ސިޓީތައް ވެސް ކުލަބޮކިން އަލިކުރަން ނުޖެހޭ ދުވަސްވަރެއް

އަންނަ ކުޑައީދުގެ އުފާ ފާޅުކުރަން ކުލަބޮކި ލުން އޮންނާނީ ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި ކަމަށް، ސަރުކާރުން މިދިއަ ހަފުތާގައި ނިންމި އެވެ. އެކަމަކު ސުވާލަކީ މިއީ ރާއްޖޭގެ އެއްވެސް ރަށެއްގައި ކުލަބޮކި ލައި، 'ގައުމީ ފެންވަރުގެ އުފާ ފާޅުކުރުންތަކެއް' ބާއްވަން ޖެހޭ ހާލަތެއް ހެއްޔެވެ؟
މެދުއިރުމަތީގެ ހަނގުރާމައިގައި ހަލާކުވަމުން، ގެއްލުންތައް ލިބެމުން އެ ދަނީ މުސްލިމް ގައުމުތަކަށެވެ. އެމެރިކާ އާއި އިޒުރޭލުން އީރާނަށް ބޮން އަޅައި، ތަންތަން ބިމާ ހަމަކޮށް، އެވަރު ނުފުދޭތީ، އެ ގައުމުގެ އިސް ވެރިން އަވަހާރަކުރަމުންނެވެ. އޭގެ ބަދަލުހިފަން އީރާނުން ހަމަލާދެނީ މެދުއިރުމަތީގެ އެހެން ގައުމުތަކަށެވެ.
މި ހަނގުރާމައިގެ އިގުތިސާދީ ގެއްލުން ލަފާކުރަން އަދި ދައްޗެވެ. ހަނގުރާމަ ހުއްޓާލާނީ ކޮން އިރަކުކަން އެނގޭ މީހަކު ނެތެވެ. ހަނގުރާމަ ފެށި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް އަސްލު މިވާ އެއްޗެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އޭނާގެ ވެރިކަން ކުރުމުގެ އަހުލާގަށް ބަލާ ނަމަ، އެހެން ގައުމުތައް ފުނޑުނަސް، އޭނާ ބޭނުން ނޫން ގޮތަކަށް ނިންމުންތަކެއް ނާންނާނެ އެވެ. އެހެންކަމުން އެހެން ހަނގުރާމަތަކާ ހިލާފަށް މި ހަނގުރާމައިގައި މި އުޅެނީ އޭގެ ކޮޅެއް މެދެއް ނޭނގިގެންނެވެ.
ދުނިޔޭގެ އެންމެ ބިޒީ ބައެއް އެއާޕޯޓްތައް އޮތީ މެދުއިރުމަތީގަ އެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ދަތުރުކުރަނި އެ އެއާޕޯޓްތައް މެދުވެރިކޮށެވެ. ވައިގެ ހަމަލާތަކާ އެކު ދަތުރު ފަތުރަށް މި އޮތީ ލޮޅުންއަރައިފަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް %40 ގެ ވެއްޓުމެއް މިހާރު ވެސް ކުރިމަތިވެއްޖެ އެވެ. މިއީ ސަރުކާރުގެ އާމްދަނީއަށް ވެސް ބޮޑު އުނިކަމެކެވެ.
ހަގީގަތުގައި މި ރޯދަމަސް އަޅުގަނޑުމެން މި ހޭދަކުރަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ވިސްނުމުގެ ތެރޭގަ އެވެ. އޭގެ ސީދާ ގެއްލުން ލިބި، ކުރިމަގުގެ ވާނުވާ ނޭނގުމުގަ އެވެ. އެހެންކަމުން މިއީ ކުލަބޮކި ދިއްލައިގެން އީދު ފާހަގަކުރަން ޖެހޭ ހާލަތެއް ކަމަކަށް ނުވިސްނެ އެވެ. ކުލަ ބޮކި ނުދިއްލިޔަސް އީދުގެ އުފާ ހޯދިދާނެ އެވެ. މި ސަރުކާރު އައުމުގެ ކުރިން ވެސް އީދުގައި މިހާ ފުޅާކޮށް ކުލަބޮކި ލައިގެން އެތައް މިލިއަން ރުފިޔާއެއް ހޭދައެއްނުކުރެ އެވެ.
ރާއްޖޭގައި ސިޓީގެ ދަރަޖަ ލިބިފައިވާ ފަސް ރަށުގައި އެކަނި ކުލަބޮކި ލުމަކީ ވެސް އިންސާފެއް ނޫނެވެ. އީދު ފާހަގަކުރުން ކުޑަކުރަނީ ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކުރުމުގެ ނިޔަތުގަ އެވެ. އެހެންކަމުން މިއީ ދިވެހި ހުރިހާ ރައްޔިތުން ވެސް އޭގައި ޝާމިލްވާ ގޮތަށް، މުޅި ރާއްޖެއަށް ހިންގަން ޖެހޭ ސިޔާސަތެކެވެ. ސިޓީއަކަށް ވީތީ ވަކި ހާއްސަ ކަމެއް ދިނުން ރަނގަޅުތޯ، ކެބިނެޓްގައި މަޝްވަރާނުކޮށެއް ނޯންނާނެ އެވެ. އެކަމަކު ކެބިނެޓްގެ ނިންމުން އައީ ސިޓީތަކުގައި އެކަނި ކުލަބޮކި ލުން ކަމަށް ވާތީ، އެ ސުވާލާ މެދު ހިޔާލު ބަދަލުކޮށްފައި އެ އޮތީ އެންމެ ރަނގަޅަށް ކަމަށް ގަބޫލެއްނުކުރެވެ އެވެ.
"ފިތުރު އީދު ދިއްލުން ރަށްރަށުގައި މި ވަގުތު ނުބާއްވާ ގޮތަށް. ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މި ކަން ކުރިއަށް ގެންދާ ގޮތަށް. އެ ވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި. އެ ވެސް ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި،" ކެބިނެޓްގެ ނިންމުން ހާމަކުރައްވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވި އެވެ.
މި ނިންމުން ރަނގަޅެއް ނޫނެވެ. އަޅުގަނޑަށް ފެންނަނީ އީދުގެ ކުރިން ހަނގުރާމަ ހުއްޓާނުލައިފި ނަމަ ރާއްޖޭގެ އެއްވެސް ރަށެއްގައި ކުލަބޮކި ލައިގެން އީދު ފާހަގަނުކުރާށެވެ. ދުނިޔޭގައި ބޮޑު ނުރައްކަލެއް ކުރިއަށްދާކަމުގެ އިހުސާސް ނެތް ނުވަތަ ރާއްޖެއަކީ މާ މުއްސަނދި ގައުމެއް ކަމަށް ބަލައިގެން އުޅޭ ރައްޔިތުންނަށް ކުޑަކުޑަކޮށް ވިސްނާލެވޭނީ ވެސް އޭރުން ކަމަށް ފެނެ އެވެ. ގައުމުގެ އަސްލު ހާލަތު ރައްޔިތުންނަށް އަންގައިދޭންވީ އެވެ. މިއީ ކުލަބޮކީގެ އީދެއް ނޫން ކަމާއި މިއީ ހިތާމަ އާއި ކަންބޮޑުވުުމުގެ އުދާސްތައް ގުޅިފައި އޮތް އީދެއް ކަމަށް ބުނެދިނީމާ ހުންނާނީ ރަނގަޅަށެވެ.
އާންމުން އީދު ފާހަގަކުރާނެ އެވެ. އާއިލާތަކުގެ އެއްވުން ވެސް އޮންނާނެ އެވެ. ބޭރަށް ވެސް ނުކުންނާނެ އެވެ. މިހާރުގެ ހާލަތަށް ބަލާ ނަމަ އެހާވަރުން ފުއްދާލެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ