އިސްލާމިކް ބޭންކިންގެ ތެރެއިން ބޭންކުތަކުން ހޯދާ ފައިދާ އެއީ ރިބާތަ؟

ލިޔުނީ: ޑރ. އައިޝަތު މުނީޒާ
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް ބޭންކެއް ގާއިމުކުރެވުނީ 2011 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެދުވަހުއްސުރެ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެއް އޮވެ އެވެ. އެއީ އިސްލާމިކް ބޭންކުން ނަގާ ފައިދާ އަކީ ރިބާ ހެއްޔެވެ؟ މިއަދުގެ މި ލިޔުން ހާއްސަކޮށްލަނީ މި ސުވާލުގެ ޖަވާބު ދިނުމަށެވެ.
އިސްލާމިކް ބޭންކަކުން މައިގަނޑު ގޮތެއްގައި ކުރާ ކަމަކީ ގަނެވިއްކުމުގެ މުޢާމަލާތުގައި ޝާމިލުވެގެން އެއިން ފައިދާ ހޯދުމެވެ. ރިބާއާ ގަނެވިއްކުމާ މެދު އުޑާ ބިމާހާ ދެމެދުގެ ފަރަޤެއްވެ އެވެ. ކީރިތި ޤުރުއާނުގައި ރިބާ ޙަރާމްކުރައްވާފައިވާ ކަމާ އަދި ވިޔަފާރި ވަނީ ހުއްދަކުރައްވާފައި ކަން ބަޔާންކުރައްވާފައިވުމުން އެކަން އެނގެ އެވެ. މީގެ އިތުރުން ރިބާ އާ ވިޔަފާރީ ކުރުމަކީ އެކައްޗެކޭ ނުވަތަ އެއިން ފަރަގެއް ނުފެންނަ ކަމަށް ބުނެ މީހުން އެފަދައިން ސުވާލު ކުރާ ވާހަކަ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވުމުން ހަމަ ޔަޤީނުންވެސް ވިޔަފާރީއާ ރިބާ އަކީ ތަފާތު ދެ އެއްޗެއްކަން ހާމަވެގެންދެ އެވެ. އެހެންކަމުން ޚުލާސާ ގޮތެއްގައި ދަންނަވާނަމަ ކޮންވެންޝަނަލް ބޭންކުތަކުން ހޯދާ ފައިދާއަށް ޝަރުއީ ވިސްނުމަކުން ކިޔޭނީ ރިބާ އެވެ. އިސްލާމިކް ބޭންކުތަކުން ހޯދާ ފައިދާ އަށް ޝަރުއީ ވިސްނުމަކުން ކިޔޭނީ ގަނެވިއްކައިގެން ހޯދާ ހުއްދަ ފައިދާ އެވެ.
ރިބާ އަލް ޖާހިލިއްޔާއޭ މިކިޔޭ ވައްތަރުގެ ރިބާ އަކީ ލޯނެއްގެ ގޮތުގައި ފައިސާ މީހަކަށް ދިނުމަށްފަހު އެ ފައިސާ އަނބުރާ ރައްދުކުރާއިރު އަރަނިވެރިޔާ، ދަރަނިވެރިޔާ ގާތު އިތުރަށް ކުޑަ ވިޔަސް ބޮޑު ވިޔަސް، ސިމްޕަލް އިންޓަރެސްޓު ނުވަތަ ކޮމްޕައުންޑު އިންޓަރެސްޓުގެ ނަމުގައި ވިޔަސް ލޯނުގެ ގޮތުގައި ދިން އަދަދުގެ ފައިސާއަށްވުރެ އިތުރަށް ފައިސާ އަތުލައިގެން އަރަނިވެރިޔާ މުއްސަދިވުމެވެ. މިފަދައިން އަމަލުކޮށްގެން ކިތަންމެ ގިނަ ފައިސާއެއް ހޯދިޔަސް އެ ފައިދާ ވާނީ ރިބާ އަށެވެ. ކޮންވެންޝަނަލް ބޭންކުތަކުން އަމަލުކުރާ ގޮތަކީ މިއެވެ. އެ ބޭންކުތަކުން ފައިދާ ހޯދުމަށް ބޭނުންކުރާ ވަސީލަތަކީ ރިބާ ހޯދައިގެން މުއްސަދިވުމުގެ ފަލްސަފާ އެވެ. ރިބާއަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ މުއާމަލާތަކަށްވާތީ މިގޮތަށް ހޯދާ ފައިދާ އަކީ ހަރާމް ފައިދާ އެކެވެ. މިފަދަ ފައިދާ ގައި ﷲގެ ބަރަކާތެއް ނުވެ އެވެ.
ދެން ސުވާލަކީ އިސްލާމިކް ބޭންކުން ފައިދާ ހޯދުމުގައި ބޭނުންކުރަނީ ކޮން އުކުޅެއްތޯ އެވެ؟ އިސްލާމިކް ބޭންކުތަކުން ފައިދާ ހޯދުމަށްޓަކައި ޝާމިލުވަނީ ގަނެވިއްކުމުގެ މުއާމަލާތްތަކުގަ އެވެ. މިސާލަކަށް މީހަކު ކާރެއް ގަތުމަށް ފައިސާ ހޯދަން ބޭނުންވާ ހާލަތެއްގައި، އިސްލާމިކް ބޭންކަކަށް ދިޔުމުން އެ ބޭންކުން ފައިސާ ލޯނެއްގެ ގޮތުގައި ނުދޭނެ އެވެ. އެ ބޭންކުން އެ މީހާ ބޭނުންވާ ވައްތަރެއްގެ ކާރެއް ބާޒާރުން ފުރަތަމަ ގަންނާނީ އެވެ. އެއީ އިސްލާމީ ޝަރީއަތުގައި ގަނެވިއްކުމުގެ މުއާމަލާތެއް ކުރާނަމަ، އެ މުއާމަލާތުގައި ވިއްކާ މުދަލުގެ ވެރިފަރާތަށް ވިއްކާ ފަރާތުން ވާންޖެހޭނެ އެވެ. ތިމާގެ މިލްކުވެރިކަމުގެ ދަށުގައި ނެތް އެއްޗެއް ވިއްކާލުމުގެ ހައްގެއް ލިބިގެންނެއް ނުވެ އެވެ. އެހެންކަމުން އިސްލާމިކް ބޭންކުން އެ ކާރު ގަނެ މިލްކުވެރިކަމުގެ ދަށަށް ގެނައުމަށްފަހު ބޭންކަށް ފައިދާއެއް ލައިގެން އަގު ހެދުމަށްފަހު ކާރު ގަންނަން ބޭނުންވާ ފަރާތަށް ބައިބަޔަށް ނުވަތަ އިންސްޓޯލުމަންޓަށް ފައިސާ ދެއްކޭ ގޮތަށް ޝަރުތުކޮށް ވިއްކާލާނީ އެވެ.
މި މުޢާމަލާތުގައި ކާރު ގަންނަން ބޭނުންވި މީހާ އަށް ބޭންކުން ދިނީ ކާރެވެ. ފައިސާ އެއް ނޫނެވެ. ފައިސާ ދޫކުރިނަމަ އެ ފައިސާ ވާނީ ލޯނަކަށެވެ. ކުޑަ މިންވަރެއް އިތުރުކޮށް ދައްކަން ލޯނު ދޫކުރިފަރާތުން ނުވަތަ ބޭންކުން ޝަރުތުކުރި ނަމަވެސް އެ އިތުރުވާ ބައިން ލިބޭ ފައިދާ ވާނީ ހަމަ ރިބާ އަށެވެ. މުދަލެއް ވިއްކާލާއިރު އެ މުދާލެއް ވިއްކާލާ އަގަށް ލާ އިތުރު އަދަދެއް ރިބާ އަކަށް ނުވާނެ އެވެ. މިފަދައިން ގަނެވިއްކުމުގެ މުއާމަލާތެއްގެ ތެރެއިން ހޯދާ ފައިދާ ވާނީ ހަލާލު، ދީނުގައި ބޭނުންކުރުން ހުއްދަ ފައިދާ އަކަށެވެ.
އެހެންކަމުން ދެންނެވޭނީ އިސްލާމިކް ބޭންކިން ނިޒާމުގެ ތެރެއިން ބޭންކުތަކުން ހޯދާ ފައިދާ އަކީ ރިބާ އެއް ނޫނެވެ. އެފަދަ ފައިދާ ހޯދަނީ ގަނެވިއްކުމުގެ މުއާމަލާތުގެ ތެރެއިން ހުއްދަ ގޮތުގައި ވިޔަފާރީކޮށްގެންނެވެ. ފައިސާ އިން ފައިސާ ހަދައިގެންނެއް ނޫނެވެ. ގަނެވިއްކުމުގެ ވިޔަފާރީތަކުގައި ނަގާ މުދަލުގެ މިލްކުވެރިކަމުގެ ފުރިހަމަ ރިސްކުތައް ނަގައިގެން ދެފަރާތަށް ވެސް ރިސްކުތައް ބަހާލެވޭ ފަދަ އަދުލުވެރިކަމުގެ ނިޒާމެއްގެ ތެރެއިންނެވެ. ރިބާ އަކީ އެއްވެސް ނަމެއްގައި އެ ނަގާ ނަމަވެސް، އެ މުއާމަލާތް މުސްލިމުންނަށް ހުއްދަ ކުރެވޭނެ މުއާމަލާތެއް ނޫނެވެ. ރިބާ ވަނީ ﷲ ހަރާމްކުރައްވާފައެވެ. އަދި ވިޔަފާރީ ވަނީ ހުއްދަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ