ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކުން ފީ ނުނެގުމަށް ޓްރަމްޕް ނިންމައިފި

އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، ދުނިޔޭގެ އިގުތިސާދަށް މުހިންމު ހޯރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށްޓަކައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން 20 އިންސައްތައިގެ ފީއެއް ނެގުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ގެންދަވައިފި އެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، އެ ފީ ނެގުމުގެ ބަދަލުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ގަލްފުގެ ގައުމުތަކާއެކު އިންވެސްޓްމަންޓް އެއްބަސްވުންތަކެއް ގާއިމުކުރުމަށް ކަމަށެވެ.
އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ބުނުމާ ގުޅިގެން، ޖެހިޖެހިގެން ތިންވަނަ ރޭ ވެސް އެމެރިކާގެ ސިފައިން ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން، އީރާނުގެ މުދާ އުފުލާ އުޅަނދުފަހަރު ހުއްޓުވުމަށް ހޯމަ ދުވަހު ޓްރަމްޕް ނިންމެވި ނިންމެވުން އަލުން އިއާދަކުރައްވައި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީއެއް ނެގުމަށް އޭނާ ވަނީ ހުށަހަޅުއްވާފަ އެވެ.
އެމެރިކާއިން މިފަދަ ފީއެއް ނެގުމަށް ނިންމި ނިންމުމަށް ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އދ. ގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން ބުނެފައިވަނީ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބޭނުންކުރާ ކަނޑުއޮޅިތަކުން އެއްވެސް ބާވަތެއްގެ ފީއެއް ނެގުމާ އެ އިދާރާއިން ދެކޮޅު ކަމަށެވެ. އަދި ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން މަޖުބޫރު ފީއެއް ނެގޭނެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، ކަނޑުއޮޅި ބޭނުންކުރާތީ ފީއެއް ނެގުމުގެ ވިސްނުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ފީއެއް ދެއްކުމުގެ ބަދަލުގައި އެމެރިކާގައި އިންވެސްޓް ކުރަން ބޭނުންވާ ކަމަށް ބުނެ ބައެއް ގައުމުތަކުން އޭނާއަށް ގުޅަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ގަލްފުގެ ގައުމުތަކުން އެއްބަސްވީ ކޮން ކަންތައްތަކަކަށް ކަން އަދި ސާފެއް ނުވެ އެވެ. އެ ގައުމުތަކުން ވަކި ކަމަކަށް އެއްބަސްވިކަން ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އޭނާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެ ގައުމުތަކުން ކުރާ އިންވެސްޓްމަންޓްތައް ވަރަށް ބޮޑުވާނެ ކަމަށާއި، އެއީ އެ ގައުމުތަކަށާއި އެ ގައުމުތަކުގެ މުސްތަގުބަލަށް ވެސް އިންތިހާއަށް ފައިދާހުރި ކަމަކަށް ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ