ލުތުފީ ރާއްޖެ ގެނައުމުގެ އުފަލުގައި އުމަރު ބާއްވާ ޖަލްސާ ފަސްކޮށްފި

3 ނޮވެމްބަރު 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމާ ގުޅިގެން އެކަމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވަން ނިންމި ޖަލްސާގެ ތާރީޚް ފަސްކޮށްފި އެވެ.
"ލުތުފީ ޖަލަށް - މަގޭ މިނިވަން ޤައުމު"ގެ ނަމުގައި މިޖަލްސާ މާލޭގެ ކާނިވާ ސަރަހައްދުގައި ބާއްވަން އެންމެ ފުރަތަމަ ނިންމީ މާދަމާ ރޭގަ އެވެ. ނަމަވެސް މިޖަލްސާ މިމަހުގެ 18 ވަނަ ދުވަހުގެ ރެއަށް މިހާރު ވަނީ ފަސްކޮށްފަ އެވެ.
މިޖަލްސާ ފަސްކުރީ ކާނިވާ ސަރަހައްދުގައި މިހާރު ނައިޓްމާކެޓެއް ކުރިއަށްދާތީ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
މިޖަލްސާ ބޭއްވުމަށް ހައުސިން މިނިސްޓްރީން ވަނީ އުމަރަށް ކާނިވާ ސަރަހައްދު ދޫކޮށްފަ އެވެ.
ނޮވެމްބަރު 3ގެ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ލުތުފީ ޖަލަށް ލާފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފޮނުވާލީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު 2010 ޖެނުއަރީ 16 ވަނަ ދުވަހު އެވެ.
ބޭސް ފަރުވާއަށް ސްރީލަންކާއަށް ފޮނުވާލުމުން ލުތުފީ އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ހާޒިރުވެ ދިވެހި ސަރުކާރާ އަމިއްލައަށް ހަވާލުވެފަ އެވެ. ލުތުފީ އެމްބަސީގައި ހުންނަތާ ދެމަސްވާން ކައިރިވެފައި ވަނިކޮށް މި މައުލޫމާތު ދިވެހި ސަރުކާރުން ހާމަކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މި މައުލޫމާތު ހާމަކުރި ފަހުންނެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު އޭނާ ވަނީ ލުތުފީ ހޯދައިގެން އަނބުރާ ރާއްޖެއަށް ގެނައުމަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ލުތުފީ ހުރި ތަނެއްގެ މައުލޫމާތު ހިއްސާކުރި ފަރާތަކަށް ފައިސާގެ ބޮޑު އިނާމެއް ދިނުމަށްވެސް އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ހުށަހެޅި އެވެ.
ލުތުފީ ރާއްޖެ ގެނައުން ލަސްވެގެން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ނިމިދިޔަ ސަރުކާރުގައި ލުތުފީ ހުރި ތަނެއް އެނގި ލުތުފީ އަނބުރާ ރާއްޖެ ގެނެވިފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަމަށް ހުއްދަ ނުދެއްވައިގެން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވި ތިން ބޭފުޅަކާއި އުމަރު ނަސީރު ވެސް މިނިސްޓަރު އިމްރާންގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.
ލުތުފީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ ރާއްޖެ ގެނެސް ހުކުމް ތަންފީޒު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ