"އެވޭލާ ޒަމާނުގެ" މާލެ މިއަދު ފެންނާކަށް ނެތެވެ. ދޮންވެލި މަގުތަކާއި، ރުއްގަސްތައް ނެތި ހިނގަައްޖެއެވެ. ފުދިލައިގެން އުޅުނު އާއިލާތަކުން ހަމަ ބިމުގައި އަޅާފައިވާ އާދައިގެ ހިތްފަސޭހަ ގެތައް އުހަށް އަރައިގެން ގޮސްފިއެވެ. ބިންމަތީގައި ހުރެ ލޮލު ކޮޅަށް ބަލައިލުމުން ފުރާޅުމަތީގައި ހުރި މީހާ ފެންނަނީ ހަމަ ކިރިޔާއެވެ. ދިގު ތަނބުތަކެއްގެ ތެރޭގައި މީހުން ދިރިއުޅެމުން އަންނަ މާލެއިން މިއަދު މި ފެންނަ މަންޒަރު ވަރަށްވެސް ތަފާތެވެ. އެދުވަހު ކޮއްކޮ ކުޅެން އުޅުމުގެ ތެރޭގައި އޮޅިގެން ވެއްޓި ކަކުލުގައި އުނގުޅުނީ ދޮންވެއްޔެވެ. މިއަދު ދިޔައީ ދެ ކަކުލުން ހަންމަށައިގެންނެވެ. ނުވަތަ ބިންދައިގެންނެވެ. މަގުތަކުގައި ހުރީ ގާ ޖަހައި ރީތިކޮށްލާފައެވެ. ޒަމާނާ އެއްގޮތަށް ތަރައްގީކޮށް ޒީނަތްތެރި ކޮށްފައެވެ. އިންސާނުންގެ ފަޔަށް ވުރެ މަގުމަތީގައި އެނބުރޭ ފުރޮޅުތައް ގިނަ އެވެ. ހައްޓަށް ފަސޭހަޔަކަށް އުފައްދައިފައިވާ މޯޓަރު ބައިސްކަލު ތަކެވެ. ޕެޓްރޯލް އަޅައިގެން ދުއްވާލަން އެހާމެ ފަސޭހަވިޔަސް އޭގެ ފަހަތު ކޮޅުން ބޭރުވާ ދުންތައް ލޮލަށް ނުފެންނާތީ އޭގައި ހުރި ގެއްލުންތައް ނޭނގެނީ ކަމަށްވެސް ވެދާނެއެވެ.
މާލެ ތެރޭގައި ހިނގާފައި އުޅޭއިރާއި ދުއްވާ އެއްޗެއްގައި ދުއްވާފައި އުޅޭއިރާއި، މާ ބޮޑު ތަފާތެއް ނެތެވެ. މަގެއްގެ މަތީގައި ޓުރެފިކު ބާރު ބޮޑު ވެއްޖެނަމަ، ހިނގާފައިދާ މީހާ ވެސް ޓުރެފިކުގައި ޖެހެއެވެ. ދެރައީ ހިނގާފައި ދާ މީހާގެ އަތުގައި ދުއްވާއެއްޗެހީގައި ހުންނަ ކަހަލަ އަޑު ގޮއްވާލާނެ ބަރުގޮނެއް ނެތީމައެވެ. މޯޓަރު ބައިސިކަލުތަކުގައި ތިބި މީހުންތައް ބަރުގޮނުއަޅާލާއިރު ހީވަނީ ދެކަންފަތުގެ ތޫރި ގޮސްދާނެހެންނެވެ. މިކަމަކީ މަޖަލަކަށް ކުރާ ކަމެއްބާވައޭ ނުވަތަ އެންމެ ބާރު އަޑު ގޮވާ ބަރުގޮނު އިނީ ކާކުގެ މޯޓަރު ބައިސިކަލުގައިތޯ ބަލާލަން ކުރާކަމަކީތޯވެސް ހިތާހިތާ ސުވާލުކޮށްލެވެއެވެ. ހަމަގައިމުވެސް ކިތައްމެވަރަކަށް އެ އަޅާ ބަރުގޮނެއް އަޅައިގެން ވަކި އަވަހަކަށް މަގު ފަޅާފައި ކުރި އަކަށް ނުދެވޭނެެއެވެ.
ކޮންމެއަކަސް، ޒަމާނާ އެއްގޮތަށް މާހައުލު ތަރައްގީވެއްޖެއެވެ. ތަރައްގީވުމުގައި އެއްވެސް މައްސަލައެއްނެތެވެ. މައްސަލައަކަށް ވަނީ ތަރައްގީވުމުގެ ތެރޭގައި އިންސާނާއަށް، އިންސާނާގެ ރިވެތި ސިފަތަކާ އަދަބުތައް ހަނދާން ނެތޭތީވެއެވެ. ކެތްތެރިވުމާއި، އަނެކާއަށް ކުރާ އިޙްތިރާމާއި، ވާހަކަ ދެއްކުމުގެ އަދަބުތަކާއި، ސާފުތާހިރުކަން ފަދަ ރިވެތި އަދަބުތައް މުޖްތަމައިން ގެއްލިދާނަމައީ މައްސަލައެކެވެ. މިއީ އިސްލާމީ ގައުމެކެވެ. ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެން އިންސާނުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ މިފަދަ ރިވެތި އަމަލު ތަކާއި ސިފަތަކުގެ މަތިން ހަނދާންނެތޭނަމަ އެއީ ވަރަށްވެސް ބޮޑު މައްސަލައެކެވެ.
މަގުތައްމަތީގައި އެއްބަޔަކު އަނެއްބަޔަކާއި ވާދައަށް މޯޓަރު ބައިސްކަލު ތަކުގައި ބާރު ދުވެލީގައި އަރިއަރި އަށް ދާއިރު ފެންނަމަންޒަރަކީ ތިމާ ވަރު މީހެއްނެތް ކަމަށް ދެއްކެން އުޅޭ މަންޒަރެވެ. ތިމާގެ ބޮޑާވެރިކަންހުރި މިންވަރެވެ. ހަމަ ހިމޭންކަމާއި އެކު ދުއްވާފައި ދިޔަޔަސް ދާންޖެހޭތަނަކަށް ދެވިދާނެއެވެ. އޭރުން ފަހަރެއްގައިވެސް ބޮޑު އަނިޔާއަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. މަގުމަތީގައި މީހުން ތިމާއަށް ކުރާ އިޙްތިރާމްވެސް ބޮޑުވާނެކަން ކަށަވަރެވެ. އިޙްތިރާމް ކުރުމުގައި އަނެކާއަށް ވެދާނެ އުނދަގުލަކަށްވެސް ވިސްނާލުން މުހިންމެވެ. ޓްރެފިކުގައި އިންނައިރު ބަރުގޮނު އެޅުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ، ބަރުގޮނު އެޅުމުގައިވެސް ހައްދުފަހަނައަޅައި ދިއުމުންނެވެ. އެކަކު އަނެކަކަށް ވާދައަށް ބަރުގޮނަށް ފިއްތާއިރު، އެހެންމީހުންނަށް ވާނެ އުނދަގުލަށްވެސް ވިސްނާލާށެވެ. ކެތްތެރި ވާށެވެ. ޖެއްސުމަށް ބަރުގޮނު ނާޅާށެވެ.
ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެންވެސް އަންނަން ޖެހިފައިވާ ރަށްކަމުގައި މާލެ ވާއިރު، މާލެއަކީ އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލަބޮލި މާހައުލުކަމީވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ދުއްވާ އެއްޗެހި ގިނަވެ އުނދަގޫވާވަރު އިންތިހާއެވެ. ޖެހިޖެހިގެން އިމާރާތްތައް އުހަށް އަރަމުން އަންނައިރު، ސާފުތާހިރު ކަމަށް ވިސްނާލުން ވަރަށް މުހިއްމެވެ. ގޭގައި އުކާލަން ހުންނަ ކުނި، މަގުމައްޗަށް އުކައިލާފައި ހުންނަ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. ކުނިވެފައި ހުންނަ ކުނިން ނުބައިވަސް ދުވާ، ނޭވާލުމަށް ވެސް ބައެއް ފަހަރު އުނދަގޫވެއެވެ. މިފަދަ ކަންކަމުން، ހަމަ އެންމެންނަށްވެސް އުނދަގޫވާނެއެވެ. އެހެންކަމުން މަގުމައްޗަށް ކުނި އެޅުން އެންމެންވެސް އައު ހިތްވަރަކާއި އެކު ހުއްޓާލަމާ ހިނގާށެވެ. ދިރިއުޅޭ މާހައުލު ސާފުތާހިރުވުމުން، ހިތްތަކަށް ފަސޭހަވެފައި ބަލި ތަކުންވެސް ރައްކައުތެރި ވެވޭނެއެވެ. މިކަމުން ފައިދާވާނީ އެހެންމީހުންނަށް އެކަންޏެއްނޫނެވެ. ތިމާއަށްވެސް ފައިދާ ކުރާނެއެވެ.
މިފަދަ ކަންކަމަށް އެންމެންވެސް ޒިންމާދާރުވާން ވެއްޖެއެވެ. މަގު ހުރަސް ކުރާ މީހާއަށް ޖާގަ ދޭށެވެ. ބިންމައްޗަށާއި މޫދަށްް ކުނި އެޅުން ހުުއްޓާލަމާ ހިނގާށެވެ. މަގުމަތީ މީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫވާ ފަދަ އެއްޗެއް ބިންމަތީގައި އޮތްކަމުގައި ވާނަމަ، އެ އެެއްޗެއް އަވަހަށް އެއްފަރާތް ކޮށްލާށެވެ. ބިން މައްޗަށް ރަތް ކުޅުޖެހުމާއި ސިންގިރޭޓުގެ ދުމުން ތިމާނޫން އެހެންމީހުންނަށް ވެސް ގެއްލުންވާކަން ދެނެގަންނާށެވެ. މަގުމަތީގައި ވާހަކަ ދެއްކުމުގައި ރިވެތި އުސޫލުތައް ދެމެހެއްޓުމާއި މީހުންނަށް ބަދުބަސް ބުނުމާއި އަވަގުރާނަ ގޮވުން ފަދަ ކަންކަމުން މީހާ ދުރުވެވެގަންނާށެވެ. ތަރައްގީ ވާން ޖެހޭނީ ހަމަ އެކަނި ޤައުމުގެ ވަސީލަތްތައް އެކަންޏެއް ނޫނެވެ. ޤައުމު ފުރިހަމަ ގޮތުގައި ތަރައްގީވާނީ، ރައްޔިތުންވެސް ތަރައްގީވެގެންނެވެ. ފަރުދީ ޒިންމާތައް އަދާކުރެވި ތިމާ އަނެކާއާ ދިމާއަށް އިނގިލި ދިއްކޮށްލާއިރު ފުރަތަމަ ތިމާ ރަނގަޅު ކުރަން ހުރީ ކޮން ކަންތަކެއްކަން ދެނެގަންނާށެވެ. ފުރަތަމަ ތިމާއަށް ރަނގަޅުކުރެވެން ހުރި ކަންތައް ރަނގަޅު ކޮށްލާށެވެ. އަދި ތިމާއަށް ރަނގަޅު ކުރެވެން ނެތް ކަންތައްތައް ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކުރާށެވެ. މުޖުތަމައުގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. ދުވަހުގެ ވަގުތު ކިތަންމެ ކުޑަވިއަސް، "ބިޒީ" ވިޔަސް ޒިންމާ އަދާ ކުރަންވާނެއެވެ. ޒިންމާދާރުނުވެ ކާމިޔާބެއްނުވާނެއެވެ. ހެއްދެވި ފަރާތުން ދެއްވި ނިއުމަތްތަކަށް ޝުކުރުކޮށް ސަމާލުވާށެވެ.
ކޮންމެއަކަސް އެވޭލާ ޒަމާނުގެ މާލެ މިއަދު ފެންނާކަށް ނެތެވެ. ތަރައްގީވެފައިވާއިރު، މި ތަރައްގީއާ އެއްވަރަށް ރައްޔިތުންވެސް ތަރައްގީވާން އެބަޖެހެއެވެ. ތަރައްގީ 'އޯކޭ' އެވެ. 'އޯކޭ' ނޫނީ ރައްޔިތުމީހާ ތަރައްގީ ނުވެ ތަރައްގީގެ ތެރޭގައި ޒިންމާދާރުވުން ކުޑަވެ ގެއްލި ހަލާކުވެ ދާތީއެވެ. ކާބަފައި ޒަމާނުއްސުރެން ކަންފަތުގައި ހަރުލާފައިވާ އަޑަަކަށް ވެފައި ވަނީ ، "ޤައުމު ތިމާއަށް ކޮއްދިނީ ކޮންކަމެއްހޭ ނާހާ ، ތިމާއަށް ޤައުމަށް ކޮއްދެވޭނީ ކޮންކަމެއްހެއްޔޭ" މިއެވެ. މިކަންތައްތަކާއި މެދު ވިސްނާ ފިކުރުކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލުން މުހިންމެވެ.
ތަރައްޤީ އޯކޭ! އޯކޭ ނުވަނީ ރައްޔިތުން ގެއްލި ހަލާކުވާތީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ