ދެކުނު އެފްރިކާގެ ޕާލަމެންޓްގައި ވަރުގަދަ ތަޅާފޮޅުންގަނޑެއް ހިނގައިފި

ދެކުނު އެފްރިކާގެ ޕާލަމެންޓްގައި ވަރުގަދަ ތަޅާފޮޅުންގަނޑެއް ހިނގައިފިއެވެ.
ތަޅާފޮޅުންގަނޑު ފެށުނީ، ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ޕާލަމެންޓްގައި "ސްޓޭޓް އެފް ދަ ނޭޝަން" ތަގްރީރު ދެއްވަން އުޅުއްވަނިކޮށް ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ރައީސްގެ އިސްތިއުފާއަށް ގޮވާލައްވައި އަޑުގަދަ ކުރައްވާން ފެށްޓެވުމުން ސަލާމަތީ ގާރޑުން އެ މެމްބަރުން ޕާލަމެންޓުން ބޭރަށް ނެރެން މަސައްކަތް ފެށުމާ ގުޅިގެންނެވެ.
ރައީސް ޒޫމާގެ ތަގްރީރަށް ހުރަސް އަޅުއްވައި އަޑުގަދަ ކުރައްވަމުން ގެންދެވީ ޕާލަމެންޓްގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އިކޮނޮނިކް ފްރީޑަމް ފައިޓަރސް (އީ.އެފް.އެފް) ގެ މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުން ޖަލްސާގައި ތިއްބެވީވެސް ޕާޓީއަށް ނިސްބަތްވާ ރަތްކުލައިގެ ހެދުމުގައެވެ.
އީ.އެފް.އެފްގެ މެމްބަރުންވަނީ ރައީސް ތަގްރީރު ކުރެއްވުން ގަޑިއެއްހާއިރަށް ހުއްޓުވާފައެވެ.
މިކަމާހެދި، ޕާލަމެންޓްގައި އަޑުގަދަ ކުރައްވައި ރައީސްގެ ތަގްރީރަށް ހުރަސް އަޅުއްވަމުން ގެންދެވި މެމްބަރުން ޖަލްސާއިން ބޭރަށް ނެރުމަށް ޕާލަމެންޓްގެ ރައީސާ ބަލޭކާ އެމްބީޓޭ އަމުރު ކުރެއްވުމާއެކު ހުދު ހެދުމުގައި ތިބި 30 ހަކަށް ސަލާމަތީ ގާރޑުން ޕާލަމެންޓް ޖަލްސާ ހިނގަމުންދިޔަ މާލަމަށް ވަނެވެ.
ސަލާމަތީ ގާރޑުންވަނީ ޖަލްސާގައި އަޑުގަދަކުރައްވައި ރައީސްގެ ތަގްރީރަށް ހުރަސް އަޅުއްވަމުން ގެންދެވި އިދިކޮޅު އީ.އެފް.އެފްގެ 30 މެމްބަރުން ޖަލްސާގެ މާލަމުން ގަދަކަމުން ބޭރުކޮށްފައެވެ. މެމްބަރުން ބޭރަށް ނެރެން އުޅުމުގެ ތެރޭގައި މެމްބަރުންނާއި ގާރޑުންވެސް އެއްބަޔަކު އަނެއްބަޔަކަށް ގޮށްމުށުގެ ހަމަލާތައް ބަދަލުކުރި ކަމަށް ޚަބަރުތައް ބުނެއެވެ. މިކަމުގެ ތެރޭގައި މީހަކަށް އަނިޔާއެއް ވީކަމެއް ނޭނގެއެވެ. ނަމަވެސް ޕާލަމެންޓް ތެރެ ވަރަށް ހަލަނބޮލިވެގެން ދިޔައެވެ.
އަޑުގަދަ ކުރައްވަމުން ގެންދެވި މެމްބަރުން ޖަލްސާއިން ނެރެ ރައީސް ޖެކޮބް ޒޫމާވަނީ ތަގްރީރު ދެއްވައި ނިންމަވާފައެވެ.
އިދިކޮޅު މެމްބަރުން ޕާލަމެންޓް ޖަލްސާއިން ނެރުމާއެކު ފުލުހުންވަނީ ކޭޕް ޓައުންގައި ހުންނަ ޕާލަމެންޓް އިމާރާތް ވަށައިގެން ކަށިނަރު އަޅައި ބަންދުކޮށްފައެވެ. އެކަމަކު ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސްގެ ސަޕޯޓަރުން ގެންދަނީ މަގުތަކަށް ނުކުމެ ލަވަކިޔައި އުފާފާޅު ކުރަމުންނެވެ.
ޖަލްސާއިން ބޭރު ކުރުމުގެ ކުރިން އިދިކޮޅު އިކޮނޮނިކް ފްރީޑަމް ފައިޓަރސްގެ ލީޑަރު ޖޫލިއަސް މަލޭމާ ރައީސް ޒޫމާއާ ދިމާއަށް ވިދާޅުވީ ޒޫމާއަކީ "އަލުން ފަރުވާ ކުރެވެން ނެތް މިންވަރަށް ކުނިވެ ފުޅައަޅާފައިވާ ބޭފުޅެއް" ކަމަށެވެ.
އަދި ޕާލަމެންޓްގެ ރައީސާ ބަލޭކާ އެމްބީޓޭއަށް ވެސް އިދިކޮޅު ލީޑަރު ވަރަށް ވަރުގަދަ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވިއެވެ. އޭނާ ވިދާޅުވީ، ޕާލަމެންޓްގެ ރައީސާގެ އަމަލުގެ ސަބަބުން އޭނާ ފެއިލްވެއްޖެ ކަމަށެވެ. ރައީސާއަކީ ވަކިފަރާތަކަށްގޮސް ހުސްވެފައިވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ