ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އޮންލައިންކޮށް ލިޔުން ދޫކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. 
މިނިސްޓްރީން މީގެ ކުރިން އެ ލިޔުން ދޫކުރީ ގޯތި ލިބުނު މީހުން، ގުޅީފަޅަށް ގެންގޮސްގެން ކަމަށް ވިޔަސް މިހާރު ގެނެސްފައިވާ ބަދަލުގެ ދަށުން ޕޯޓަލް މެދުވެރިކޮށް ލިޔުން ލިބޭނެ އެވެ. 
ގުޅިފަޅުން ގޯތި ލިބިފައިވާ މީހުން އާ ރަޖިސްޓަރީ އާއި އެގްރީމަންޓުގައި ސޮއިކުރުމަށް ދިގު މުއްދަތެއް މިދިޔަ އަހަރުގެ ފަހުކޮޅު ވެސް މިނިސްޓްރީން ދިނެވެ. އަދި އޭރު ބުނެފައި ވަނީ އެއީ އެންމެ ފަހު ފުރުސަތު ކަމަށާއި އެ މުއްދަތުގައި ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދިފައިނުވާ ނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.
އޭގެ ހައެއްކަ މަސް ފަހުން މިނިސްޓްރީން މިއަދު ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ހިދުމަތް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ޑިޖިޓަލްކޮށް ހޯދުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށެވެ. 
މިނިސްޓްރީން ބުނީ ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންގެ ލިޔުން ޑައުންލޯޑު ކުރެވޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ މީހުންނަށް އެކަނި ކަމަށެވެ. އަދި ލިބިފައިވާ ގޯތި މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދެއްގައި ހިމެނޭ ނަމަ، އެ މަސައްކަތެއް ނިމުމުން ގޯތި ހަވާލުކުރި ކަމުގެ ލިޔުން ދޫކުރެވޭނެ ކަމަށް ވެސް ބުންޏެެވެ. 
ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓަރީ ދިނުމަށް، މިދިޔަ އަހަރު އޮގަސްޓް މަހު ހުޅުވާލިޔަސް ގޯތި ލިބުނު ބައެއް މީހުން ވަނީ ގޯތިތަކުގެ ރަޖިސްޓަރީ ދިނުމަށް ހަދާ އާ އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅު ހަދަމުންނެވެ.
އެ މީހުން ބުނާ ގޮތުގައި އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރަ އެވެ. އެ މައްސަލަ ބޮޑުވެ މިނިސްޓްރީން އޭރު ނެރުނު ބަޔާނުގައި ވަނީ ކުރީގެ ސަރުކާރުން އެ މީހުންނާ އެކު، ހަދާފައިވާ އެއްބަސްވުންތަކުގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އާ އެއްބަސްވުމެއް ހަދަން ނިންމީ އެ ކަހަލަ ސަބަބުތަކަށްޓަކާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދޭށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން 9،031 ގޯތި މާލޭ މީހުންނަށް ދޭން ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ