މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކާއި އޮފަރތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފައެވެ.
މި ކާނިވަލް ކުރިއަށްދާނީ 15 އިން 18 ޖުލައިގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި، ހަވީރު 04:00އިން ރޭގަނޑު 11:30އަށެވެ.
އެގޮތުން، މި ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމަރސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިންގ ހަރަކާތުގައި މުޅިން ހިލޭ ބައިވެރިވެވޭނެއެވެ. އަދި، ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފަރތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މި ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ހާއްސަ ކޭޝްބެކް ރިވޯޑްސް ހިމެނެއެވެ. މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް، ވަކި ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. މި ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ވެސް ހިމެނެއެވެ.
ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެއެވެ. އަދި، މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދިރާގަކީ މި އިވެންޓްގެ ޑިޖިޓަލް ޕަރޓްނަރއެވެ.
ދިރާގުން ދަނީ މުޖުތަމައުގެ ގިނަ ބަޔަކަށް ބައިވެރިވެ ގުޅުން ބަދަހިކުރެވޭ ގޮތަށް ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލުގައި ފޯރިގަދަ ހަރަކާތްތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ