ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ހިއްސާގެ ބާޒާރުގައި ބްރޯކަރޭޖް ހިދުމަތް ފަށައިފި

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)ން ހިއްސާގެ ބާޒާރުގައި ބްރޯކަރޭޖް ހިދުމަތް ތައާރަފުކޮށް، އެ ކުންފުނިން ފޯރުކޮށްދޭ މާލީ ހިދުމަތްތައް ފުޅާކޮށް، އިންވެސްޓަރުންނަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖަށް ވަނުމުގެ އިތުރު ފުރުސަތުތައް ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ބްރޯކަރޭޖް ހިދުމަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރުގަ އެވެ. މިހާރު ވެސް ރާއްޖޭގެ ސެކިއުރިޓީޒް މާކެޓުގައި އެ ކުންފުނީގެ ހިއްސާ އިތުރުވަމުން އަންނަ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. މި ހިދުމަތުގެ ދަށުން އިންވެސްޓަރުންނަށް ޑީއައިޕީ މެދުވެރިކޮށް ހިއްސާ ގަނެވިއްކުމުގެ އިތުރުން، ބާޒާރުގެ މިސްރާބާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ އިރުޝާދު ލިބޭނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި، 2025 ވަނަ އަހަރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި 23.44 މިލިއަން ރުފިޔާގެ މުއާމަލާތް ވަނީ ހިންގާފަ އެވެ. އެންމެ ގިނައިން މުއާމަލާތް ކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހިއްސާގަ އެވެ. ލިސްޓުކޮށްފައިވާ ގިނަ ކުންފުނިތަކުގެ ޑިވިޑެންޑް ޔީލްޑް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ގާތްގަނޑަކަށް %7އަށް އުފުލިފައިވާއިރު، ކޮންމެ ހިއްސާއަކަށް ޖެހޭ ފައިދާ ނުވަތަ އާނިންސް-ޕާ-ޝެއާ ރޭޝިއޯ ހުރީ ރަނގަޅު މިންވަރެއްގަ އެވެ.
ޑީއައިޕީން ބުނި ގޮތުގައި، ބާޒާރުގެ މިހާރުގެ ހިސާބުތަކުން ދައްކަނީ ރާއްޖޭގެ ސެކިއުރިޓީޒް މާކެޓް އިތުރަށް ކުރިއެރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި ބްރޯކަރޭޖް ހިދުމަތް ގުޅިފައިވަނީ 2022 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ހިންގަމުން އަންނަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމް، ވިޔަނައާ އެވެ. ޑީއައިޕީއަކީ އެ ޕްލެޓްފޯމްގެ އެޑްވައިޒަރީ ޕާޓްނަރެއް ވެސްމެ އެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަަށްވާ ފެޑޯގެ ބޮންޑް ނެރުމާއި އޭގެ މުއާމަލާތްތައް ހިންގުމުގައި އެކްސްޗޭންޖާ އެކު މަސައްކަތް ކޮށްފަ އެވެ.
މި ހިދުމަތް ބޭނުންކުރާ އިންވެސްޓަރުންނަށް، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީން ހިންގާ 'އިންފިނިޓީ ޕޯޓަލް' މެދުވެރިކޮށް، އެ މީހުން ބޭނުންވާ ބްރޯކަރެއްގެ ގޮތުގައި ޑީއައިޕީ އިހްތިޔާރުކޮށްގެން ހިއްސާ ގަނެވިއްކުމުގެ އޯޑަރު ދެވޭނެ އެވެ. މީގެ އިތުރުން ފޯނުން، މެސެޖުން ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް އޯޑަރު ހުށަހެޅޭނެ އެވެ.
ޑީއައިޕީން ބުނީ މި ބްރޯކަރޭޖް ޕްލެޓްފޯމްގެ މަގްސަދަކީ ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވަނުމަށް ފަސޭހަ މަގެއް ދެއްކުމާ އެކު، އެ ކުންފުނިން މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ފައިނޭންޝަލް އެޑްވައިޒަރީ، އިންވެސްޓްމަންޓް ސްޓްރަކްޗަރިން، މާކެޓް ރިސާޗު އަދި ފައިނޭންޝަލް ޕްލޭނިން ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުން ކަމަށެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި، ބޮޑެތި އިގްތިސާދުތަކާ އަޅާބަލާއިރު ރާއްޖޭގެ ހިއްސާގެ ބާޒާރު ކުޑަވި ނަމަވެސް، ރާއްޖޭގެ މާލީ ދާއިރާއާ އެކު އެ ބާޒާރު އަންނަނީ ކުރިއަރަމުންނެވެ. ބްރޯކަރޭޖް ހިދުމަތް ތައާރަފުކުރުމުން އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވެ، އިންތިޒާމުވެފައިވާ މާލީ ބާޒާރުތަކަށް އޮންނަ ފުރުސަތުތައް ވަރުގަދަވެގެންދާނެ އެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއަކީ ރާއްޖޭގެ އިގްތިސާދީ މާހައުލާ ގުޅޭ ގޮތަށް އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި ފައިނޭންޝަލް ޕްލޭނިން ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ އެކު މަސައްކަތް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ