މުޅިން އާ ކޮންސެޕްޓަކަށް ހުޅުމާލޭގައި އަޅާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް، 132 މިލިއަން ރުފިޔާ އަށް އަމިން ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި "ހުޅުމާލެ އެން 1 ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލް" އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަނެވެ. އަމިންގެ ފަރާތުންް ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައިމަން ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރު ވަމުން ދާ އިރު ތައުލީމް ފަދަ މުހިއްމު ދާއިރާތައް ވެސް ތަރައްގީކޮށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އެ ސްކޫލު އެޅިގެން ދަނީ، ސްކޫލުތައް އިތުރު ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ސްކޫލު އަޅަނީ ލިޓްލް ޖެމްސް ޕްރީ ސްކޫލް ކައިރީގަ އެވެ. ހަތް ބުރި އަށް އިމާރާތް ކުރާ މި ސްކޫލުން ގާތްގަނޑަަކަށް 1700 އެއްހާ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދެވިގެންދާނެ އެވެ. ޕްރީ ސްކޫލުން ފެށިގެން 10އާ ހަމަ އަށް ކިޔަވައިދޭ މި ސްކޫލުގައި ތިން ބްލޮކު ހަދާއިރު ޖުމްލަ 50 ކްލާސްރޫމް ހުންނާނެ އެވެ. އެ ކްލާސްރޫމުތަކުގެ ތެރެއިން ދެ ކްލާސް ހާއްސަ ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.
ސައިމަން ވިދާޅުވީ އެ ސްކޫލުގައި ލެބޯޓްރީ އާއި ލައިބްރަރީ އަދި މަލްޓި ޕާޕަސް ހޯލާއި އެކި ހަރަކާތްތައް ހިންގޭނެ ހޯލް ހަދާނެ ކަމަށެވެ. އަދި ސްކޫލުގެ މައި ހޯލުގައި އެކަނި ވެސް އެއް ފަހަރާ 864 ދަރިވަރުންނަށް ތިބެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އެހެން ސްކޫލުތަކާ މި ސްކޫލު ތަފާތުވަނީ، އެކި ހަރަކާތްތައް ހިންގަން ކޮންމެ ބުރިއެއްގައި ވެސް ހުސް ތަންކޮޅެއް ހާއްސަކޮށްފައި ވުމެވެ. އަދި ފުރޮޅުލީ ގޮނޑީގައި މައްޗަށް އެރޭނެ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ސްކޫލުގެ މަސައްކަތްތައް ނިންމަން ހަމަޖައްސާފައިވަނީ 14 މަސް ދުވަހުގެ ތެރޭގަ އެވެ. އަހަރުގެ މެދުތެރޭގައި ސްކޫލު ކިޔެވުން ފެށުމަށް ދަތިތަކެއް ދިމާވާނެތީ ކިޔެވުން ފަށާނެ ދުވަހެއް ކަނޑައަޅަން ނިންމާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަދައްކައިގެންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، ރެހެންދި ސްކޫލު ވެސް ހުންނަނީ ހުޅުމާލޭގަ އެވެ. ހުޅުމާލޭގައި މިހާރު ވެސް ތިން ސްކޫލު ހުރެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އަޅަން އަމިންއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ