ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި އެޕާޓީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އުމަރު ނަސީރު ޕީޕީއެމުން ވަކިކުރައްވައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އުމަރުގެ އަރިސް ބޭފުޅެއް ކަމުގައިވާ ޕީޕީއެމްގެ ކައުންސިލް މެންބަރު މާޒް އަޙްމަދު ސަލީމް ވިދާޅުވީ އުމަރު ވަކިކުރެއްވިކަން އުމަރަށް އަންގާފައިވަނީ މިއަދު 2 ޖަހާ އެހާއިރު ފޮނުއްވާފައިވާ ސިޓީއެއްގައި ކަމަށެވެ.
ސަލީމް ވިދާޅުވީ އުމަރަށް ފޮނުއްވި ސިޓީގައި ސޮއިކުރައްވާފައިވަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް ކަމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާ ޔުމްނާ މައުމޫން ކަމަށެވެ.
ސަލީމް ވިދާޅުވީ އުމަރު ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރެއްވީ ޕީޕީއެމްގެ ޕްރައިމަރީގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އެމައްސަލަ ބެލުމަށް އުމަރުގެ ސަޕޯޓަރަކު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް އެމައްސަލައިގައި ވަކިގޮތެއް ނުނިމެނީސް ކަމަށްވާތީ ޕީޕީއެމުން މިއަދު ނިންމި ނިންމުމާއި ގުޅިގެން ކޯޓު ހުކުމް އަންނަ ގޮތަކުން އުމަރަށާއި އޭނާގެ ސަޕޯޓަރުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެން ހިގައިދާނެ ކަމަށެވެ.
ސަލީމް ވިދާޅުވީ ޕީޕީއެމުން އުމަރު ވަކިކުރައްވާފައިވާ ވަގުތެއްގައި އަލުން ޕްރައިމަރީއެއް ބޭއްވުމަށް ކޯޓުން ހުކުމްކޮށްފިނަމަ އެފަދަ ޕްރައިމަރީއެއްގައި ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން އުމަރަށް މިހާރު ވާދަކުރުމުގެ ފުރުސަތުވެސް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
"އެގޮތަށް އެއަމަލުކުރީވެސް ކޯޓުން އަލުން ޕްރައިމަރީ ބޭއްވުމަށް ހުކުމްކޮށްފާނެތީވެ. މިހާރު މިވީ ގޮތުން އެފަދަ ހާލަތެއްގައި އުމަރަށް ވާދަނުކުރެވޭނެ" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުމަރު ޕީޕީއެމުން ވަކިކުރެއްވުމުން މާދަމާ އޭނާ އެމައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށާ ހައްޤު ގޮތުގައި ސާބިތުވެ ތިއްބަވާނެ ކަމަށެވެ.
އުމަރު ޕީޕީއެމުން ވަކިކުރުމަށް އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވަނީ ކޮމިޓީގައި ނެގުނު ވޯޓެއްގައި، ވޯޓުގައި ބައިވެރިވި ހަތަރު މެންބަރުންގެ އިއްތިފާޤުން ކަމަށް ވީނިއުސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި އުމަރު ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމިޓީން ނިންމި ނިންމުމާއި މެދު އުމަރު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާނަމަ އެމައްސަލަ ޕީޕީއެމްގެ އިސްތިއުނާފު ކޮމިޓީއަށް 15 ދުވަހުގެ ތެރޭގައި ހުށަހެޅުމަށްވެސް ޕީޕީއެމްގެ ސެކްރެޓޭރިއޭޓުން ވަނީ އުމަރަށް އަންގާފައެވެ.
ނަމަވެސް މާޒް ސަލީމް ވިދާޅުވީ އުމަރު އެމައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވަން ގަސްދު ނުކުރައްވާ ކަމަށެވެ.
"ޕާޓީން ވަކިކުރެއްވުމަށްފަހު ދެން ހުށަހަޅަން ޖެހޭ ކޮމިޓީއެއް އޮންނާނެ ކަމަކަށް އުމަރު ނަސީރު ދެކެވަޑައެއް ނުގަންނަވާ. އެހެންވީމާ އެމައްސަލަ އިސްތިއުނާފެއް ނުކުރާނެ" ސަލީމް ވިދާޅުވިއެވެ.
އުމަރު ޕީޕީއެމުން ވަކިކުރަން ނިންމުމާއި ގުޅިގެން އުމަރުގެ ސަޕޯޓަރުން ވަނީ މިއަދު ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފައެވެ.
އުމަރު ނަސީރު ޕީޕީއެމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ