ވެރިމީހާ ނަމާދަށް ދިޔަ ވަގުތު، ގެއެއްގެ ތިޖޫރީއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި

ވެރިމީހާ ފަތިސްނަމާދަށް ދިޔަ ވަގުތު މާލާގެ ގެއަކަށްވަދެ، އެގޭ ތިޖޫރީ ވަގަށް ނެގި ދެ މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުލަތުންވަނީ ދެ މީހެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ތިން ދައުވާކޮށްފައިވަނީ، ރ. އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް އަދި، މއ. ދިއްލީ އަލީ ނިމާލްގެ މައްޗަށެވެ. ރިކޯޑްތަކުން ދައްކާ ގޮތުން މީގެ ތެރެއިން ސާއިފަކީ ކުށުގެ ގިނަ ރިކޯޑްތަކެއް އޮންނަ މީހެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ، ފަހު 10 އަކަށް ބަންދުވުމުގެ ކުރިން، ފަހު ދުވަހެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސާއިފް އަދި ނިމާލް ވަނީ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތަކަށް އިންކާރުކޮށްފައެވެ. ޝަރީއަތުގައި އެ ދެ މީހުންވަނީ އެކަކު އަނެކަކު ނުވެސް ދަންނަ ކަމަށް ބުނެފައެވެ. ނިމާލް ބުނެފައިވާ ގޮތުގައި ސާއިފާ ބައްދަލުވީ ވެސް މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމުންނެވެ. ދެ މީހުން ދައުވާއަށް އިންކާރުކުރި ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެކަމަކު، ދައުލަތުންވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖް ވެސް ހުށަހަޅާފައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މި ދެ މީހުން ވައްކަންކޮށްފައިވަނީ ގޭގެ ވެރި ފަރާތުން ފަތިސް ނަމާދަށް ދިޔަ ވަގުތު، ފާރުމަތިން އަރައި ގެއަށް ވަދެ، ދޮރު ހަލާކުކޮށްލައިގެންނެވެ. އެކަކު އަނެކަކުގެ ކޮނޑަށް އަރައިގެން ފާރުމަތިން ވަތްކަން ސީސީޓީވީ ފުޓޭޖުން ފެންނަކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި، އޭރު އެކަކު ހުރީ ވިގެއް ޖަހައިގެން، ތޮތްޕެއް އަޅައިގެންނެވެ. މި ދެ މީހުން އެ ގެއަށް ވަދެ، އެގޭ ތިޖޫރީ ވަގަށް ނަގައިގެން ގެންދިޔައިރު، ތިޖޫރީގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާއި 3,000 އެމެރިކާ ޑޮލަރު ހުރިކަން ޝަރީއަތް ނިމުނު ގޮތުގެ ހުލާސާގައި ބަޔާންކޮށްފައިވެއެވެ. ދައުލަތުން ދައުވާ ކުރި ތިން މައްސަލައިގެ ތެރެއިން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި ސާއިފްގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ނިމާލްގެ މައްޗަށް އިއްވީ ތިން މަސް ދުވަހުގެ ހުކުމެވެ. ވައްކަމުގެ މައްސަލައިގައި ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވައި، ތިޖޫރީން ވަގަށް ނެގި ފައިސާގެ ތެރެއިން ހޯދިފައިނުވާ ދޮޅު ލައްކައެއްހާ ރުފިޔާއާއި 3000 އެމެރިކާ ޑޮލަރު އެއް އަހަރު ތެރޭގައި އަނބުރާ ދައްކަން ހުކުމްކުރިއެވެ. އަދި, މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެ މީހުންގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ގެއްލުން ދިން މުދަލުގެ މަރާމާތުގެ އަގަށްވާ، 9300 ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން ހުކުމްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ