ހާރިޖީ ދާއިރާގެ އެންމެ މަތީ ޝަރަފު، ހަލީލާއި އަހުމަދު ލަތީފަށް އަރުވައިފި

ރާއްޖޭގެ ހާރިޖީ ދާއިރާގައި ދޭ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށާއި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފުގައި ހިމެނޭ، އައްޑަނައާއި ހަނދާނީ ފިލައާއި މެޑަލް އެ ދެ ބޭފުޅުންނަށް އެރުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދެ ބޭފުޅުންނަށް، އެ ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓެވުމަށާއި ބޭރު ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ބަދަހިކުރެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި ބޭރުގެ އެެހީތައް ރާއްޖެއަށް ހޯދުމުގައި، އެ ދެ ބޭފުޅުންގެ ހިއްސާ ބޮޑުވުމާއި ހާރިޖީ ދާއިރާ ކުރިއަރުވަން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސްޓޭޓް މިނިސްޓަރު ހަލީލް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ، 22 ޑިސެމްބަރު 1981 ގައެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަން ގެ ސެކްރެޓަރީކަމުގެ ވަޒީފާއެވެ. ހަލީލް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ، އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ. އެގޮތުން އެ މިޝަންގެ ތާޑް ސެކްރެޓަރީއިން ފެށިގެން، އެކިއެކި މަގާމުތަކުގައި 17 އަހަރު ހޭދަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރުކަންވެސް ހަތް އަހަރު އޭނާ ފުރުއްވިއެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް 22 ނޮވެންބަރު 2018 ގައި ހަމަޖެއްސެވުމާ ހަމައަށް އޭނާ ހުންނެވީ އެ މިނިސްޓްރީގެ ބައިލެޓްރަލް ސެކްރެޓަރީގެ މަގާމުގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ފުރަތަމަ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ހާރިޖީ ދާއިރާއަށް ހިދުމަތްކުރައްވަން ފެއްޓެވީ، 26 ނޮވެމްބަރު 1981 ގައެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ، އެކްޓާނަލް އެފެއާސް މިނިސްޓަރީގެ އަންޑާ ސެކްރެޓަރީގެ މަގާމެވެ. އޭގެ ފަހުން، ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްކަމާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުކަމާއި ޗައިނާ ސަފީރުކަމާއި ޖަރުމަނު ސަފީރުކަންވެސް އޭނާ ކުރެއްވިއެވެ. މީގެ އިތުރުން ސައުތު އޭސިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އުފެއްދެވުމުގައިވެސް ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ އެއް ބޭފުޅަކީ އަހުމަދު ލަތީފެވެ.
އަހުމަދު ލަތީފާއި އަހުމަދު ހަލީލަށް ހާއްސަ ޝަރަފު އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެފަދަ ޝަރަފެއް އެރުވުމުގެ އެއް ބޭނުމަކީ، ހާރިޖީ ދާއިރާގައި ދިގު މުއްދަތެއްގައި ހިދުމަތްކުރުމަށް އިތުރު ހިތްވަރެއް ދިނުމާއި އެ ދާއިރާއަށް ޝައުގުވެރިކަން އުފެއްދުން ކަމަށެވެ.
އެ މަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބައިއަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި ބައެއް އިސްލާމީ ގައުމުތާއި ރާއްޖެއާ އެއިރު ގުޅުން ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔެއާ ރާއްޖެއާ މިހާރު ގުޅިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގައުމަށް ހިދުމަތް ކުރުމާ ހަވާލުވީއިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި. ބައިނަލްއަގުވާމީ ޖަމާއަތްތަކާމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި. ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ އޮތީ ގުޅުން ކެނޑިފައި. އެއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ހިތާމައެއް" ބައިނަލްއަގުވާމީ މުޖުތަމައުތަކާ ގުޅުން ބަދަހިކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ފޮރިން މިނިސްޓްރީ ސިވިލް ސާވިސްއިން ވަކިކޮށް ފޮރިން ސާވިސް އުފެއްދެވީ، އެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް މިހާރަށްވުރެ ބޮޑަށް ހިމާޔަތްކޮށްދެއްވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ