ރައީސް ނަޝީދު ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވުނީތީ ރައްޔިތުންގެ ކިބައިން ގާސިމް މައާފަށް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމަށް ގެންނެވުމަށް މަސައްކަތް ކުރެއްވުނީތީ ރައްޔިތުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ މައާފަށް އެދިވަޑައިގެންފި އެވެ.
އިދިކޮޅު އިއްތިހާދުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ސަޕޯޓް ނުދިން ނަމަ ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިނުގެންނެވުނީސް ކަމަށެވެ.
"އަޅުގަނޑަކީ މި ސަރުކާރު ގެނައުމަށްޓަކައި ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ލޮބުވެތި ރައްޔިތުންނަށް ސަލާން ޖަހަމުން ގެންިދޔަ އެއް ބައިވެރިއެއް. އަނެއް ބައިވެރިއެއް ކަމަށް އަޅުގަނޑު ދަންނަވާނީ ޑރ. ހަސަން ސައީދު. އާދެ ގައުމީ ޕާޓީ. މި ބައިވެރިންގެ އެކުވެރިކަން ނުލިބި ހަމަ ގައިމު ވެސް މި ސަރުކާރަކަށް ސަރުކާރެއް އެކުލަވައިނުލެވުނީސްކަން ... ކޮންމެ ކުޑަކުއްޖަކަށް ވެސް އެނގިގެންދާނެ،" ގާސިމް ވިދާޅުވި އެވެ. "މިއަދު އަޅުގަނޑު ހިތާމަކުރަން އެކަމަށް މަސައްކަތް ކުރެވުނީތީ. ދިވެހި ރައްޔިތުންގެ ކިބައިން އެކަމާ ފަށްފަށުން ނިހާޔަތަށް މައާފަށް އެދެން."
ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދާއި އިޖްތިމާއީ ފޭރާން ހަލާކުކޮށްލައި މުޅި ރާއްޖެ ވިއްކާލުމަށް މަސައްކަތް ކުރާއިރު މަޖިލީހުގެ ބަހަކާ ނުލައި އެކަން ނުކުރާށޭ ބުނުމުން ސަރުކާރުން އެކަމާ ރުޅިއައިސްފައިވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އޭނާގެ މުދާތައް ވެސް ގެންދަން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެންމެ ރަނގަޅު ހުރިހާ އެއްޗެއް ގެންދެވިޔަސް. ކެނެރީގޭ މުހައްމަދު ނަޝީދު ހުރިހާ އެއްޗެއް ގެންގޮސް އަތްޕުޅަށް ލެއްވިޔަސް. އަވަހަށް ގެންދަވާ. އަވަހަށް ގެންދަވާ. އަވަހަށް ގެންދަވާ. އަވަސް ކުރައްވާށޭ. ލަސް ނުކުރައްވާ. ހުރިހާ އެއްޗެއް ގެންދަވާ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިން ހޯދާފައިވާ މުދަލާއި ކުރިއެރުން ކުރީގެ ސަރުކާރުން ރައްކާކޮށް، އެއްކޮށް މިއަދުގެ ދިވެހިންނާ ހަމައަށް ގެނެސްދީފައިވާ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން މަސައްކަތް ކުރަނީ އެ ހުރިހާ އެއްޗެއް ވިއްކާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު މިހާރު އިންތިހާބަކަށް ނުކުންނަވައިފި ނަމަ 15 ޕަސެންޓް ވޯޓު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް އަނިޔާނުދީ އަވަހަށް ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ވެސް ގާސިމް ގޮވާލެއްވި އެވެ.
"މީހާ އަށް ވެރިކަން ހޯދައިދިނީމަ ... އަޅުގަނޑު ގެންގޮސް ޖަލަށް [ލީ]. އޭނާ [ހީކުރެއްވީ] ކީކޭތޯ އަޅުގަނޑު ފަހަށް ޖެހޭނެ ކަމަށްތޯ؟" ގާސިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ފާސް ކުރުމުގެ ކްރެޑިޓް އެހެން މީހަކު ހޯދަން އުޅުނު ނަމަވެސް އެކަން ނުވާނެ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން ދިޔަ އިރު ވެސް އޭރުގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެ މަސައްކަތް އިތުރަށް އަވަސް ކުރެއްވުމަށް އެދިވަޑައިގެން ތިން ސިޓީފުޅެއް ފޮނުއްވި ކަމަށެވެ. އަދި އޭރުގެ ހާލަތަށް ބަލާއިރު މައުމޫން ބޭނުންފުޅު ނުވި ނަމަ ގާނޫނު އަސާސީ ވެސް ފާސްނުވީސް ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ