ކްރިމިނަލް ކޯޓުން ޔާމީންގެ ޝަރީއަތް ފުލުފުލުގައި!
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުންތައް އީދު ބަންދަށް ފަހު ފުލުފުލުގައި ބާއްވަން އެ ކޯޓުން ތާވަލުކޮށްފި އެވެ.ރ.ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މަހުގެ 2، 4، 6، 9، 11 އަދި 13 ވަނަ ދުވަހަށް ތާވަލްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި އަދި ޔާމީންގެ ވަކީލުންނަށް ވެސް ޗިޓް ފޮނުވާފައެވެ.ގާތްގަނޑަކަށް ކޮންމެ ދެދުވަހުން އެދުވަހު ޔާމީންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވާއިރު ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ހައިކޯޓުން ކުރިއަށް ގެންދާ ޝަރީއަތް ވެސް ތާވަލް ކުރުމަށް ހުރަސް އެޅިފައި ވަނީ ކްރިމިނަލް ކޯޓުން ޝަރީއަތްތައް އަވަސް އަވަހަށް ތާވަލް ކުރުމެވެ.ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިޔަ ނަމަވެސް ކްރިމިނަލް ކޯޓުގައި އޮތް އެތައް މައްސަލައެއްގެ ޝަރީއަތްތައް މިހާރު ކުރިއަށް ވުރެވެސް ލަހެވެ. މިހާރު ކްރިމިނަލް ކޯޓު އިމާރާތް ބޭނުން ކުރުން މަނާކޮށްފައި އޮތުމުން އެކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ވަރަށް މަދުންނެވެ. އެހެންވެ އެތައް މައްސަލައެއްގެ ޝަރީއަތް ވަނީ ލަސްވެފައެވެ.ކްރިިމިނަލް ކޯޓުގައި އަޑުއެހުންތައް ފުލުފުލުގައި ތާވަލުކުއިރު، ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އޮތީ އެދިވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ. ކްރިމިނަލް ކޯޓުން ޝަރީއަތުގެ އަޑުއެހުންތައް ފުލުފުލުގައި ތާވަލުކުރިއިރު އެހެން ރަށެއްގެ މައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ހައި ކޯޓުގައި ވެސް ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް އީދު ބަންދަށް ފަހު، އަންނަ މަހުގެ ތިންވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.ޔާމީންގެ އިސްތިއުނާފީ ޝަރީއަތް އަވަހަށް ނިމުމަށް އެ މަނިކުފާނު ވެސް ކޯޓުގައި އެދިވަޑައިގެންފައިވާއިރު، އެއީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ބައިވެރިވެވަޑައިގަތުމާ މެދު ގޮތެއް ނިމުމުގައި މުހިންމު ނިންމުމެކެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި އިސްތިއުނާފީ އަޑުއެހުންތައް ނިންމުމަށް އިދިކޮޅު ޕީޕީއެމްއިން ވެސް ދަނީ ގޮވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ