އަބްދުﷲ ގާޒީ ހާޒިރުކޮށްނުދިން މައްސަލާގައި ސިފައިންގެ ޗީފް ސިވިލް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނެރެފި

ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާތީ، އެ ކޮމިޝަނާ ދެކޮޅަށް އޭނާ ކުރައްވާ ދައުވާއަށް، އަބްދުﷲ ގާޒީ ހާޒިރުކޮށްދިނުމަށް އެމްއެންޑީއެފްއަށް ތަކުރާރުކޮށް އަމުރުކުރުމުން ވެސް އެކަން ކޮށްދީފައި ނުވާތީ، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލު ކޯޓަށް ހާޒިރުވުމުގެ އަމުރެއް މިއަދު ނެރެފި އެވެ. ޖުޑީޝަލް ޑިޕާޓްމަންޓުގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުން މިރޭ ބުނިގޮތުގައި، އަބްދުﷲ ގާޒީ ހާޒިރުކޮށްދިނުމުގެ އަމުރަށް އެމްއެންޑީއެފުން ތަބާވެފައިނުވާތީ، އެތަނުގެ ޗީފް ސިވިލް ކޯޓަށް ހާޒިރުވާން އަމުރުކޮށްފައި ވަނީ، އަންނަ ހޯމަދުވަހުގެ މެންދުރު 30: 1 އަށެވެ. އަދި ޗީފްގެ މައްޗަށް އެ އަމުރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށް ވެސް ޖުޑީޝަލް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައިވެ އެވެ އެ ޑިޕާޓްމަންޓުން ބުނިގޮތުގައި، ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، އަބްދުﷲ ގާޒީ ހާޒިރުކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން އެމްއެންޑީއެފަށް އެންގި އެވެ. އެއީ ޖެނުއަރީ 30 ވަނަ ދުވަހުގެ އިތުރުން މިއަދު މެންދުރު 00: 2 އަށެވެ. އެކަމަކު އެއިން އެއްވެސް ފަހަރަކު، އަބްދުﷲ ގާޒީ ހާޒިރުކޮށްނުދިނުމުން މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. ޖުޑީޝަލް ޑިޕާޓްމަންޓުން ބުނިގޮތުގައި، އެމްއެންޑީއެފުން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށް ނުދޭއިރު، ހާޒިރުކޮށްނުދޭ ސަބަބު ވެސް އަންގާފައި ނެތެވެ. ޖޭއެސްސީއާ ދެކޮޅަށް އަބްދުﷲ ގާޒީ ހުށަހަޅުއްވާފައިވާ މައްސަލަ ބައްލަވަނީ ކޯޓުތަކުގެ ގާނޫނުގެ 58 ވަނަ މާއްދާއިން ކޯޓަށް ލިބޭ އިހުތިޔާރުގެ ދަށުން، ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ލީޑްކުރައްވާ ގޮތަށް ތިން ގާޒީންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކަމަށް ޖުޑީޝަލް ޑިޕާޓްމަންޓުން ބުނެ އެވެ. އެއީ ނިހާޔަތުގެ އިތުރުން އާއިޝާ ޝުޖޫން މުހަންމަދާއި ހާތިފް ހިލްމީ އެވެ. ސިވިލް ކޯޓުގެ އަމުރަށް އެމްއެންޑީއެފުން މިހާތަނަށް ތަބާނުވާއިރު، ކޯޓުތަކަށް ހާޒިރުވުމަށް ނެރޭ އަމުރުތަކަކީ، އިސްތިއުނާފުކުރުމުގެ ހައްގު ލިބިގެންވާ އަމުރުތަކެއް ނޫން ކަމަށާއި އެފަދަ އަމުރުތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ވަނީ ކަނޑައަޅައިފަ އެވެ. ހަމައެއާ އެކު ހައި ކޯޓުން މިއަދު ކަނޑައަޅާފައި ވަނީ އެއްވެސް މުއައްސަސާއެއް ޖަވާބުދާރީކުރުވުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރު އެ މުއައްސަސާއެއްގެ ވަކި ފަރުދެއްގެ މައްޗަށް ކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ކުރަން ޖެހޭނީ އެ މުއައްސަސާއެއްގެ މައްޗަށް ކަމަށާއި އެ މުއައްސަސާއެއް ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް މީހާގެ މައްޗަށް ކަމަށް އަމުރުކުރާނީ އެއަށް ފަހު ކަމަށެވެ. ނަމަވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިއާ އެންޑް ޕަބްލިކޭޝަން ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މާޖިދު ވިދާޅުވީ މޫސާ އަލީ ޖަލީލް ހާޒިރުވުމަށް ސިވިލް ކޯޓުގެ އަމުރު ނެރުނީ ހައި ކޯޓުން އެ ގޮތަށް ކަނޑައެޅުމުގެ ކުރިން ކަމަށާއި އަދި ހައި ކޯޓުން މިއަދު ކަނޑައެޅި އުސޫލުގައި ވަނީ ވެސް އަމުރާ ދެކޮޅު ހެދިޔަސް ކޯޓަށް ހާޒިރުވާންޖެހޭ ގޮތަށް ކަމަށެވެ. "އެހެންވީމާ މިއީ ވެލިޑް އަމުރެއް. ހައި ކޯޓުން ކަނޑައަޅާފައި އޮންނާނީ ވެސް އަމުރާ މެދު ކޮންޓެސްޓް ކުރަންޏާ ވެސް ކޯޓަށް ހާޒިރުވެ، ކޮންޓެސްކުރަން ޖެހޭ ގޮތަށް،" މާޖިދު ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލަ އޭނާގެ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ވެސް ޗީފް އޮފް ޑިފެންސް ފޯސްގެ މައްޗަށް އަމުރު ނެރުނެވެ. އެ އަޑުއެހުމަށް މޫސާ އަލީ ޖަލީލު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އަދި އަމުރު ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ އަމުރަށް އަމަލު ކުރުން ފަސްކުރުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ