ގާސިމް ކުރިއަރައި ދިޔައީ އަމިއްލަ ބުރަ މަސައްކަތުން: އަހްމަދު ނަސީމް

ގާސިމް އިބްރާހިމް ކުރިއަރައި ދިޔައީ އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ކަމަށް، ގާސިމް އިބްރާހިމް އާމްދަނީ ހޯއްދެވުމަށް އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތައް ވަރަށް ގާތުން ދެކެވަޑައިގެންނެވި މިހާރުގެ ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އަހްމަދު ނަސީމް މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 50 އަހަރު ފުރޭ މުނާސަބަތުގެ ކައުންޓްޑައުން ފެށުމުގެ ގޮތުން އާދީއްތަ ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައެވެ.
އަހްމަދު ނަސީމްއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިކަން ތައާރަފް ކުރެއްވުމުގައި މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ނަސީމް ވިދާޅުވީ، ގާސިމް އިބްރާހިމް ވިޔަފާރީގައި ކުރިއަރައި ދިޔައީ ރީތިކޮށް އަމިއްލަ މަސައްކަތުން ކަމަށެވެ.
ގާސިމްއާ ބެހޭގޮތުން ބައެއް ފަރާތްތަކުން ދައްކާ އެކިއެކި ވާހަކަތަކަށް އިޝާރާތް ކުރައްވައި ނަސީމް ވިދާޅުވީ، އެފަދަ ވާހަކަތަކީ ރޯ ބުހުތާނު ދޮގުތައް ކަމަށެވެ.
މީހުން ކަންކަމުގައި ކާމިޔާބު ހޯދަނީ މަސައްކަތް ކޮށްގެން ކަމަށާއި، ގަދައަޅައި މަސައްކަތް ކުރާކަމަށް ވަނީވިއްޔާ ކާމިޔާބު ވާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ. އެއް އަމާޒަކަށް މީހާ ހިފާފަ ހުންނަ ކަމަށް ވަނީވިއްޔާ އެ އަމާޒުން އޭނާއަށް ކާމިޔާބު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް އެންމެ ފުރަތަމަ ފެށްޓެވި ވިޔަފާރިއަކީ ތެލުގެ ވިޔަފާރިއެވެ.
ތެލުގެ ވިޔަފާރީގައި ގާސިމް އެންމެ ފުރަތަމަ މަސައްކަތް ކުރައްވަމުން ގެންދެވި ގޮތް އަހްމަދު ނަސީމް ޖަލްސާގައި ހިއްސާކުރެއްވިއެވެ.
ވިދާޅުވީ، ގާސިމް އިބްރާހިމް ތެޔޮ ހިފައިގެން އެއްރަށުން އަނެއް ރަށަށް އޭރު ދަތުރު ކުރައްވަމުން ގެންދެވީ ކަޑި އުނގުޅާފަހުރި ރިޔާނެގި ދޯންޏެއްގައި ކަމަށެވެ. ބައެއް ފަހަރު، ތެޔޮ ގެންދަން ފީފާ މަދުވެގެން ބުނީމާ ފީފާވެސް ދެއްވިކަމަށް ނަސީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ