ރާއްޖެ އަށް އާންމު ނުވާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތައެންފެޓަމިން، ދުބާއީ މަގުން ރާއްޖެ އައި ފިލިޕީންސް އަންހެނެއްގެ އަތުން މޯލްޑިވްސް ކަސްޓަމްސް ސާވިސުން އަތުލައިގެންފި އެވެ.
ސިންތެޓިކް ޑްރްގު ނުވަތަ ލެބޯޓްރީގައި ތައްޔާރުކުރާ ބާވަތެއް ކަމަށްވާ މެތައެމްފެޓަމިންގެ 2.953 ކިލޯ ފިލިޕީންސް އަންހެން މީހާގެ އަތުން އަތުލައިގަތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
ކަސްޓަމްސުން ބުނީ އޭނާގެ އަތުން ފެނުނު މަސްތުވާ ތަކެއްޗަކީ އެފްރިކާގެ ގައުމަކުން ތައިލެންޑަށް އެތެރެކުރަން އުޅުނު ތަކެތި ކަމާށާއި އޭނާ ރާއްޖެ އައީ ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ކަމަށެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ކަސްޓަމްސްގެ ސީނީއާ ސްޕްރިޑެންޓެންޓް އަހުމަދު ނިޔާޒު ވިދާޅުވީ މެތައެންފެޓަމިންއަކީ ރާއްޖެގައި އާންމު ވެފައިވާ މަސްތުވާއެއްޗެއް ނޫން ކަމަށާއި އެފްރިކާގެ ގައުމުތަކުގައި ތައްޔާރު ކުރާ އެ މަސްތުވާތަކެތި އޭޝިޔާ ޕެސިފިކް ރީޖަންގެ ގައުމުތަކުގެ ޑިމާންޑު ބޮޑު ކަމަށެވެ. އެގޮތުން މެލޭޝިޔާ އާއި ތައިލެންޑުގައި މެތައެންފެޓަމިންގެ ޑިމާންޑު ބޮޑު ކަމަށާއި އެ ގައުމުތަކަށް އެތަކެތި އެތެރެ ކުރުމުގައި ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި މި ސަރަހައްދު ގައުމުތައް ބޭނުން ކުރާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ކަސްޓަމްސުން ބުނީ ރާއްޖެ އައި ފިލިޕީސް އަންހެން މީހާގެ އަތުން އެތަކެތި ފެނުނީ ކަސްޓަމްސުން އޭނާއާ ސުވާލުކޮށް، އޭނާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ފާސްކުރުމުގެ ތެރޭގައި ފޮށީގައި އިތުރު ފުލެއް އަޅައި، ޕްލާސްޓިކް ކޮތަޅު އޮޅާ ފުރުވާފައި ވަނިކޮށް ކަމަށެވެ.
ރާއްޖޭގައި ޓްރާސްޓިޓްކޮށް ތައިލެންޑަށް އެތެރެކުރަން އުޅުނު ތިން ކިލޯ އަށް ވުރެ ގިނަ ކޮކެއިން ޕިލިޕީސް މީހެއްގެ އަތުން މި އަހަރުގެ ކުރީ ކޮޅު ވެސް ވަނީ އަތުލައިގެންފަ އެވެ. އަދި ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށްގެން ދުނިޔޭގެ އެހެން ގައުމަކަށް އެތެރެކުރަން އުޅުނު 1.6 ޓަނުގެ މަސްތުވާތަކެތި ކަނޑުއަޑީގައި ފައްތާފައި ހުއްޓާ 2006 ވަނަ އަހަރު ފެނިފައިވެ އެވެ.
ރާއްޖެ އަށް އާންމު ނުވާ މަސްތުވާއެއްޗެއް ކަސްޓަމްސުން އަތުލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ