ދެ އިންތިހާބު އެއްކޮށްލަން އެމްޑީއޭ ތާއީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.
އެހެންވެ، މި މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ވަނީ އަންނަ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ނިންމާފަ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ، އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ދަނީ ކެމްޕޭންތަކެއް ކުރިއަށް ގެންދަމުންނެވެ.
ތަފްސީލް - މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީ އެމްޑީއޭން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދެ އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށާއި އެއީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ސުލުހަމަސަލަސްކަމަށް ބަލާއިރު ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުންނާބު އުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަބަދުވެސް އިސްކަން ދެއްވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީއޭން ބުނީ:
އިންތިހާބުތައް އެއްކޮށްލުމަކީ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖުކުރުމަށް ލިބޭނެ ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާބުނުމާ އެ ޕާޓީން އެއްބަސްވާ ކަމަށް
ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކުރަނީ އެއީ އިގްތިސާދީ ދެމެހެއްޓެނިވި ކަމަށާއި ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާތީ ކަމަށް
ހަމައެއާއެކު ހަރަދުތައް ކުޑަކޮށް އިގްތިސާދު ވަރުގަދަކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާ ކަމަށް
އެމްޑީއޭ އަބަދުވެސް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމުގައި ކަމަށް
ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ރައްޔިތުންގެ ކުރިމަގު ބާޖަވެރިކަން ކަށަވަރުކުރަން ކުރާ އެންމެހާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ