ޒުވާން ލަވަކިޔުންތެރިންނާއެކު "އެކިރާގު"، ޓިކެޓު ވިއްކަން ފަށައިފި

ޒުވާން ލަވަކިއުންތެރިން ހިމެނޭހެން، "އެކިރާގު"ގެ ނަމުގައި އޮލިމްޕަސް ތިއޭޓަރުގައި އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު މިއުޒިކް ޝޯ އެއް ބާއްވަން ނިންމައި, ޓިކެޓު ވިއްކަން ފަށައިފިއެވެ. އޭޕްރިލް މަހުގެ ފުރަތަމަ ތިން ދުވަހު އޮންނަ މި ޝޯގެ ޓިކެޓުތައް ދޫކުރަން މިހާރު ވަނީ ފަށައިފައެވެ. ޓިކެޓް ގަތުމަށް މެސެޖު ކުރަން ޖެހޭ ނަންބަރަކީ 7774841 އެވެ. މި ޝޯ އިންތިޒާމު ކުރައްވާ, އަޙްމަދު ސަލީމް (ޑިސްކޯ ސަލީމް) 'ސަން'އަށް މިއަދު ވިދާޅުވީ، ޝޯގެ ޓިކެޓުތައް ވިއްކަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން ޓިކެޓުތަކުގެ އަގުތައް އުޅެނީ 200 ރުފިޔާއަށާއި 300 ރުފިޔާއަށާއި 500 ރުފިޔާއަށް ކަމަށް، ސަލީމް ވިދާޅުވިއެވެ. "އެކިރާގު" ޝޯގައި ލަވަ ހުށަހަޅައިދޭ ފަންނާނުންގެ ތެރޭ މޯލްޑިވިއަން އައިޑަލްއިން މަގްބޫލުކަން ހޯދި ލައިޝާ ޖުނައިދާއި ޝަލަބީ އިބްރާހީމާއި ޢަބްދުالله ހިޝާންގެ އިތުރުން މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އަޝްފާއާއި އަރަމުން އަންނަ ލަވަކިއުންތެރިޔާ ޖޫނީ ޖިނާޙު ހިމެނެއެވެ. މި ޝޯގައި އަށް ލަވަ ކިއުންތެރިއަކު ލަވަ ހުށަހަޅާނެ ކަމަށް އޮތަސް، އިތުރު ލަވަކިއުންތެރިންވެސް ލަވަ ހުށަހަޅާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މިއީ "އެކިރާގު"ގެ ނަމުގައި ބާއްވާ ފުރަތަމަ ޝޯއެވެ. މިޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. ސަލީމް ވިދާޅުވީ މިއަހަރު ފަހުކޮޅު މިފަދަ އިތުރު ޝޯއެއް އޮތުން އެކަށީގެންވާ ކަމަށާއި، މިހާރު ރާވާފައި އޮތީ ކޮންމެ އަހަރަކު ދެ ޝޯ ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ، ލަވަކިއުންތެރިން ޝޯއަށް ތައްޔާރުވުމަށްޓަކައި ފަރިތަކުރަމުން އަންނަ ކަމަށެވެ. "ޓިކެޓެއް ބައްލަވައިގަތީމަ އީ ޓިކެޓެއް ލިބޭނެ، [ޓިކެޓު] ފޯނަށް ދާނެ،" ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ