އިއްތިހާދެއް ކަމަށް ބުނެ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ލީޑަރުން ވިދާޅުވީ، މިއީ "ނަސްލީ އިއްތިހާދެއް" ނޫން ކަމަށާއި، މިއީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ބައެއް ކަމަށެވެ.
ލަންކާގެ ތަމަޅަ އަދި މުސްލިމް ހަ ޕާޓީއަކުން އިއްތިހާދެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ