އަތޮޅު ތެރޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެމްބިއުލާންސްތައް ހަވާލުކުރުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓެނަންސް މެނުއަލްތައް ވަނީ ހަވާލުކޮށްފައެވެ.
އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، ތ. ވިލުފުށި، ލ. ދަނބިދޫ އަދި ސ. މަރަދޫ ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމް ވިދާޅުވީ، މި ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން 135 ރަށެއްގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތައް ބިނާކުރަމުންދާ ކަމަށާއި، މީގެ ތެރެއިން 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއްކަން އޭނާ ވިދާޅިވި އެވެ.
އަތޮޅުތެރޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު 3000 މުވައްޒަފުންގެ މަދުކަމެއް އޮތް ނަމަވެސް، މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 600 އެއްހައި މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ 170 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ