ޤުރުއާނާއި މިސާލު: ވާރެޔާއި ގުގުރުން

ސޫރަތުލް ބަޤަރާގެ 19 ވަނަ އާޔަތުގައި ﷲ މިސާލެއް ޖައްސަވަ އެވެ. މި މިސާލު ވެސް އަމާޒުކުރައްވަނީ ކާފިރުވި މީހުންނާއި މުނާފިގުންނަށެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަ އެވެ. "ނުވަތަ އެމީހުންގެ މިސާލަކީ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން (އެކުލެވިފައި) ވާގޮތުގައި އުޑުމަތީގައިވާ ވާރޭ ވިލާގަނޑެއްގެ މިސާލެވެ. ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން، އެމީހުންގެ ކަންފަތްތަކުގައި އެމީހުންގެ އިނގިލިތައް އަޅަ އެވެ. ﷲ އީ، އެ ކާފިރުންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."
ކީރިތި ޤުރްއާނުގައި ތެދުމަގުގެ ވާހަކަ ބަޔާންކުރައްވާ މިސާލުތަކުގައި ނޫރު ނުވަތަ އަލިކަމަކީ އާންމު ބަހެކެވެ. ތެދުމަގު ދައްކައިދޭ އެންމެ ބޮޑު މަސްދަރަކީ ކީރިތި ޤުރްއާނެވެ. އެހެންކަމުން ޤުރްއާނަކީ ނޫރުކަމުގައި އެ ޤުރްއާން ބަޔާންކުރެ އެވެ. ތެދުމަގާ ގުޅޭ ތަސްވީރުތަކުގައި ވާރޭ ނުވަތަ ވާރޭފެނުގެ ވާހަކަ ތަކުރާރުކޮށް ޤުރްއާނުގައި ހުރެ އެވެ. މި މިސާލުން ވެސް ވާރެޔާއި އަނދިރިކަން ފެނެ އެވެ.
ތެދުމަގުން އެއްކިބާވުމަށް ނުވަތަ ކާފިރުކަމުގައިވުމަށް ކީރިތި ޤުރްއާން ބަޔާންކުރާ އެއް ބަހަކީ އަނދިރިކަމެވެ. ކީރިތި ޤުރްއާންގައި ހައްގަށް ފުރަގަސްދީ ކާފިރުކަމުގައި ހުރުމަށް ދައްކާ އަނެއް ބަހަކީ ހިތުގެ ބަލިމަޑުކަން ނުވަތަ ހިތް ގައުވުމުވެ. އެފަދަ މީހުންނަކީ ކަނު، ބީރު، އަދި މަންމަން މީހުން ކަމުގައި ﷲ ބަޔާންކުރައްވަ އެވެ.
ވާރެޔަކީ ﷲ އިންސާނާއަށް ދެއްވި ބޮޑު ނިއުމަތެކެވެ. ބިމަށް ލިބޭ ދިރުމާ އެކީ ގަސްތައް ފަޅައި އެ ގަސްތައް ހެދި ބޮޑުވެ އެވެ. އަދި އެ ގަސްތަކުން އިންސާނާއަށް މޭވާ އާއި އެހެނިހެން ކާނާ ލިބިދެ އެވެ. ގަސްގަހާގެހިން އިންސާނާއަށް އިތުރު އެތައް ފައިދާއެއްކުރެ އެވެ. ކަންމިހެން އޮތުމުން ވާރެޔާއި ވާރޭ ފެނަކީ ﷲ އިންސާނާއަށް ދެއްވި ބޮޑު ރަހުމަތެކެވެ. އާންމުކޮށް ކީރިތި ޤުރްއާނުގައި ވާރޭގެ ވާހަކަ އޮންނަނީ އެފަދައިންނެވެ. އެކަމަކު މި މިސާލުގައި ކާފިރުވި މީހުންނަށް އަމާޒުކޮށް އޮތް ވާރެޔަކީ ތޫފާނެއްގެ ވާރެ އެވެ. އެހެންކަމުން އެއީ ގެއްލުންދެނިވި ވާރެ އެވެ.
ވާރޭ ފެނުން ބިމަށް ދިރުމާއި އާރޯކަން އަންނަ ފަދައިން ކީރިތި ޤުރްއާނުން އިންސާނާއަށް ދިރުމާއި އާރޯކަން ލިބެ އެވެ. އޭނާ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެނެސްދެ އެވެ. އޭނާއަށް ތެދުމަގު ލިބި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދެ އެވެ. ހައްގު ތެދު މަގުގައި ސާބިތުވެ ހުރެ ސާލިހު ހެޔޮ އަމަލުގައި އޭނާއަށް ދެމިހުރެވެ އެވެ. ރޫހީ ގޮތުން ކާމިޔާބު މީހަކަށް އޭނާ ވެ އެވެ.
ކީރިތި ޤުރްއާނުގައި ވިދުން ނުވަތަ އަލިކަން އާންމުކޮށް އައިސްފައިވަނީ ފައިދާ ހުރި އެއްޗެއްގެ ގޮތުގަ އެވެ. އެކަމަކު މި މިސާލުގައި ކާފިރުންނަށް ވިދުވަރު ވެފައިވަނީ ބިރުވެރި ނުރައްކާތެރި އެއްޗަކަށެވެ. މުނާފިގުން އެތެރެ ފުށުން ކާފިރުކަމުގައި ތިބީ ހައްގު ރަނގަޅަށް އެނގޭ ހާލުގަ އެވެ. ރަސޫލުﷲ އަކީ އެންމެ ފަހުގެ ނަބިއްޔާކަން އެމީހުންނަށް ކަށަވަރުވެ އެވެ. ކީރިތި ޤުރްއާނަކީ ﷲގެ ފޮތްކަން އެމީހުންނަށް ޔަގީންވެ އެވެ. އެކަމަކު ބޮޑާކަމާއި ކިބުރުވެރިކަމާއި ގޮތްދޫނުކުރުމުގައި ތިބި މުނާފިގުން މި ހަގީގަތް ގަބޫލުކުރަން ބޭނުމެއްނުވި އެވެ.
ވިއްސާރައިގެ ތޫފާނެއްގައި ޖެހިފައި ތިބި ބަޔަކަށް ވިސްނާލާށެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެކެވެ. ވެހެމުންދާ ވާރޭގެ ބޯކަމުން ތަނެއްދޮރެއް ނޭނގެ އެވެ. އަނެއްކޮޅުން ވެރިވެފައިވާ ގަދަ އަނދިރީގެ ސަބަބުން ތަނެއްދޮރެއް ނުފެނެ އެވެ. މި ހާލުގައި ވަނިކޮށް ވިދާފައި އެއަޅަނީ ހޮނެވެ. ދެން އިވެނީ ގުގުރުމުގެ ވަރުގަދަ އަޑެވެ. މި ތޫފާނުގައި ތާށިވި މީހާ، އޭނާގެ ދެ ކަންފަތަށް އިނގިލި ކޮއްޕިއަސް ހޮނުން އޭނާއަކަށް ސަލާމަތެއްނުވެވޭނެ އެވެ. ކާފިރުކަމުގައި ތިބި މުނާފިގުންނަށް މިއަންގައިދެނީ އެމީހުންނަށް މަރަށް ނުފިލޭނެ ވާހަކަ އެވެ. އެމީހުން ސިއްރިޔާތުގައި ކުރާ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވާ ވާހަކަ އެވެ. އެމީހުން ﷲގެ ހަޒުރަތަށް ދާން ޖެހޭނެ ކަމެވެ. އަދި ﷲގެ ދަރުބާރުގައި އެމީހުންގެ ޝަރީއަތް ހިންގައި އެމީހުންނަށް ހައްގު އަދަބު ދެވޭނެކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ