ސަގާފީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަން އިންޑިއާގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ސަގާފަތުގެ ދާއިރާގެ ހިމެނޭހެން ހަ ދާއިރާއަކުން އިންޑިއާގައި މަތީ ތައުލީމު ހާސިލްކުރަން ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ އިންޑިއާގެ ސަގާފީ ގުޅުންތަކާ ބެހޭ ކައުންސިލުން މި އަހަރާއި އަންނަ އަހަރަށް ސްކޯލާޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޯލާޝިޕްގެ ދަށުން މަތީ ތައުލީމު ހާސިލްކުރަން ދިހަ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. މި ސްކޯލާޝިޕްތަކަށް ދަރިވަރުން ހޮވާނީ އިންޑިއާގެ ސަގާފީ ގުޅުންތަކާ ބެހޭ ކައުންސިލުން ކަމަށްވެސް އެ އިއުލާނުގައިވެއެވެ. މިނިސްޓްރީން ވަނީ، މި ސްކޯލާޝިޕްގައި ބައިވެރިވުމަށް އެދޭ ދަރިވަރުން އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިން ސްކޯލާޝިޕަށް ހުށަހެޅުމަށް އެދިފައެވެ. މި ސްކޯލާޝިޕްގެ ދަށުން، އިންޖިނިއަރިން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި، ސައިންސާއި ދަނޑުވެރިކަމުގެ ދާއިރާއާއި، ތާރީޚާއި ސަގާފަތުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، އާޔޫރުވެދާ ފަދަ ފަތްޕިލާވެލީގެ ބޭސްވެރިކަމުގެ ދާއިރާ، އަދި ސަގާފީ އިންޑިއާ ނެށުމާއި ސަގާފީ އިންޑިއާ މިއުޒިކް ފަދަ ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ. މި ދާއިރާތަކުން ޖުމުލަ 134 ޔުނިވާސިޓީއަކަށް އެދުމުގެ ފުރުސަތު އެބައޮތެވެ. މި ސްކޯލާޝިޕްގެ ދަށުން ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ކޯސްތަކަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން، ކޯސްތައް ހިންގާ ތަންތަނަކީ އެމްކިއުއޭ ގަބޫލުކުރާ ތަންތަން ކަމާއި، އަދި ހޮވުނު ކޯސްތަކަކީ އެމްކިއުއޭ ގަބޫލުކުރާ ކޯސްތަކެއްކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން އެދެއެވެ. މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އަދި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރަންވެސް، މިނިސްޓްރީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ