ކޯޓުން ހައްލެއް ނުލިބިއްޖެ ނަމަ ނަޝީދުގެ މައްސަލަ އަށް އޮންނާނީ ސިޔާސީ ހައްލެއް: ހިސާން

ޓެރަރިޒަމްގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަށް ސުޕްރީމް ކޯޓުން ހައްލެއް ނުލިބިއްޖެ ނަމަ އެ މައްސަލާގައި ދެން ވެސް އޮންނާނީ ސިޔާސީ ހައްލެއް ކަމަށް އެމަނިކުފާނުގެ ވަކީލް ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ނަޝީދުގެ ފަރާތުން އިސްތިއުނާފް މައްސަލަ ހުށަހަޅަން ވަކީލުން ކޯޓަށް ވަަޑައިގަންނަވަނީ. ނަޝީދު ކުރިން ނިންމަވާފައިވަނީ އެ މައްސަލަ އިސްތިއުނާފް ނުކުރައްވަން. --ހަވީރު ފޮޓޯ: ނިޝާން އަލީ ހިސާން ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ނަޝީދުގެ މައްސަލާގައި ވަކީލުން ކުރައްވާ މަސައްކަތުގައި ސުޕްރީމް ކޯޓަކީ އެންމެ ފަހުގެ މަރުހަލާ ކަމަށެވެ. އެހެންވެ ކަމަށް ވާއިރު ރައީސް އަބްދުﷲ ޔާމީން ވެސް އެދިވަޑައިގަންނަވަނީ ޝަރުއީ ނިޒާމްގެ ތެރެއިން މައްސަލަ އަށް ހައްލެއް ހޯދަން ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަން ހިސާން ވިދާޅުވި އެވެ. "މިހާރު ރައީސް ނަޝީދު އެ ހުންނެވީ ޝަރުއީ ނިޒާމްގެ ތެރެއިން ހައްލެއް ހޯދުމަށް ވަޑައިގެން. އެ ހައްލު އަޅުގަނޑުމެން މި އުއްމީދުކުރަނީ ލިބޭނެ ކަމަށް،" ހިސާން ވިދާޅުވި އެވެ. "ސުޕްރީމް ކޯޓުން މި މައްސަލަ އަށް ހައްލެއް ނުލިބިއްޖެ ނަމަ ހަމައެކަނި އޮންނާނީ މޭޒުމަތީގައި ސިޔާސީ ހައްލެއް." އޭނާ ވިދާޅުވި ގޮތުގައި ނަޝީދު އެންމެ ފުރަތަމަ ވެސް ބޭނުންފުޅުވީ ސިޔާސީ ހައްލެކެވެ. އެކަމަކު ރައީސް ޔާމީން އެ ގޮތް ގަބޫލުނުކުރައްވާތީ، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދަވަން ނަޝީދު ނުކުންނަވާފައިވާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ. ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް ކުރިން ވަނީ ނަޝީދުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނަޝީދުގެ ހުކުމް ދައުލަތުން އިސްތިއުނާފަށް ހުށަހެޅުމުން، އެއީ ނަޝީދުގެ ފަރާތުން ހުށަހެޅޭނެ މައްސަލައެއް ކަމަށް ބުނެ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ