ފޮޓޯ ނަގައިގެން "ހަވީރު"ގެ އަދްޝަން ހައްޔަރު!

ސ. ފޭދޫ ބަނދަރު ސަރަހައްދުގައި ކުލަ ހެދުމުގައި ހަރަކާތްތެރިވަމުން ދިޔަ ބަޔަކު ފޮޓޯ ނެގި މައްސަލައެއްގައި "ހަވީރު" ނޫހުގެ އަހްމަދު އަދްޝަން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.
މަންޒަރު ދުށް މީހަކު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ ފޭދޫ ބަނދަރު ސަރަހައްދުގައި ކުލަ ހެދުމުގައި ތިބި ބަޔަކު އާއްމުން ތަކެއް ޗެކް ކުރަނިކޮށް އެތަނަށް އަދުޝަން ގޮސް ފޮޓޯ ނެގުމާއި ގުޅިގެން އޭގެ ތެރެއިން މީހަކު އައިސް އެތަން ފޮޓޯ ނުނެގުމަށް އެދުމުން އަދްޝަން އެއީ ކޮންބައެއްތޯ ސުވާލު ކުރުމުން ފުލުހުން ކަމަށް ބުނި ކަމަށެވެ.
ދެން އަދްޝަން ފުލުހުންގެ ކާޑް ދެއްކުމަށް އެދުމުން "ކުލަހެދުމުގައި" ތިބި މީހުން އަދުޝަންގެ މީޑިއާ ކާޑް ހޯދުމަށް އެދުނެވެ. އަދި އަދްޝަން ކާޑް ދައްކާނީ އެއީ ކޮން ބައެއް ކަން އެގުމުން ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަދްޝަން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ މީޑިއާ ކާޑް ނެތި ފޮޓޯ ނެގި މައްސަލައަކާއި ލައިސަންސް ނެތި ދުއްވި މައްސަލައަކާއި ގުޅިގެންކަމަށެވެ.
މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަދުޝަން ގަމުގެ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން ޕޮލިހުން ބުނީ އަދްޝަން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި ގުޅިގެންކަމަށެވެ. އަދި ޓްރެފިކް މައްސަލައެއްގައި ގެނައި ނަމަ ބައްދަލު ކުރެވޭނެކަމަށެވެ.
ނަމަވެސް މިހާރު ފުލުހުން ބުނަނީ އަދްޝަން ހައްޔަރުކުރީ ޓްރެފިކް މައްސަލައެއްގައި ކަމަށެވެ.
ފޭދޫ ބަނދަރު ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އަދްޝަން އެތަަނަށް ފޮޓޯ ނަގަން ވަދެފައިވަނީ ހިނގާފައި ގޮސްކަމަށެވެ.
ފުލުހުންގެ ދެކުނު ކޮމާންޑަރ އަހްމަދު ޝިފާން މީގެ ކުރިން ބުނެފައިވަނީ ފުލުހުން އައްޑޫގައި ހިންގާ އެއްވެސް ހަރަކާތެއްގައި ކާޑް ނެތި ހަރަކާތްތެރި ނުވާމެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ