(އާދިއްތަ ދުވަހާ ގުޅޭ)
"އޭތް!" ކުއްލިއަކަށް އިވުނީ ހަޅޭއްލަވައިގަތް އަޑެވެ.
އާދަނު ބަލައިލި އިރު ސިފައިންގެ ދިހަ ވަރަކަށް މީހުން ދުވެފައި އާދެއެވެ. އެ މީހުން ނުކުތް ދިމާއެއް ވެސް ނޭނގެއެވެ. އާދަނުމެންނަށް އެރުނީ ކެހިވެރި މަޅިއަކަށެވެ. ދެނެކާ ދެނެއް ނެތެވެ. ތިން މީހުން މުންޑު ފޫގަޅަމުން ފިލަން ދުއްވައިގަތެވެ. އާދަނުމެން އަތުގައި ހުރި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެންމެންނަށް ހަމަލަދެވުނީހެވެ. ބިންގަނޑު ލެއިން ކަޅިކޮށްލެވުނީހެވެ. އެހެނަސް އެކަކަށް ޓަކައި އެތައް ދިވެހީންނެއްގެ ލޭއޮހޮރަން ބޭނުންނުވީއެވެ. އާދަނުމެންގެ ފަހަތުން ސިފައިން އައެވެ.
"އެކި ދިމާއަށް ބެހިލާ!" ޔޫސުބު އެދުނެވެ.
ތިން މީހުން ތިން ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އެއީ މޮޅު އުކުޅެކެވެ. ސިފައިން ވެސް ޖެހުނީ ބައިބައިވާށެވެ. އާދަނުމެންގެ ކޮންމެ މީހަކަށް ދެ ސިފައިންނެވެ. ދެން ތިބި ސިފައިން ހަމީދު އަރިހުގައި މަޑުކުރީއެވެ. އިތުރު ހަމަލައެއް އަތުވެދާނެ ކަމުގެ ބިރަށެވެ. އާދަނު މިސްރާބުޖެހީ ވަލަށެވެ.
"ހަމަ މިހާރު ހުއްޓޭ!" ސިފައިން އަމުރުކުރިއެވެ. "ކާކު ތީ؟"
ސިފައިންނަށް އާދަނުގެ މޫނު ނުފެންނަކަން އާދަނަށް އެނގުނީ އެ ހިސާބުންނެވެ. ލިބުނު އިތުރު ހިތްވަރު ދެ ފަޔަށް ލުމާ އެކު އާދަނުގެ ދުވުން ބާރުކޮށްލިއެވެ. ގޮފިގަނޑެއްގައި އަޅައިގެންފައި ވެއްޓުނެވެ. އެ ދިމާ ވަރަށް އަނދިރިއެވެ. އާދަނު އޮތް ގޮތަށް އޮތީއެވެ. ފަހަތުން އައި ދެ ސިފައިން އެ ހިސާބުގައި ހުއްޓުނެވެ. އާދަނަށް އެ މީހުންގެ ފައި ފެނެއެވެ. ދާދި ފަސޭހައިން ހަތަރު ކަށިމަތި ކަނޑައި ވައްޓައިލެވުނީހެވެ. އެކަމަކު ކުށެއް ނެތް ބަޔަކަށް ހަމަލަދޭކަށް އާދަނުގެ ނަފުސު އެއްބަހެއްނުވިއެވެ.
"ކާކުތަ އެއީ؟" އެކަކު ބުނި އަޑު އިވުނެވެ. "ހާދަހާ ބާރަކަށޭ ދުވީ. ހީވަނީ ފުއްލާއެއް ހެން."
"ކިތަންމެ ބާރަށް ދުވިޔަސް ދެނެއް ނުއެއް ފިލޭނެ،" އަނެކަކު ބުންޏެވެ. "މިއޮތީ ހެކި."
ހެތްކޭ ބުނީ ކޯޗަކަށްކަމެއް އާދަނަކަށް ނޭނގެއެވެ. ސިފައިން ދިޔުމުން އާދަނު މަޑުމަޑުން ތެދުވެގެން ހިނގައިގަތެވެ. ހިތަށްއެރިއެވެ. ސިފައިންނަށް އެކަކު ވެސް އަތުވެއްޖެއްޔާ، ދެން ތިބި ދެ މީހުންގެ ނަން ހޯދާނެއެވެ. އެ ވަރަށް އަނިޔާކޮށްލާނެއެވެ. ހުރިހައި އެންމެން އާދަނު ހައި ކެތްގަދައެއް ނުވާނެއެވެ. އެހެން ސުވާލެއް ވެސް އާދަނުގެ ސިކުނޑީގައި އެނބުރުނެވެ. ފެންފަރުދާގެ ދޮށުގައި ސިފައިން މަޅިޖަހައިގެން ތިބީ ކީއްވެ ހެއްޔެވެ؟ އާދަނުމެން ހަމަލައެއް ދޭން އުޅޭކަން ސިފައިންނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
ސިފައިންގެ ހިލަމެއް ނެތްކަން ޔަގީންވަންދެން ވަލުތެރޭގައި އުޅުމަށް ފަހު، ފަޅުގެއަށް ގޮސް ދަރޭތި ވަޅުލާފައި އާދަނު ގެއާ ދިމާއަށް ހިނގައިގަތެވެ. މަގުމަތީގައި އޮތީ އަޖައިބެއް ކަހަލަ ހަމަހިމޭންކަމެކެވެ. ލިބުނު ރަނުގެ ފުރުސަތު ގެއްލުމުގެ މާޔޫސްކަން އާދަނުގެ ހިތަށް ތަދުކުރިއެވެ. ކުއްލިއަކަށް ފަހަތުން ބައިސްކަލުގައި ވަރަށް ބާރަށް ސިފައިންގެ މީހަކު އައިސް އާދަނު ފަސްދީފައި ދިޔައެވެ. އޭރު ވެސް އާދަނަށް ހުރެވުނީ ފޫގަޅައިގެންނެވެ. އަވަހަށް މުންޑު ރީތިކޮށްލިއެވެ.
އާދަނު ގެއަށް ވަން އިރު ބައްޕަ ދެކޮޅަށް ހިނގައިލަހިނގައިލާ ހުއްޓެވެ.
"ދަރިފުޅު ކޮން ތާކުން ތި އައީ؟" އާދަނު ފެނުމުން ބައްޕަ ސުވާލުކުރިއެވެ. "ދަރިފުޅު ހޯދަން ހަސަން ކަލޭފާނު މިހާރު ދެ ފަހަރަށް އަތުވެއްޖެ! ކީއްކުރަން އޭނަ އެ އަންނަނީ؟"
ހަސަން ކަލޭފާނަކީ ކުށްވެރިން ބަލައި ފޮނުވާ، ހަމީދުގެ ވަރަށް އަރިސް މީހެކެވެ. ކޮންމެކޮންމެ ކުށްވެރިއެއް ނޫނެވެ. ހަމީދު ނުވަތަ ސަރުކާރާ ގުޅުން ހުންނަ ކުށްތައް ކުރާ ކުށްވެރިންނެވެ. އާދަނު ހިތަށް އެރިއެވެ. އަހަރެންގެ މޫނެއް ސިފައިންނަކަށް ނުފެނެއެވެ. އެ އުޅެނީ ޝައްކުވެގެންނެވެ. ދެނަހުރި ކަމަށް ވެސް ނަހަދާނަމެވެ.
"ކިހިނެއް އަހަންނަށް އެނގެނީ؟" އާދަނު ނޫން ކަމަށް ހެދިފައި ބުންޏެވެ.
"ކީއްވެ ގަމީސް އިރައިގެން ގޮސްފަ ތިހިރީ؟" ބައްޕަ ސުވާލުކުރިއެވެ. "ކާކާ ތަޅާފޮޅީ؟"
ގަމީސް ވީދުނުކަން އާދަނަށް އެނގުނީ އެ ހިސާބުންނެވެ. ކަނާއަތުގެ އަތުކުރީގެ އެއްބައި ނެތެވެ. އަތް ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުއްޓެވެ. ހީވަނީ ގޮފިގަނޑެއްގައި އެޅިގެން ލިބިފައިވާ ޒަހަމެއް ހެންނެވެ.
"އައްސަލާމް އަލައިކުމް!" މީހަކު ބުނި އަޑުއިވުނެވެ.
ދެބަފައިން އެކުގައި ކަހަލަ ގޮތަކަށް ބަލައިލި އިރު ހަސަން ކަލޭފާނު ދޮރުމަތީގައި ހުއްޓެވެ.
"ހިނގާބަލަ ބޭރަށް ގޮސްލަން!" އާދަނާ ދިމާއަށް ހަސަން ކަލޭފާނު ބުންޏެވެ.
"ކިހިނެއްވެގެން އާދަނު ތި ގެންދަނީ؟" އާދަނުގެ ބައްޕަ ވަގުތުން ސުވާލުކުރިއެވެ.
"ކަމެއް ނުވޭ! ހަމަ އަނގަތަޅައިލަން. ދޯ އާދަނާ؟" ހަސަން ކަލޭފާނު ބުންޏެވެ. "ހިނގާ!"
އާދަނު ވަރަށް ހައިރާންވި ކަމަށް ހެދިފައި ހިނގައިގަތެވެ. އެހެނަސް ހިތުގައި ޝައްކެއް ވެސް އޮތެވެ. ދެން ތިބި ދެ މީހުންނާ މެދު ކުރެވޭ ޝައްކެވެ. އާދަނު ހުރީ ހަސަން ކަލޭފާނަށް ވުރެ ތަންކޮޅެއް ފަހަތުގައެވެ.
"އާދެބަލަ އާދެބަލަ!" ހަސަން ކަލޭފާނު އެދުނެވެ.
އާދަނު އައިސް ހަސަން ކަލޭފާނާ އެއްވަރުކުރުމުން، އާދަނުގެ އަނެއް ފަރާތަށް ހަސަން ކަލޭފާނު ޖެހިލިއެވެ. އެއީ އަތުކުރި ވީދައިގެން ގޮސްފައި ހުރި ފަރާތެވެ. ހަސަން ކަލޭފާނު ޖީބުން ފޮތިކޮޅެއް ނަގައި އާދަނު ގަމީހުގެ އަތުކުރީގައި ޖައްސައިލިއެވެ. ބަރާބަރަށް ދިމާވެއެވެ.
"ތީ ކޯޗެއް؟" އާދަނު ވަރަށް ނޭނގިފައި އެހިއެވެ.
"މީ ފޮތިކޮޅެއްނު!" ހަސަން ކަލޭފާނު ބުންޏެވެ. "އެ ވަރު ވެސް ނޭނގޭ؟ ހާދަހާ ނޭނގިފައޭ ދޯ ތިހިރީ؟"
"ފޮތިކޮޅެއްކަން އެނގެޔޭ!" އާދަނު ބުންޏެވެ. "އެކަމަކު އަހަރެންގެ ގަމީހުގަ ޖައްސާތީ ހައިރާން ވެގެން މި އަހާލީ."
"އެހެންތަ؟ ހައިރާންވީ؟" މަލާމާތުގެ ރާގެއްގައި ހަސަން ކަލޭފާނު ބުންޏެވެ. "އަހަރެން މާ ހައިރާންވެއްޖެ އާދަނު ގަމީހުން ވީދައިގެން ގޮސްފަ ހުރި ތަނާ މި ފޮތިކޮޅާ ދިމާވީމަ. ކިހާ ބޮޑު އިއްތިފާގެއް؟ ހަމަ ރަނުންރަނަށް ދިމާވެއްޖެ!"
"ތީ ކޮން ފޮތިކޮޅެއް؟" އާދަނު އެހިއެވެ.
"ނޭނގުނު ދޯ؟" ހަސަން ކަލޭފާނު ބުންޏެވެ. "ކުޑަކޮށް ހަނދާންކޮށްލަދިނީމަ އެނގިދާނެ. އެ ކަމާ ހާސްނުވޭ! ހަނދާންކޮށްދޭން މި ގެންދަނީ."
އާދަނުގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. ހިތަށްއެރިއެވެ. އާދަނު ގަސްތަކު ތެރޭގައި ފިލައި އޮތް އިރު، އެ ތަނުގައި ހުރި ސިފައިންގެ މީހާ ބުނި ހެތްކަކީ އެ ފޮތިކޮޅުތާއެވެ. އޭގެ ފަހުން، މަގުމަތިން ރައްޓެއްސަކާ ދިމާވެއްޖެއްޔާ ހިތްހެޔޮކުރާށޭ އާދަނު ބުނެލައެވެ. ދެން ބައްދަލުވާނެ ދުވަހެއް ނޭނގޭތީއެވެ. ހަސަންކަލޭފާނުގެ މިސްރާބު ހުރީ ގަނޑުވަރާ ދިމާއަށެވެ. ބަނޑޭރިގޭގެ ބަދަލުގައި ގަނޑުވަރާ ދިމާއަށް ގެންދާތީ އާދަނުގެ ޔަގީންކަމަށް ބޮޅެއް އިތުރުވިއެވެ. ގަނޑުވަރުގެ ދޮރުމަތީގައި ހަމީދު ހުންނެވީބާއޭ ހިތަށް އެރިއެވެ. މާލޭގައި އާންމުކޮށް ކަރަންޓު ނެތަސް، ގަނޑުވަރުގެ ދޮރާށި ކައިރީގައި ލަންޓަން ދިއްލާފައި ހުރެއެވެ. މުޅި އެ ހިސާބުގަނޑުގައި ހުންނަ ހަމަ އެކަނި އައްޔަކީ އެއީއެވެ. ގަނޑުވަރާ ވަކި ހިސާބަކަށް ކައިރިވުމުން އާދަނުގެ ޔަގީނަށް ދެވަނަ ބޮޅު އިތުރުވިއެވެ. ގަނޑުވަރުގެ ދޮރުމަތީގައި ބަޔަކު ތިއްބެވެ. އޭގެ ތެރެއިން އެކަކީ ހަމީދެވެ. އޭނަ ހުންނެވީ ނަފުރަތުގެ ނަޒަރަކުން އާދަނަށް ބަލަހައްޓަވައިގެންނެވެ.
"ގެންގޮސް ނާދީއަށް ވައްދާ!" ހަމީދު އަމުރު ކުރެއްވިއެވެ.
އާދަނު ނާދީއަށް ގެންދިޔަ އިރު އެ ތަނުގައި ދޮހޮއްކޮ ހުއްޓެވެ. ނާދީގެ ދޮރުތައް ހުރީ ލައްޕައިފައެވެ. ތަނުގެ އެތެރެ ހުންނަނީ، ފަރުދާއަކުން ބައިކުރެވޭ ގޮތަށެވެ. އެ ފަރުދާ ވެސް ހުރީ ވައްޓައިލައިފައެވެ. އެއްކޮޅުގައި ތިބީ ކޮން ބައެއްކަން އަނެއް ކޮޅަށް ނޭނގޭ ގޮތް ހަދައިފައެވެ. އާދަނާއި ދޮހޮއްކޮ ނާދީއަށް ވައްދައިފައި، އެއްވެސް މީހަކު ނެތުމުން އެ ތަނުން ނެރެގެން ގެނެސް، ގޯތީގައި ހުރި ގާފޮޅެއް ދައްކާފައި އިށީންނަން ބުންޏެވެ. ދެ މީހުން ބެއިތިއްބީ، ވާހަކަ ނުދެއްކޭ ހައި ދުރުގައެވެ.
"މި ތަނުން ނުތެދުވާތި!" ހަސަންކަލޭފާނު އަމުރުކުރިއެވެ. "އެކަކުއަނެކަކަށް ބަލައިގެން ނުވާނެ، އިޝާރާތެއް ކޮށްގެން ނުވާނެ، ވާހަކަ ވެސް ދައްކައިގެން ނުވާނެ."
ހަސަންކަލޭފާނު ބޭރަށް ނުކުތެވެ. ހިނދުކޮޅަކަށް ދެ މީހުން އެކަނިވިއެވެ. އެއިން ހިސާބަކު ވެސް މީހެއްގެ ހިލަމެއް ނެތެވެ. މިނެޓެއް ނުވަނީސް ދޮހޮއްކޮ އައިސް އާދަނު ގާތުގައި އިށީނެވެ.
"އަހަރެންގެ ނަސޭހަތް އަޑުއެހި ނަމަ މި ބޮޑިއެއް ނުބޮވުނީސް،" ވައިއަޑުން ދޮހޮއްކޮ ބުންޏެވެ. "ކިހާ ދެރަ؟"
"ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް!" އާދަނު މަޑުމަޑުން ބުންޏެވެ.
ހަމަހިމޭން އިރުކޮޅެއް ދިޔައެވެ. ހީވާ ކަހަލައެވެ. އެކަކު ވެސް ދައްކާނެ ވާހަކައެއް ނެތެވެ.
"ދެން ވެސް މަ ބުނާ ގޮތެއް ހަދާ! ރަށުތެރެއަށް އަޅަން އަހަރުމެން ލިޔުނު ލިޔުންތަކުގެ އެއްބައި ހުންނާނެ ހާމައަށް ފެންނަން،" ދޮހޮއްކޮ އަނެއްކާ ވެސް ވައިއަޑުން ބުންޏެވެ. "ހިނގާ އެ އުކާލަން. އޭރުން ހެތްކެއް ނުހުންނާނެ."
"ކިހިނެއް މި ތަނުން ދާނީ؟" އާދަނު އެހިއެވެ.
"ކީއްވެ ނުދެވޭނީ؟" ދޮހޮއްކޮ ބުންޏެވެ. "އެހެރީ ދޮރު. އެކަކު ވެސް ނެތް. ފުރަތަމަ އާދަނު ނުކުމޭ! އަހަރެން ނުކުންނާނަން ތަންކޮޅެއް ފަހުން. އަހަންނަށް ނުނުކުމެވުނަސް އާދަނު މަޑުނުކުރާތި!"
އާދަނު ތެދުވިއެވެ. ވަށައިގެން ނަޒަރުހިންގައިލިއެވެ. ތަނަށް ވެރިވެފައި އޮތީ ފަޅުކަމެވެ. އާދަނު ބޮނދަމުން ގޮސް ނާދީގެ ދޮރުން ނުކުތެވެ. މަގުމައްޗަކު ވެސް މީހަކު ފެންނާކަށް ނެތެވެ. އާދަނު ނުކުމެގެން ދުއްވައިގަތެވެ. ދޮހޮއްކޮ ތެދުވިއެވެ. ދެކޮޅު ހޯދަމުން މަޑުމަޑުން ހިނގައިގަތެވެ. ދޮރާ ހަމައަށް ދެވުނު ވަގުތު ހަސަން ކަލޭފާނު ދޮރުން ވަނެވެ.
"ކަލޭ ކޮން ތާކަށް ތި ދަނީ؟" ހަސަން ކަލޭފާނު ސުވާލުކުރިއެވެ. "މަ ބުނީމެއްނު ތެދުވެގެން ނުވާނޭ!"
"ގިފިއްޔަކަށް ދާންވެގެން." ދޮހޮއްކޮ ވިސްނައިލާފައި ބުންޏެވެ.
"ގިފިލި ހުންނަނީ މަގުމަތީގަ؟" ހަސަން ކަލޭފާނު ރުޅިއައިސްފައި އެހިއެވެ.
"ހަސަން ކަލޭފާނު މަގުމަތީގަ ހުންނަވާނެ ކަމަށް ހީކުރީ،" ދޮހޮއްކޮ އެހެން ބުނި އިރު އަޑު ތުރުތުރުއެޅިއެވެ. "ހުއްދަ ހޯދައިގެން ނޫންތޯ ދާންވާނީ."
ޝައްކުގެ ނަޒަރަކުން ދޮހޮއްކޮއަށް ކަޅިއަޅާލައިފައި، ދޮހޮއްކޮ ގޮވައިގެން ހަސަންކަލޭފާނު ނާދީ ތެރެއަށް ވަނެވެ. އާދަނު އިންތޯއެއް ނުބަލައެވެ. ދޮހޮއްކޮ ގިފިއްޔަށް ވަނެވެ. ހަސަން ކަލޭފާނު ދޮރުމަތީގައި މަޑުކުރިއެވެ. ދޮހޮއްކޮ ފާރަށް ވިސްނައިލި އިރު އެ ފާރުތައް ވަރަށް އުހެވެ.
"އަވަސްކުރޭ!" މިނެޓެއް ނުވަނީސް ހަސަން ކަލޭފާނު ގޮވައިލިއެވެ. "ފިލަން ނުވިސްނާތި!"
ވަޅަށް ދާނި ކޮއްޕައިލައި، އަޑެއް އިއްވައިލާފައި ދޮހޮއްކޮ ނުކުތެވެ.
"ދެން ގޮސް ކުރިން ބޭންދި ތަނުގަ އިށީނދޭ!" ހަސަން ކަލޭފާނު އަމުރުކުރިއެވެ. "އާދަނު އެބަ އިން ދޯ އެ ތަނުގަ؟"
ދޮހޮއްކޮ ވިސްނައިލިއެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ