ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވި ފަހުން ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، ހައްދުފަހަނައަޅާފައިވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ކޮރަޕްޝަނަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް މުޅިން ހުއްޓުވިފައިވާ ކަމެއް ނޫންކަމަށާއި އެހެން ގައުމުތަކެކޭ އެއްގޮތައް ރާއްޖޭގައި ވެސް ކޮރަޕްޝަން އޮތީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ވަޒީފާތައް ދެމުން އައުމުގެ ނަތީޖާއަކީ ކުންފުނިތައް ނުހިންގޭ ހިސާބަށް ދިއުމެވެ. އެހެންކަމުން، މިހާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރަން ޖެހުމަކީ ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވީ، ދައުލަތަށް ލިބެން އޮތް އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ގެއްލިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. "ދައުލަތެއް ނަގަހައްޓައި، ދެމެހެއްޓުމަށްޓަކައި އެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުވޭ އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އެހެންވީމާ، އެކަން ކުރިއަށް ގެންދަންޖެހޭނެ. އެއީ މުޅި ޤައުމުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި." ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް މުޅި ގައުމުގެ މަސްލަހަތަށް ވިސްނަންޖެހޭ ކަމަށެވެ. ވަޒީފާއިން މީހުން ވަކިކުރުމަކީ ދަތި ކަމެއް ނަމަވެސް، މުޅި ގައުމު އިގްތިސާދީ ގޮތުން ހަލާކުވެއްޖެނަމަ އޭގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވަޒީފާގައި ތިބި ބައެއް ނޫންކަން ފާހަގަކުރައްވައި، ވަޒީފާ ނެތް މީހުންގެ ހައްގުތައް ވެސް ހިމާޔަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހަތަރު ދައުރު ހޭދަކުރައްވާފައިވާ ސަލީމް ވިދާޅުވީ، މި ދައުރުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކުރީގެ ދައުރުތަކާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. ކޮރަޕްޝަނަކީ އެއް ދުވަހުން ހުއްޓުވޭނެ ކަމެއް ނޫން ނަމަވެސް، ހަރުކަށި ފިޔަވަޅުތައް އަޅައިގެން އެކަން މަދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމްގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް ތާއީދުކުރައްވަމުންނެވެ.މަޖިލީހުގެ މެންބަރުން އިދިކޮޅުވީ ނަމަވެސް، ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރަސީ އައިފަހުން ކޮރަޕްޝަން މިއޮތީ ހައްދުފަހަނައަޅާފައި - ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ