ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބ. ކެންދޫ ގަދަގޭ ހުސައިން އަބްދުﷲ 45، އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ.
އާންމުކޮށް ގިނަމީހުން އޭނާ ދަންނަނީ "ކެންދޫ" މިނަމުންނެވެ.
ހުސައިން އަބްދުﷲ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި އިއްޔެވެސް އޮފީހުގެ މަސައްކަތަށް ނިކުމެވަޑައިގެން އުޅުއްވި ހުސެއިން އަބްދުﷲ އަވަހާރަވީ ރޭގައި ކުއްލިއަކަށް ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ހުސެއިން އަބްދުﷲގެ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ހުސައިން އަވަހާރަވިއިރު ހުންނެވީ އަރަބިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެއްގެ މަގާމުގައެވެ. ނަމަވެސް އާލާސްކަންފުޅާ ގުޅިގެން، ސްކައުޓް ހަރަކާތްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިނުގަންނަވާތާ ދެއަހަރެއްހާ ދުވަސް ވެއްޖެއެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒާއި، އަހްމަދިއްޔާ ސްުކޫލުން ތައުލީމު ހާސިލް ކުރެއްވި ހުސައިން އަބްދުﷲއަކީ، ރޯވަރ ސްކައުޓްގައި ހާސިލްކުރާ އެންމެ މަތީ އެވޯޑް ކަމަށްވާ ބޭޑްން ޕަވަލް އެވޯޑް އެންމެ ފުރަތަމަ ހާސިލްކުރި ރާއްޖޭގެ ދެ ރޯވަރ ސްކައުޓުންގެ ތެރެއިން އެކެކެވެ.
މާލީ ހިސާބުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ހުސައިން އަބްދުﷲ "ހިސާބުކިތާބު" ނަމުގައި އަމިއްލަ އޮޓިޑިންގ ފާރމެއްވެސް ހިންގަވަމުން ގެންދެވިއެވެ.
ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ