ސްރީލަންކާގައި އެޗްއައިވީ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ކޮމިއުނިޓީ ސްޕެޝަލިސްޓް ޑޮކްޓަރު ސަތްޔާ ހޭރަތު އިންޒާރު ދެއްވައިފި އެވެ.
ސްރީލަންކާގެ މިނިސްޓްރީ އޮފް ހެލްތުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ހޭރަތު ވިދާޅުވީ، އެޗްއައިވީ އަށް ޕޮޒިޓިވްވާ މީހުން އެންމެ ގިނައިން ފެންނަނީ ކޮލަމްބޯ އާއި ގަމްޕަހާ ޑިސްޓްރިކްޓުން ކަމަށެވެ. އަދި ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެޗްއައިވީ ފެތުރުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ރައްކާތެރި ނޫން ގޮތުގައި ހިންގާ ޖިންސީ ގުޅުންތައް ކަމަށް ޑރ. ހޭރަތު ވިދާޅުވި އެވެ. މީގެ އިތުރުން، ރައްކާތެރި ނޫން ޖިންސީ އަމަލުތަކާއި، މަސްތުވާތަކެތި އިންޖެކްޓް ކުރުމަށް ބޭނުންކުރާ ސިރިންޖާއި ކަށި ފަދަ ތަކެތި އެކަކު އަނެކަކާ ހިއްސާކުރުމަކީ ވެސް މި ބަލި ފެތުރުމަށް މަގުފަހިވާ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
އެޗްއައިވީ އަކީ މުޅިން ރަނގަޅު ކުރެވޭ ބައްޔެއް ނޫންކަން ފާހަގަކުރައްވައި ޑރ. ހޭރަތު ވިދާޅުވީ، ބަލިޖެހޭ މީހުން މުޅި އުމުރަށް ކްލިނިކަލް ފަރުވާ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ޒުވާން އުމުރުގައި އެޗްއައިވީ ޖެހޭ މީހުން، މުޅި ހަޔާތުގައި ބޭސް ބޭނުންކޮށް، ހާއްސަ ފަރުވާ ހޯދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ކޮލަމްބޯ އާއި ގަމްޕަހާ ޑިސްޓްރިކްޓަށް ހާއްސަކޮށްގެން މޮބައިލް ކްލިނިކް ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. އެޗްއައިވީ އާއި، ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކާއި، ހެޕަޓައިޓިސް އަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމަކީ ހެލްތު މިނިސްޓްރީގެ ނޭޝަނަލް އެސްޓީޑީ/އެއިޑްސް ކޮންޓްރޯލް ޕްރޮގްރާމުން ޖެނުއަރީ މަހު ފެށި ޕައިލެޓް މަޝްރޫއެކެވެ.
މި ޕްރޮގްރާމުގެ ދަށުން ބަލިމީހާގެ ރުހުމާއެކު، އޭނާގެ މައުލޫމާތު ހިމާޔަތްކޮށްދީގެން ހިލޭ ހިދުމަތްތައް ފޯރުކޮށްދެ އެވެ. ޓެސްޓު ރިޕޯޓުތަކުގެ ސިއްރު ހިފެހެއްޓުމަށް ފުރިހަމައަށް ސަމާލުކަންދޭއިރު، ބަލި ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، އެއްވެސް އަގަކާ ނުލައި ބަލިމީހާއަށް ބޭނުންވާ އިރުޝާދާއި ފަރުވާ ފޯރުކޮށްދެވޭނެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި އެޗްއައިވީ ފެތުރޭ މިންވަރަށް ބަދަލުތައް އަންނަމުންދިޔަ ނަމަވެސް، 2023 ވަނަ އަހަރުން ފެށިގެން ސްރީލަންކާގައި މި ބަލި ރިޕޯޓްކުރާ މިންވަރު މަޑުމަޑުން އިތުރުވަމުންދާ ކަމަށް ޑރ. ހޭރަތު ވިދާޅުވި އެވެ. އަދި ކޮލަމްބޯ އާއި ގަމްޕަހާ އަކީ އާބާދީ ބޮޑު ސަރަހައްދުތަކަކަށް ވުމުން، އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އެ ދެ ސަރަހައްދުން ބަލިޖެހޭ މީހުން ފެންނަ ނިސްބަތް އިތުރުކަން އޭނާ ފާހަގަކުރެއްވި އެވެ.
ލަންކާގައި އެޗްއައިވީ ފެތުރޭ މިންވަރު އިތުރުވަނީ؛ ގިނައީ ފިރިހެނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ