ވައިކަރަދޫ އިންޖީނުގެ އަކީ ރައްޔިތުންގެ މިލްކެއް: ހުކުމް

ވައިކަރަދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވައިކަރަދޫ އެކުވެރިންގެ ރޫހުގެ ދަރަނިތައް އަދާކުރުމަށް، އެ ރަށު އިންޖީނުގެ ނުވިއްކޭނެ ކަމަށާއި އެ ތަނަކީ ކައުންސިލް އިދާރާގެ އަދި ޖަމިއްޔާގެ ވެސް މިލްކެއް ނޫން ކަމަށް މިއަދު ކޯޓުން ހުކުމްކޮށްފި އެވެ.
ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވަނީ ވައިކަރަދޫ ކައުންސިލް އިދާރާ އަކީ ވެސް "ވިނަރެސް 2" އިންޖީނުގެ ފަދައިން ގާނޫނީ ޝަހުސެއް ކަމަށާއި އަމިއްލަ ނަމުގައި މުދާ މިލްކުކުރެވޭނެ ގާނޫނީ މުއައްސަސާއެއް ކަމަށެވެ. އަދި އެ އިންޖީނުގެ އަކީ ގާނޫނުން ކައުންސިލް އިދާރާ އުފަންކުރުމުގެ ކުރިން، އެކުވެރިންގެ ރޫހުގެ މެންބަރުންނާއި "ވައިކަރަދޫ މީހުންނާއި ވައިކަރަދޫ ރައްޔިތުންނާއި" ވައިކަރަދު އަށް ހެޔޮ އެދޭ ފަރާތްތަކުގެ މަސައްކަތުން ހޯދި ޖަމާއީ މުދަލެއް ކަމަށެވެ. އަދި ކައުންސިލަކީ ގާނޫނީ ފަރުދަކަށްވުމުން މި ޖަމާއީ މުދަލުގެ މިލްކުވެރިކަމުގެ މައްޗަށް ކައުންސިލްގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒްގެ ހުކުމުގައިވެ އެވެ. އަދި ކައުންސިލުން ނެރޭ އަމުރަކުން ނުވަތަ ގަރާރަކުން ވެސް އެ މިލްކުވެރިކަން ބަދަލުނުކުރެވޭނެ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
އެހެންވެ، އިންޖީނުގޭގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުވެގެން ދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް ކައުންސިލް އިދާރާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.
މި ހުކުމުގައި ވަނީ ވައިކަރަދޫ ރައްޔިތުން އެހެން ގޮތެއް ކަނޑައަޅަންދެން އިންޖީނުގެ ހިންގުން އަމާނާތްތެރިކަމާ އެކު ކައުންސިލް އިދާރާ އިން ކުރިއަށް ގެންދަން ވެސް އަމުރުކޮށްފަ އެވެ.
މީގެ 22 އަހަރު ކުރިން ފެށިގެން ވައިކަރަދޫގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ޖަމިއްޔާ އިން އިންޖީނުގޭގެ މިލްކުވެރިކަން ހޯދުމަށް ރަށު ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާވާތީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޖަމިއްޔާ އުވާނުލުމަށް ޖޫން މަހު ހޯމް މިނިސްޓްރީގެ މައްޗަށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
ވައިކަރަދޫ އިންޖީނުގޭގެ މައްސަލަ ނުކުތީ ރަށު ކައުންސިލުން އެ ތަން ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރަން ނިންމުމުން ކަމަށް އެނގިފައިވެ އެވެ. ޖަމިއްޔާ އިން ބޭނުންވަނީ ބަދަލު ނުދީ އެ ތަން އެއްވެސް ބަޔަކާ ހަވާލުނުކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ