ބުޅަލަށް ގޯނާކުރާ އަދި މަރާ މީހުން ޖަލަށްލައި ޖޫރިމަނާކުރާނަން: މިނިސްޓްރީ

ބުޅަލަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުން އަދި އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި މަގުމައްޗަށް ބުޅާ ދޫކުރާ މީހުން، ޖަލަށްލުމާއި ޖޫރިމަނާކުރުން ފަދަ ގާނޫނުގައިވާ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ވީ ކިހިނެއް؟ - މަގުމަތީ އުޅޭ ބުޅާތަކަށް ހާނިކަ ކުރުމާއި ގޯނާކުރުން ފަދަ ކަންކަން ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެކަމަކު މިފަދަ ކަންކަން ކުރާ މީހުންނަށް ގާނޫނުގައި ބުނާ ފިޔަވަޅު އަޅަމަކުން ނުދެ އެވެ. މާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތައް ބަލަހައްޓަން ފެސިލިޓީއެއް ހަދާފައިވިޔަސް، އެކަން ވެސް އެކަށީގެންވާ ގޮތެއްގައި ކުރެވެމަކުން ނުދެ އެވެ.
ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް މިފަހުން އަނެއްކާވެސް ފެންމަތިވެ، ބުޅަލުގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. 
ތަފްސީލް - މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ބައެއް މީހުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް މިމިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. މި ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް އެ ތަނުން ބުންޏެވެ.
މިނިސްޓްރީން ބުނީ، މިދިޔަ ޑިސެމްބަރުގައި ތަސްދީގުކުރި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެ ތަކެއްޗަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ތަނުން ބުންޏެވެ.
"މި ހައްގުތަކަކީ މިހާރު ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ރައްކާތެރިކަން ދީފައިވާ ކަންކަމެވެ. އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލާ ދޫކޮށްލާ ފަރާތްތަކާ މެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އެޅޭނެ ވާހަކަ ދަންނަވަމެވެ،" މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - މިފަހުން އެކުލަވާލި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ ހައްގުތަކުގެ ތެރޭގައި ހިމެނެނީ:
ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން 
ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން 
ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން 
ވޭނާއި ހާނީއްކަ އާއި ބަލިން މިންޖުވުމުގެ މިނިވަންކަން 
އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން
މީގެ އިތުރުން، 'ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން' މި މާއްދާގެ ދަށުން ހާއްސަ އުސޫލުތަކެއް މި ގާނޫނުގައި ހިމަނާފައިވެ އެވެ. އެ މާއްދާގައިވާ ގޮތުން:
ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެއް 
މިފަދަ ކަމެއް ކޮށްފިނަމަ 5,000ރ. އާއި 50,000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ
ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެއް 
މިފަދަ ކަމެއް ކޮށްފިނަމަ 5,000ރ. އާއި 10,000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ
މީގެ އިތުރުން، ގާނޫނުލްއުގޫބާތުގެ 625 ވަނަ މާއްދާގެ ދަށުން ވެސް، ޖަނަވާރަކާ މެދު އަނިޔާވެރި އަމަލެއް ހިންގާ މީހަކަށް ކުށް ސާބިތުވެއްޖެނަމަ އެއް މަހުގެ ނުވަތަ ތިން މަހުގެ ޖަލު ހުކުމެއް އިއްވިދާނެ އެވެ.
ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށްވީ ހިނދު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމަ އެއާ އެކު، ޖަނަވާރުންނަށް ރަހުމުކޮށް، އޯގާތެރިކަމާއި އަޅާލުމާއި އިންސާނިއްޔާތުކަމާއެކީ އަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަން މިމިނިސްޓްރީން ފާހަގަކުރި އެވެ. 
އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާ އެކު އަމަލުކުރުމަށާއި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އެ ތަނުން އިލްތިމާސްކުރި އެވެ.
"ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާއެކެވެ. ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރުމާއި އެ ތަކެތީގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދު ވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ