ވަންނާނެ ތަނެއް ނެތި، ހާލުގައި އުޅުނު މި މަންމައާއި 3 ކުދިންނަށް މަމްސް އެއިޑުން ޒަމާނީ ބޮޑު ގެއެއް
ހާލުގައި ދިރިއުޅުނު އެކަނިވެރި މަންމައަކާއި ތިން ކުދީންނަށް މަމްސް އެއިޑްގެ ފަރާތުން އެހީ ހޯދައިގެން، އެންމެ ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފިއެވެ. މަމްސް އެއިޑްގެ ފަރާތުން މި އަހަރު ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފައިވަނީ ލ. ގަމުގައި، ނިކަމެތި ގެއެއްގައި ވަރަށް ހާލުގައި ތިން ދަރީން ގޮވައިގެން އުޅުނު އެކަނިވެރި މަންމައެއް ކަމަށްވާ އާމިނަތު ނީނަންއަށެވެ. މަމްސް އެއިޑުގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޒައިން ޒަރީރު ވިދާޅުވީ، ހިޔާވެހި ޕްރޮޖެކްޓަށް އާއިލާއެއް ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް އެ ޖަމިއްޔާއިން ބަލާ ކަމަށެވެ. އެގޮތުން، އެ ފަރާތަކީ އެކަނިވެރި މައެއްތޯ ނުވަތަ 18 އަހަރުން ދަށުގެ ކުޑަކުދީން ގޮވައިގެން އުޅޭ މަންމައެއްތޯ އަދި ޖާގައިގެ ގޮތުން އުނދަގޫތައް ތަހައްމަލުކުރާ މީހެއްގެ އިތުރުން އެ ފަރާތަކީ ގެވެށި އަނިޔާ ތަހައްމަލުކޮށްފައިވާ ނުވަތަ ތަހައްމަލުކުރަމުންދާ ފަރާތެއްތޯ ބަލައި އޮޅުންފިލުވާ ކަމަށެވެ. މި އަހަރު ނީނަން އިޚުތިޔާރުކުރީ އޭނާގެ ހާލަތު، ވެރިފައިކުރިއިރު ވަރަށް ދަތި ހާލުގައި އުޅޭކަން އެނގުމުންނެވެ. އޭނާ އުޅުނީ ފަޅުގެތަކުގައި ކަމަށާއި އުޅޭތަނުން ނުކުންނަން ޖެހިއްޖެ ހާލަތުގައި އޭނާ ވަންނާނެ އިތުރު ތަނެއް ނެތްކަން ޒައިން ފާހަގަކުރިއެވެ. މަމްސް އެއިޑުގެ ފަރާތުން ނީނަންގެ އާއިލާއަށް ހަދިޔާކުރި ގެ -- ފޮޓޯ: މަމްސް އެއިޑް ތިން ކުދީންނާ އެކު ދިރިއުޅެމުންދިޔަ ނީނަން، އޭރު އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތް ކިޔައިދެމުން ބުނީ، އޭނާގެ އެންމެ ކުޑަ ދަރިފުޅު ލިބުނު ފަހުން އުޅެމުން އަންނަނީ 2،500 ރުފިޔާއަށް ކުއްޔަށް ކަމަށެވެ. އެކަނިވެރި މައިންނަށް ދޭ ލާރިދެނީ ކުއްޔަށް އޭރު ދިރިއުޅެމުންދިޔަ ގެއަށް ކަމަށް ނީނަން ބުންޏެވެ. "ނުކައި ވެސް ހުންނަން، ކުދީންނަށް ކާންދޭނެ އެއްޗެހި ނެތިގެން ތިން ދުވަސްވަރު ވެސް ހުންނަން. ހަމަ އަމިއްލަޔަށް ނުކައި ރޯދަޔަށް ދެން ހުންނަނީ. ކުދިންނަށް ކެވޭނެ ކުޑަ އެތިކޮޅެއް ވެސް ލިބޭނެ ގޮތް ވެއްޖީޔާ ކުދީންނަށް ދެނީ. އެގޮތަށް މެނޭޖްކުރީ އޭރު. ވަރަށް ދެރަވި ކުޑަ ދެ ކުދީން ވަރަށް ބަނޑުހައި ވެއްޖެއޭ ކިޔާފަ އައިސް ބުނި ދުވަސް. ވަރަށް ވަރަށް ހިތުގައި ޖެހުނު އެދުވަހު ކާނެ އެއްޗެއް، ހަދާނެގޮތް ހުސްވި، މަންމީއޭ ބަނޑަށް ތަދުވަނީއޭ ބުނި ދުވަސް," ނީނަން ރޮމުން އޭނާގެ އިހުސާސްތައް ކިޔައިދިނެވެ. އާމިނަތު ނީނަން: ނީނަން ރޮމުން އޭނާގެ ދިރިއުޅުމުގެ ހާލަތު ކިޔައިދިނެވެ. -- ފޮޓޯ: މަމްސް އެއިޑް ޒައިން ވިދާޅުވީ, ނީނަންގެ އާއިލާއާ ފުރަތަމަ ދިމާވީ 2019 ވަނަ އަހަރު ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި, އޭރު އެހީ ފޯރުކޮށްދިންއިރު އާއިލާގެ ހާލަތު ވެރިފައިކުރުމަށް ފަހު، ދަތި ހާލުގައި ދިރިއުޅެމުންދިޔަ އާއިލާއަކަށްވުމުން މަމްސް އެއިޑްގެ ކެއާ ލިސްޓަށް އިތުރުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، އެ ހިސާބުން ފެށިގެން އެ އާއިލާއަށް ބޭނުންވާ އެކި ކަހަލަ އެހީތެރިކަން މަމްސް އެއިޑްގެ ފަރާތުން ފޯރުކޮށްދެމުންދާކަން ޒައިން ވަނީ ފާހަގަކޮށްފައެވެ. ނީނަން ބުނީ، މަމްސް އެންޖީއޯގެ ފަރާތުން ގޯތީގެ ވާހަކަ އެހިއިރު ގެއެއް އަޅައިދޭން އުޅޭކަން ފުރަތަމަ ނޭނގުނު ކަމަށެވެ. "ޒައި ކަންނޭނގެ އަޅުގަނޑަށް ހީވަނީ އެހީ. އެނގޭހެއްޔޭ މިއުޅެނީ ކީއްކުރަންކަން. މި އުޅެނީ ގެއެއް އަނެކަތިކުރަންވެގެންނޭ. އެ ދުވަހު އަސްލު ފުރަތަމަ ހިތަށް އެރި އެހެންބުނީމާ، ހަމަ އަސްލު ވެސް ބަލާބަލާށޭ ކުޅަދުންވަންތަކަން. އަޅުގަނޑު ދަނމުނަމާދު ކޮށްފައި ހާދަހާދަ ދުޢާއެއް ކުރީމޭ އެ ކުދީންނަށް ބޯހިޔާވެހިކަމެއް ލިބޭނެ ގޮތް މެދުވެރިކުރައްވާތޯ. އެ ކުދީން އަޅުގަނޑު ނެތް ދުވަހަކުން ވެސް ރައްކާތެރިކަމުގައި އުޅެވޭނެ ގޮތެއް، ބޯހިޔާވެހިކަމެއް. އަސްލު ބިންގާ އެޅި ދުވަހު ރޮވުނީ އެ އެއްޗެހި އަސްލު ހިތަށް އަރާފައި،" ނީނަން ކިޔައިދިނެވެ. މަމްސް އެއިޑުގެ ފަރާތުން ނީނަންގެ އާއިލާއަށް ހަދިޔާކުރި ގޭގެ ކޮޓަރިއެއް -- ފޮޓޯ: މަމްސް އެއިޑް މަމްސް އެއިޑުން ނީނަންއަށް އަޅައިދިން ގޭގެ ބިންގާ އަޅާފައިވަނީ ނިމުނު 2025 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި، ހަ މަސް ދުވަހުގެ މަސައްކަތަށް ފަހު ގޭގެ މަސައްކަތް އެއްކޮށް ނިންމާ ނީނަންގެ އާއިލާއާ ގެ ހަވާލުކޮށްފައިވަނީ މި ނިމުނު ޖެނުވަރީ މަހުގެ 13 ވަނަ ދުވަހެވެ. މަމްސް އެއިޑުގެ އެކްސްކްލޫސިވް ޑައިރެކްޓާ ފާތިމަތް ރިޔާޝާ ވިދާޅުވީ، ހިޔާވަހި ޕްރޮޖެކްޓަކީ ކޮންމެ އަހަރަކު ވެސް ކެއާ ލިސްޓުގައި ހިމަނާފައިވާ ނިކަމެތި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި، މި ޕްރޮޖެކްޓުގެ ދަށުންރާއްޖޭގެ އެކި ކަންކޮޅުތަކުން 27 ގެއެއް ރެނޮވޭޓް ކުރެވިއްޖެ ކަމަށާއި މި ހަވާލުކުރެވުނު ގެއަކީ އިމާރާތްކޮށް އެ އެންޖީއޯއިން ހަވާލުކުރެވުނު ހަތްވަނަ ގެ ކަމަށެވެ. މަމްސް އެއިޑުގެ ފަރާތުން ވަނީ ނީނަންގެ ޢާއިލާގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރެވުނީ އެންމެހާ ބޭފުޅުންގެ ދީލަތި އެހީއާއި އެއްބާރުލުމާއެކުގައި ކަމަށާއި އެ އެންޖީއޯގެ އުންމީދަކީ އެފަދަ އާއިލާތަކަށް އެހީތެރިވުމަށް އެ އެންޖީއޯއަށް ރައްޔިތުން ދެއްވާ ލޯތްބާއި އެއްބާރުލުން މުސްތަޤުބަލުގައި ވެސް ލިބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ