ޔާމީނަށް ވޯޓު ދެއްވައިފިނަމަ ރިޔާސީ އިންތިޚާބު ގެއްލޭނެ: އުމަރު

ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދެއްވައިފި ނަމަ ޕީޕީއެމްއަށް ރިޔާސީ އިންތިޚާބު ގެއްލޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭ މުހްޔިއްދީން ސުކޫލްގައި މިރޭ ބޭއްވި އުމަރު ނަސީރުގެ ކެންޕޭން އެންމެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕްރައިމަރީގައި ޔާމީނަށް ވޯޓުދެއްވައިފިނަމަ ރިޔާސީ އިންތިޚާބު ޕީޕީއެމްއަށް ގެއްލޭނެކަން އޭނާއަށް ޔަގީންވާ ކަމަށެވެ. ސަބަބަކީ ގިނިކަންޏާ ނުކުތުމުގެ ނަތީޖާ 2008 ވަނަ އަހަރު ތަޖުރިބާ ކުރެވިފައިވާތީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"މާދަމާގެ ވޯޓަކީ ރިޔާސީ އިންތިޚާބު ފަށާ ވޯޓު. މާދަމާގެ ވޯޓު އަޅުގަނޑުމެން ނުބައިކޮށް ދީފިއްޔާ، މާދަމާގެ ވޯޓު ތިބޭފުޅުން އަޅުގަނޑުގެ ވާދަވެރިޔާއަށް ދެއްވައިފިއްޔާ 2013 ގެ ރިޔާސީ އިންތިޚާބު ޕީޕީއެމްއަށް ގެއްލޭނެކަމަށް އަޅުގަނޑު ވަރަށް ޔަގީންކަމާއެކު ދަންނަވަން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޔާމީން ބޭނުންވަނީ ރިޔާސީ އިންތިޚާބުގައި ގިނިކަންޏާ ނުކުމެވަޑައިގަތުމަށް ކަމަށާއި ނަމަވެސް އޭނާ ބޭނުންވަނީ އެހެން ޕާޓީތަކާ އެކު ފުޅާކޯލިޝަނެއް ހެދުމަށް ކަމަށެވެ. އަދި އެހެން ޕާޓީތަކުން ވެސް އޭނާއާ ގުޅެން ތައްޔާރަށް ތިބި ކަމަށް އުމަރު ވިދާޅުވި އެވެ.
ވަރަށް އިޚުލާސްތެރި ބޭފުޅުންތަކެއް ހައްގުގެ މަގު އޮޅިވަޑައިގެން ޔަމީންގެ ޓީމްގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށާއި އެ ޓީމްގެ އިސް ސަފުގައި ތިބީ ކޮރަޕްޝަންގެ ހުކުމް އައިސްފައި ތިބި ބޭފުޅުންނާއި އެފަދަ މައްސަލަތައް މިހާރުވެސް ތަހުގީގު ކުރެވެމުންދާ ބޭފުޅުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ ވާދަވެރިޔާގެ ފަރާތުގައި ތިބި ހުރިހާ ބެފުޅުންނަކީ ކޮރަޕްޓް ބޭފުޅުންނެކޭއެއް ނޫން. ވަރަށް ރަނގަޅު ވަރަށް އިޚުލާސްތެރި ބޭފުޅުން ވެސް އެ ފަޅީގައި ވެސް އެބަތިއްބެވި އޮޅިގެން އެފަރާތަށް އެރިވަޑައިގެންފައި. ހައްގުގެމަގު އޮޅިފައި އެފަރާތަށް އެރިފައި. އެކަމަކު އެވަލުގެ މުގުލުގައި ތިއްބެވި ބޭފުޅުންނަކީ މިހާރު ވެސް ކޮރަޕްޝަންގެ ހުކުމް އައިސްފައި ތިއްބެވި ބޭބޭފުޅުންނާއި ކޮރަޕްޝަންގެ މައްސަލަ އެންޓިކޮރަޕްޝަންގައި ހިނގަގިނގާ ހުރި، ބޭފުޅުންނާއި ކޯޓުތަކަށް ދަމަދަމާ ތިބި ބޭފުޅުންނާއި ކޯޓުތަކަށް ދަމާން ތައްޔާރަށް ތިބި ބޭފުޅުން،" އުމަރު ވިދާޅުވި އެވެ.
ޕާޓީއަށް ޓަކައި މިހާތަނަށް އޭނާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އެގޮތުން ތިމަރަފުށީ ދާއިރާގެ ގޮނޑި މުހައްމަދު މުސްތަފާއަށް ގެއްލި ޕީޕީއެމްއަށް އެ ގޮނޑި ލިބުނީ އޭނާ އިސްވެ ހުރެ ގާނޫނީ ވަކީލު މުހައްމަދު އިބްރާހިމް (ލޯޔަރު ވައްޑޭ) އާ އެކު ކުރެއްވި ބުރަ މަސައްކަތުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު އެގޮތަށް ވިދާޅުވިނަމަވެސް ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ އަކީ އަބަދުވެސް ކޯލިޝަން ހެދުމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ކޯލިޝަން ހެދުމަށް މަގުފަހިވާގޮތަށް މީގެކުރިން ވެސް ވާހަކަދައްކާފައިވާނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ