ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގުޅިގެން މިިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި މުޒާހަރާގެ ސަބަބުން ރާއްޖޭގައި ޑިމޮކްރަސީ އޮތް މިންވަރު ހާމަވަގެން ގޮސްފައިވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިކަން ހާމަކުރައްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަށް ސަރުކާރުން އެއްވެސް ހުރަހެއް އަޅާފައި ނުވާ ކަމަށާއި އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަމަށެވެ.
އަދި އެކަމުން ވެސް ރާއްޖޭގައި ޑިމޮކްރަސީ އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި މިކަމަށް ޓަކައި ރައީސް އަބްދުﷲ ޔާމީންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި 12،000 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު، މި މުޒާހަރާ ބާއްވާފައިވަނީ ރާއްޖެތެރެއިން މީހުން ގެނެސްގެންނެވެ.
މި މުޒާހަރާގައި ސަރުކާރަށް ވަނީ 13 ޑިމާންޑެއްކޮށްފައެވެ. އެގޮތުން އޮޑިޓަރ ޖެނެރަލްގެ މަޤާމު އިސްލާޙުކޮށް، ކުރީގެ އޮޑިޓަރ ޖެނެރަލް އިޔާދަ ކުރުމަށާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ އިތުރުން އަބްދުﷲ ގަޒީ ހައްޔަރު ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހަފްތާއެއްގެ ތެރޭގައި ދޫކޮށްލުމަށް ވަނީ ޑިމާންޑް ކޮށްފައެވެ.
މީގެ އިތުރުން ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މަސްވެރިންނަށް ސަބްސިޑި ދިނުމަށާއި، ކަރަންޓް ސަބްސިޑި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު ދިނުމަށްވެސް ޑިމާންޑު ކުރިއެވެ.
ހަމަ އެއާއިއެކު ތެލުން ޑިއުޓީ ކަނޑާލުމަށާއި، ލޯކަލް ކައުންސިލް ތަކަށް ބާރު ދިނުމުގެ އިތުރުން، އިތުރު އިސްލާހެއް ގެންނަ ނަމަ ޤާނޫނާއި އެއްގޮަތަށް ގެނައުމަށާއި ސަރުކާރުގެ ވައުދާއި އެއްގޮތަށް ހުރިހާ ރައްޔިތުންނަށް އާސަންދަ ލިބޭ ގޮތް ހެދުމަށާއި، ސަރުކާރުގެ ބައެއް ފަރާތްތަކަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވާތީ އެ މައްސަލަ ބަލައި ދިނުމަށްވެސް ޑިމާންޑުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި ޓީޗަރުންނާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އެއް ހަމައަކުން ދިނުމަށްވެސް ޑިމާންޑުތަކުގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ އެ ޑިމާންޑްތަކަކީ ސަރުކާރާ ގުޅުން ހުރި ކަންތައްތަކެއް ނޫން ކަމަށާއި އެކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި ބައެއް ކަންކަމަކީ ސަރުކާރުން ވައުދު ފުއްދާފައިވާ ކަންކަން ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ.
ޑިމޮކްރަސީ އޮތްކަން މުޒާހަރާގެ ސަބަބުން ހާމަވެއްޖެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ