ދަމުނަމާދުގައި ކިޔަވާނެ ދިގު ސޫރަތް ހިތުދަސްކުރެވިފައި ނެތުމަކީ ރަކްއަތް ދިގުކޮށް ނަމާދުކުރަން އޮތް ހުރަހެއް ނޫން! މިމަގުން ޢަމަލުކޮށްލާ!

ކުޑައިރު ޤުރްއާން ހިތުދަސްކުރެވިފައިވާ މިންވަރާއިމެދު ކަންބޮޑުނުވާށެވެ. މިއަދު ބޮޑުވެފައި ހުރިނަމަވެސް މުސްކުޅިވެފައި ހުރިނަމަވެސް ދަސްކުރަން މަސައްކަތްކުރުމުން އެމީހަކަށް އެކަން ހިންމަވައި ދެއްވަވާނެއެވެ އިން ޝާ ﷲ. ދުނިޔޭގައިވާ ބޮޑެތި ފޮތްތަކުގެ ތެރެއިން ހިތުދަސްކުރަން އެންމެ ފަސޭހަ ފޮތަކީ ކީރިތި ޤުރްއާންކަން މުޅި ދުނިޔެވެސް ޤަބޫލުކުރެއެވެ. އެއީވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ ތެދުކަމުގެ ހެއްކެކެވެ.  
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޤުރްއާން ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟"
(އަލްޤަމަރު: 17) 
ކޮންމެއަކަސް ބުނެލަން ބޭނުންވަނީ ދަމުނަމާދުގައި ދިގުކޮށް ކިޔަވާލަން ބޭނުންވާ މީހާއަށް ހިތުން ނުއެނގޭނަމަ، ޢާންމުކޮށް ކިޔަވަންގެންގުޅޭ ސޫރަތްފޮތް ފަދަ ފޮތެއްވެސް ބޭނުންކުރެވިދާނެއެވެ. އަދި ގެންގުޅޭ ފޯނުބަލައިގެންވެސް ކިޔެވިދާނެއެވެ. ވީމާ އޮތީ އެމީހަކަށް ކިޔަވަންކެރުނު މިންވަރެކެވެ.  
ބުރައަކަށްވާނަމަ ކޮންމެ ރެއަކު އެހައި ދިގުކޮށް ކިޔެވުމެއްވެސް ނެތެވެ. މިބުނަނީ އެރެއަކު އެމީހަކަށް ކެރިކުޅަދާނަވާމިންވަރަކަށް ކިޔެވުމުން ފުދޭނެވާހަކައެވެ. އެންމެ މުހިންމު ކަމަކީ ރޭއަޅުކަން ކުރުމެވެ. އެކަމަށް އާދަކުރުމެވެ. ރޭއަޅުކަންކުރަން އާދަކުރެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެހެންވެ ބައެއް ޢިލްމްވެރިން ވިދާޅުވަނީ ރޭއަޅުކަންކުރެވޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ކަމަށެވެ. ވީމާ ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަމަށް މަސައްކަތްކުރާ މީހަކަށް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  
- އިސްލާމީ ތިލަފަތުގެ ދަރުސަކުން  
ނަމާދާއި ގުޅުންހުރި ބައެއް ސުވާލާއި ޖަވާބު:  
ދަމުނަމާދާއި އެނޫންވެސް ސުންނަތް ނަމާދު ތަކުގައި މުސްހަފުން ބަލައިގެން ކިޔެވުމަކީ ކޮންކަހަލަ ކަމެއްތޯ؟ 
ސުންނަތް ނަމާދުތަކުގައި މުޞްޙަފް ބަލައިގެން ކިޔެވުމަކީ އެންމެ ރަގަޅު ކަމެކެވެ.   
ވުޟޫކޮށްގެން ހުރެ މޭކަޕް ކޮށްފިނަމަ ވުޟޫ ގެއްލޭނެތޯ؟ 
ވުޟޫކޮށްގެން ހުރެ މޭކަޕް ކުރުމަކުން ވުޟޫ އެއް ނުގެއްލޭނެއެވެ.والله أعلم. 
ޢަސްރުނަމާދަށްފަހު ގަޟާނަމާދު ކުރެވިދާނެތޯ؟ 
ނަމާދުތައް ކުރަން ޖެހެނީ ތަރްތީބުންނެވެ. ފުރަތަމަ ފަތިސް، ދެން މެންދުރު ދެން ޢަޞްރު ދެން މަޣްރިބް ދެން ޢިޝާ އެވެ. ވީމާ، ޢަޞްރު ކުރުމުގެ ކުރިން ގަޟާ ކުރަން ޖެހޭ ނަމާދެއް އޮތްނަމަ އެނަމާދެއް ކުރުމަށްފަހުގައި ނޫނީ ޢަޞްރުކޮށްގެން ނުވާނެއެވެ. والله أعلم. 
ވުޟޫކުރާއިރު ދެއަތްތިލަ ދޮންނައިރު ބިސްމީގެ އިތުރުން ކިޔަން ޖެހޭ ދުވާޢެއް އޮވޭތޯއެވެ. ދުވާއެއް ކިޔަން ނުޖެހޭނަމަ އެއްވެސް އެއްޗެއް ކިޔަން ޖެހޭނެ ތޯއެވެ؟ ދީނުގައި މިކަން އޮންނަނީ ކިހިނެއް ތޮއެއެވެ؟ 
ވުޟޫ ކުރަން ފެށުމުގެ ކުރިން ކިޔާނެ ވަކި ޚާއްޞަ ދުޢާ އެއް ސުންނަތުގައި ވާރިދުވެފައެއް ނުވެއެވެ. والله أعلم. 
ފަރުޟު ނަމާދަށްފަހު ދުޢާ ކުރާ އިރު ދެއަތް އުފުލަން ޖެހޭތޯއެވެ؟ 
ފަރުޟު ނަމާދަށް ފަހުގައި ދުޢާ ކުރާ އިރު އަތް އުފުލާކަށް ނުޖެހޭނެއެވެ. والله أعلم. 
 
ސުވާލާ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ