ދަތްއެޅީ ބާނާފައި އޮތް މިޔަރެއްގެ އަނގަޔަށް އަތްލުމުން

އަތުގައި މިޔަރު ދަތް އެޅީ ބާނާފައި އޮތް މިޔަރެއްގެ އަނގައިން ބުޅި ނައްޓަން އޭގެ އަނގަޔަށް އަތްލުމުން ކަމަށް، ޒަހަމްވި އިއްލަތު ހަސަން ބުނެފި އެވެ.
އއ. ނިކަ ރިސޯޓްގައި ވަޒީފާ އަދާކުރާ އިއްލަތު ބުނީ ކަނާތުގައި ދަތް އެޅީ ޓޫރިސްޓުންނާ އެކު އިއްޔެ ފަތިހު މަހަށް ގޮސް އުޅެނިކޮށް ބޭނުނު ހަތަރު ވަރަކަށް ފޫޓުގެ މިޔަރެއް ކަމަށެވެ. ހިބަރާއި ކުރުމަސް ބާނަން ކުރި މަސް ދަތުރުގައި މިޔަރެއް ބޭނުނީ އެހެން މީހަކު އެއްލި ނަނެއްގަ އެވެ.
މަސްވެރިކަމުގެ ތަޖުރިބާ ނެތް އިއްލަތު ބުނީ ބުޅި ނައްޓަން އުޅުނީ މިޔަރު ބޭނި މީހާއަށް ބުޅި ނުނެއްޓޭނެ ކަމަށް ބުނުމުން ކަމަށެވެ.
"އަހަންނަކީ މަސްވެރިކަން ކުރާ މީހެއް ނޫން. އެކަމަކު އެ ބޭނި މީހާ ބުނީ އޭތީގެ ބުޅި ނައްޓުވާށޭ. އެކަމެއް ނުވާނެއޭ ނުކެރޭނެއޭ ބުނީމަ ވެސް ބުނީ ތިމަންނަ ބުނާ ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެއޭ. ދެން އެ މިޔަރުގެ ކަންފަތުގައި ހިފަހައްޓާފައި ބާރުކޮށްލިތަނާ މި ދަތް އެޅީ،" ދޯނީގެ ކެޕްޓަނަކަށް ހުރި އިއްލަތު ބުންޏެވެ.
އޭނާ ބުނީ މިޔަރު ދަތްއެޅުމާ އެކު އަތުން ލޭތައް ފައިބަން ފެށި ކަމަށާއި ފުރަތަމަ ފަރުވާ ހޯދީ ރިސޯޓުގެ ކްލިނިކުން ކަމަށެވެ. އިތުރު ފަރުވާއަށް މާލެ އައީ އިއްޔެ މެންދުރު ކަމަށެވެ. އިއްލަތު ބުނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްކުރި ކަމަށާއި މިހާރު ވެސް ތަދުވާ ކަމަށެވެ.
އޮޕަރޭޝަން ކުރިއިރު، ޒަހަމްވި ތަނުން ބައެއް މަސްތައް މަދުވާ ކަމަށާއި އެހެންވެ ފަހުން އެހެން އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އިއްލަތު ބުންޏެވެ.
"ރޭ މި ފެހީ މިވަގުތަށް ފެހެން ހުރި ތަންތަން. އެހެންވެ ފަހުން ކުރަން ނިންމީ. ފަހުން ކުރާއިރު، ރޭ އޮޕަރޭޝަން ކުރިތަން އިންފެކްޓް ވެއްޖެ ނަމަ މުޅި އަތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމަށް ޑޮކްޓަރުން ބުނީ،" އިއްލަތު ބުންޏެވެ.
ހޮސްޕިޓަލުގައި ބާއްވައިގެން އިއްލަތަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ