ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާ ގޮތަށް އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، އެ ސަރަހައްދުގެ ހުޅަނގުގައި ތާށިވެފައިވާ އިންޑިއާގެ 22 އުޅަނދަކަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އިންޑިއާއިން އެދިއްޖެ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް އިއްޔެ ވިދާޅުވީ، އިންޑިއާގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ މަގު ކަށަވަރުކުރުމަށްޓަކައި ސަރަހައްދީ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"މެދުއިރުމަތީގެ މުހިންމު ހުރިހާ ފަރާތްތަކަކާ އެކު އިންޑިއާއިން އަންނަނީ މުއާމަލާތް ކުރަމުން... ހާއްސަކޮށް ހަކަތައިގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އިންޑިއާގެ އިސްކަންދޭ ކަންކަން ހިއްސާކުރުމަށް،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވި އެވެ.
އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު މުހައްމަދު ފަތުހަލީ ވަނީ، ކަނޑުދަތުރުފަތުރު ކުރުމުގައި ބޮޑެތި ހުރަސްތަކެއް ހުރި ނަމަވެސް، އިންޑިއާގެ ބައެއް އުޅަނދުތަކަށް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ތެހެރާނުން ދީފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އިންޑިއާގެ ޝިޕިން މިނިސްޓްރީން ބުނި ގޮތުގައި، ތާށިވެފައިވާ އުޅަނދުތަކުގެ ތެރޭގައި ސާފުނުކުރާ ތެޔޮ އުފުލާ 4 ޓޭންކަރާއި، އެލްޕީޖީ އުފުލާ 6 އުޅަނދާއި އެލްއެންޖީ އުފުލާ 1 އުޅަނދު ހިމެނެ އެވެ.
އިންޑިއަން އޮއިލް ކޯޕަރޭޝަނުން ކުއްޔަށް ހިފާފައިވާ 'ޝިވާލިކް' އަދި 'ނަންދާ ދޭވީ' ނަމަކަށް ކިޔާ ދެ އެލްޕީޖީ އުޅަނދު މިހާރު ވަނީ ކަނޑުއޮޅި ހުރަސްކޮށްފަ އެވެ. އެގޮތުން، 92,000 މެޓްރިކް ޓަނަށް ވުރެ ގިނަ އެލްޕީޖީއާ އެކު މި އުޅަނދުތައް މާދަމާ އަދި އަންގާރަ ދުވަހު އިންޑިއާގެ ހުޅަނގު ބަނދަރުތައް ކަމަށްވާ މުންދްރާ އަދި ކަންޑްލާއަށް ބަނދަރުކުރާނެ ކަމަށް ބެލެވެ އެވެ.
ދުނިޔޭގެ ތެލާއި އެލްއެންޖީ ވިޔަފާރީގެ ގާތްގަނޑަކަށް %20 ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އިންޑިއާއަށް ކުރިމަތިވި އެންމެ ބޮޑު ގޭސް ސަޕްލައިގެ ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ގޭބިސީތަކަށް ބޭނުންވާ ކައްކާ ގޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ސިނާއީ މަސައްކަތްތަކަށް ދޫކުރާ ސަޕްލައި ކަނޑާލުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފަ އެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވަމުންދިއުމާއި އޭގެ ސަބަބުން ހަކަތައިގެ ބާޒާރަށް ކުރާ އަސަރުތަކާ ގުޅޭ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި، ބްރިކްސްގެ މެންބަރު ގައުމުތަކާ އެކު އިންޑިއާއިން ވަނީ މަޝްވަރާތައް ފަށާފަ އެވެ.
އިތުރު 22 އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅިން ދިއުމުގެ ހުއްދަދޭން އިންޑިއާއިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ