ނަމިރާ ނާޒިމަށް: ދެ އިންތިހާބު އެއްކުރަން ހާއްސަ މަޖިލީހުން އެއްބަހެއްނުވޭ

‏ދެ އިންތިހާބު އެއްކުރުމަކީ މާކުރިއްސުރެ ކުރަންޖެހިފައިވާ ކަމެއްކަމަށް ދައްކަން ޒާތްޒާތުގެ ވާހަކަ ފަތުރާނެ ކަމެއް ނެތެވެ. އެއްޔަކީ ރިޔާސީ ނިޒާމު އޮތް އެއްވެސްތާކު ބަޔަކު ކުރާކަމެއް ނޫނެވެ.
އަމްދުން ރާއްޖޭގައި 94 ރަނިންގ މޭޓުންނާއެކު ރައީސް ކަމަށް މީހަކު ނިކުތުމަށް ފުރުސަތު ދޭން ހެޔޮނުވާނެއެވެ. އިންތިހާބެއް ނެތިއްޔާ ލޮލުގެ ކުޑަކޮޅުންވެސް ރައްޔިތަކަށް ބަލައިނުލާވަރަށް އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ބަޔަކަށް އެ ޖާގަ ދޭން ހެޔޮނުވާނެއެވެ.
ދެ އިންތިހާބު އެއްކުރުމަކީ މާމޮޅު ހަރަދު ކުޑަ ގޮތެއްކަމަށް ވިސްނައިދޭން މަޖިލީހުގެ ނައިބު ރައީސް ނަމިރާ ނާޒިމުމެން ދައްކާ ހީލަތްތެރި ވާހަކަ ނިކަން ދެކިބަލާށެވެ. ގާނޫނު އަސާސީ ހެދިއިރުވެސް އެއްކުރުމުގެ ވާހަކަ ދެކެވުނުކަމަށް ނިކަން ގަދައަށް އެބަ ބުނެއެވެ. އެހެން ބުނާއިރު އެއްކުރަން ހާއްސަ މަޖިލިސް އެއްބަސްނުވި ވާހަކަ ބުނާކަށް ނުކެރެއެވެ. 
ތެދެކެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރެވިފައިވެއެވެ. އޭރު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ތިން ހުށަހެޅުމެއް ހުށަހެޅުނެވެ.
ދެ އިންތިހާބު އެއްކުރުމަށް ހުށައެޅި 3 ހުށަހެޅުމަށް ތާއީދު ލިބުނެވެ. 3 ހުށަހެޅުމަށްވެސް ބަހުސްކޮށް ހާއްސަ މަޖިލީހުން އެކަމަށް ވަނީ ގޮތް ނިންމާފައެވެ. ތިން ހުށައެޅުމަށްމެ، ހާއްސަ މަޖިލީހުން ނިންމާފައިވަނީ އެއް ގޮތެކެވެ. 
ހާއްސަ މަޖިލީހުން ނިންމަފައި އޮތީ ދެ އިންތިހާބު އެކުގައި ނުބޭއްވުމަށެވެ. ހާއްސަ މަޖިލިސް ހަރުއަޑުން ބުނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދެތާރިހެއްގައި ވަކީން ބޭއްވުމަށެވެ.
އޭރުވެސް މިހާރުވެސް ދެ އިންތިހާބު އެއްކޮށްލުމަކަށްވެސް އެއް ދުވަހެއްގައި ބޭއްވުމަކަށް ގައުމު ނޭދެއެވެ. ކަންކަން އޮޅުވާލުމަށް އަލީ ވަހީދޭ ޝާހީނު ހަމީދޭ އިބުރާ އެކޭ ނަމިރާ ނާޒިމެއް ކަމަކު ކިޔާނެ ކަމެއް ނެތެވެ. 2 އިންތިހާބު އެކުގައި ބޭއްވުމަކަށް އެއްވެސް އިރަކު ރައްޔިތުން ތާއީދެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ